ޔޫރޯ ޗެމްޕިއަންޝިޕާއި، ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ނެގުމަށްފަހު ދުނިޔޭގައި ބޭއްވޭ ސަރަހައްދީ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ މުބާރާތަކީ އެފްރިކާ ކަޕް އޮފް ނޭޝަންސް އެވެ. އެފްރިކާ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ގައުމުތަކުން ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ކޮންމެ ދެ އަހަރުން އެއް އަހަރު އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ނަން މަޝްހޫރު އެތައް ކުޅުންތެރިންނެއް މި މުބާރާތުގައި ވާދަކުރެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ފެންވަރުގެ ކުޅުންތެރިން ހިމެނޭ އިރު ކްލަބް ފެންވަރުގައި އެ ކުޅުންތެރިން ހޯދާ ކާމިޔާބީ ސަރަހައްދީ ފެންވަރުގައި ހޯދޭތަން ފެންނަނީ ވަރަށް މަދުންނެވެ. މި އާޓިކަލްގައި މި ބަލާލަނީ އެފްރިކާގައި އުފެދުނު މޮޅު ކުޅުންތެރިންގެ ތެރެއިން އެފްރިކާ ކަޕް ކާމިޔާބުކުރެވިފައި ނުވާ ފަސް ކުޅުންތެރިއަކަށެވެ.
މުޙައްމަދު ސަލާހް
މިސްރުގެ އުމުރުން 33 އަހަރުގެ ފޯވާޑް މުޙައްމަދު ސަލާހަކީ މިފަހުގެ ތާރީހެއްގައި އެފްރިކާ ބައްރުން ވިދާލި ފުޓްބޯޅައިގެ އެންމެ އަލިގަދަ ތަރި އެވެ. ސަލާހް މިހާރު ކުޅެމުން އަންނަ ކްލަބް ކަމަށްވާ ލިވަޕޫލާއެކު ގިނަ ޓްރޮފީތަކެއް ހޯދާފައިވީ ނަމަވެސް އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތްކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތަށި އުފުލާލުމުގެ ޝަރަފް އަދި ސަލާހަށް ލިބިފައެއް ނުވެއެވެ.

އެފްރިކާ ކަޕްގެ ފައިނަލުން ބަލިވި މިސްތުގެ ސަލާހް. މިއަހަރުގެ މުބާރާތަކީ އަނެއްކާވެސް އުއްމީދެއް
މިސްރަކީ އެފްރިކާ ކަޕްގެ އެންމެ ކާމިޔާބު ގައުމެވެ. މިހާތަނަށް އެގައުމުން ވަނީ މި މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި އެގައުމުން ވަނީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު އެންމެ ފަހުން މިސްރުން މި މުބާރާތުގެ ތަށި އުފުލާލައިފައިވަނީ 2010 ވަނަ އަހަރު އެވެ. ގައުމީ ޓީމަށް ސަލާހް ކުޅެން ފަށައިފައިވަނީ ޖެހިގެން އައި އަހަރު އެވެ. އެކަމަކު އެފްރިކާ ކަޕްގައި މިސްރުގެ ގައުމީ ޓީމަށް ކުޅެން ސަލާހަށް ފުރަތަމަ ފުރުސަތު ލިބުނީ 2017 ވަނަ އަހަރު އެވެ. އޭގެ ކުރިން މުބާރާތް ބޭއްވި ތިން ފަހަރުވެސް މުބާރާތަށް މިސްރު ކޮލިފައިއެއް ނުވެ އެވެ. އެފްރިކާ ކަޕްގައި ސަލާހް ކުޅުނު ފުރަތަމަ އަހަރު މުބާރާތުގެ ފައިނަލުގައި ކުޅެފައިވާއިރު އެފަހަރުގެ ފައިނަލުން ބަލިވީ ކެމަރޫން އަތުންނެވެ. އޭގެ ފަހުން 2021 ވަނަ އަހަރުވެސް މިސްރަށް އެފްރިކާ ކަޕްގެ ފައިނަލުން ފުރުސަތު ލިބުނެވެ. އެކަމަކު އެއަހަރު ސަލާހްގެ މައްޗަށް ކުރި ހޯދީ އޭނާއާއެކު އޭރު ލިވަޕޫލްގައި ކުޅެމުންދިޔަ ސެނަގާލްގެ ސަޑިއޯ މާނޭ އެވެ.
އެންމެ ފަހުން ބޭއްވި އެފްރިކާ ކަޕް މުބާރާތުގައި ސަލާހް ކުޅުނު ނަމަވެސް މުބާރާތުގެ ކުރީކޮޅު ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް އެފަހަރު ޖެހުނީ ޓީމާ ވަކިވާށެވެ. އެފްރިކާ ކަޕް އުފުލާލުމުގެ ނަސީބު ނުލިބުނަސް ސަލާހް ވަނީ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރު ހާސިލްކޮށްފަ އެވެ.
ޑިޑިއޭ ޑްރޮގްބާ
އައިވަރީ ކޯސްޓްގެ ޑިޑިއޭ ޑްރޮގްބާއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ބޮޑު އެއް ކްލަބްކަމަށްވާ ޗެލްސީއަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅެފައިވާ އެއް ކުޅުންތެރިޔާ އެވެ. މިގޮތުން ޗެލްސީން ވާދަކުރި ބޮޑު ދިހަ ފައިނަލެއްގައި ޑްރޮގްބާ ވަނީ ނުވަ ގޯލް ކާމިޔާބުކޮށްފަ އެވެ. މި ދިހަ ފައިނަލްގެ ތެރެއިން އަށް ފައިނަލް ޗެލްސީން ވަނީ ކާމިޔާބުކޮށްފަ އެވެ.

2012 ވަނަ އަހަރުގެ ފައިނަލުގައި ހައިރާންކުރުވަނިވި ގޮތަކަށް ޒެމްބިއާ އަތުން ބަލިވުމުން ޑޮރޮގްބާ މާޔޫސްވެފައި. ޑްރޮގްބާ އަކީ ދުނިޔެ ދުށް މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް
ޗެލްސީގައި ގިނަ ކާމިޔާބީތަކެއް ޑްރޮގްބާ ހޯދި ނަމަވެސް އެފްރިކާ ކަޕްގައި ޑްރޮގްބާ އަށް އައިވަރީ ކޯސްޓާއެކު އެންމެ ދުރަށްވެސް ދެވުނީ މުބާރާތުގެ ފައިނަލާ ހަމައަށެވެ. މުބާރާތުގެ ފައިނަލްގައި އައިވަރީ ކޯސްޓުން ދެފަހަރެއްގެ މަތިން ވާދަކޮށްފައިވީ ނަމަވެސް އެ ދެފަހަރުވެސް އައިވަރީ ކޯސްޓަށް ނާކާމިޔާބުވެފައިވަނީ ޕެނަލްޓީ ޝޫޓްއައުޓްގަ އެވެ. މިސްރު އަތުން 2006 ވަނަ އަހަރުގެ ފައިނަލުގައި އައިވަރީ ކޯސްޓް ބަލިވިއިރު ޑްރޮގްބާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ފައިނަލްގައި ޒެމްބިއާ އަތުން އައިވަރީ ކޯސްޓް ބަލިވިއިރު މެޗްގެ ތެރެއިން އައިވަރީ ކޯސްޓަށް ލީޑް ހޯދައިދޭން ލިބުނު ފުރުސަތުގައި ޑްރޮގްބާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
ޖޯޖް ވެއާ
ކުޅުންތެރިއެއްގެ ގޮތުގައި ލައިބީރިއާ އަށް އުފަން ޖޯޖް ވެއާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު އެއީ އެފްރިކާގެ ތާރީހް ދުށް އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ވެއާ އަކީ އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ.

ލައިބީރިއާގެ ޖޯޖް ވެއާ. އެފްރިކާ ދުށް އެންމެ މޮޅު ކުޅުންތެރިޔާއަށް އެފްރިކާ ކަޕް ކާމިޔާބު ކުރެވޭ ގޮތެއް ނުވި
ޕީއެސްޖީ އާއި އޭސީ މިލާން އަދި ޗެލްސީއަށް ކުޅެފައިވާ ވެއާ އަށް ކްލަބް ފެންވަރުގައި އެތައް ކާމިޔާބީއެއް ހޯދައިފައިވީ ނަމަވެސް އެކަން ގައުމީ ޓީމުގައި ތަކުރާރު ކުރެވޭ ގޮތެއް ނުވި އެވެ. އެކަމަކު ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ އެފްރިކާ ކަޕްގައި ލައިބީރިއާއިން ވާދަކުރި ދެ ފަހަރަކީވެސް އެ ޓީމުގެ ސްކޮޑްގައި ވެއާ ހުރެގެން ހޯދި ދެ ފުރުސަތު ކަމެވެ.
ޖޯޖް ވެއާ ވަނީ ލައިބީރިއާގެ ރައީސްކަންވެސް 2018 އިން 2024 އަށް ކޮށްފައެއެވެ.
ންވަކްވޯ ކާނޫ
ނައިޖީރިއާ އަށް ނިސްބަތްވާ ވާންކޯ ކާނޫގެ ޓްރޮފީ ހަރުގަނޑު ތަށިތަކާއި މެޑަލްތަކުން ފުރިފައި ހުރި ނަމަވެސް އެ ހަރުގަނޑުން ފެންނަ އެންމެ ބޮޑު އެއް ފަޅުކަމަކީ އެއިން ސަރަހައްދީ އެންމެ ބޮޑު މުބާރާތުގެ ތަށި ފެންނަން ނެތުމެވެ.

މަޝްހޫރު ކްލަބްތަކަށް ކުޅެފައިވާ ކާނޫ. ނައިޖީރިއާއާ އެކު އެފްރިކާ ކަޕް އުފުލާލުމުގެ ނަސީބެއް ނުލިބުނު
ކާނޫ ވަނީ ނެދަލެންޑްސްގެ އަޔަކްސްއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން އިޓަލީގެ އިންޓަ މިލާނާއެކު ޔޫއެފާ ކަޕް ވެސް އުފުލާލައިފަ އެވެ. އެފްރިކާ ކަޕްގެ ތަށީގައި އަތް ބީއްސާލުމުގެ ނަސީބު ކާނޫއަށް ނުލިބުނު ނަމަވެސް އޭނާ ވަނީ 1993 ވަނަ އަހަރު އޮތް 17 އަހަރުން ދަށުގެ ވޯލްޑް ކަޕާއި، އޭގެ ފަހުން 1996 ވަނަ އަހަރު އޮތް އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތުގެ ރަން މެޑަލް ނައިޖީރިއާއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ނައިޖީރިއާއާއެކު އެފްރިކާ ކަޕްގައި ކާނޫއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 2000 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލްގައި ކުޅުމެވެ. އެ މުބާރާތުގެ ފައިނަލްގައި ކެމަރޫން އަތުން ޕެނަލްޓީ ޖަހައިގެން ނައިޖީރިއާ ބަލިވިއިރު އޭރު އުމުރުން އެންމެ 23 އަހަރުގެ ކާނޫ ފޮނުވާލި ޕެނަލްޓީ ވަނީ ކެމަރޫންގެ ގޯލްކީޕަރު މަތަކޮށްފަ އެވެ.
ސަރަހައްދީ އެންމެ ބޮޑު މުބާރާތުގެ ތަށި ނައިޖީރިއާ އަށް ހޯދައިދިނުމުގެ ޝަރަފް ކާނޫއަށް ނުލިބުނަސް އޭނާ ވަނީ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދައިފަ އެވެ.
މައިކަލް އެސިއެން
ޑިޑިއޭ ޑްރޮގްބާއެކޭ އެއްގޮތަށް ގާނާގެ މައިކަލް އެސިއެން ވެސް ވަނީ ޗެލްސީގައި 2006 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ހޭދަކުރި މުއްދަތުގެ ތެރޭގައި އެ ކްލަބަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެފްރިކާ ކަޕްގެ ތަށި 1982 ވަނަ އަހަރު ގާނާއިން ކާމިޔާބުކުރި ފަހުން އެ ގައުމަށް އަދި އެކާމިޔާބީ ތަކުރާރުކުރެވިފައެއް ނުވާއިރު އެސިއެން އެކޭ އެއްގޮތަށް ގާނާއިން މިފަހުން ފެނުނު ފުޓްބޯޅައިގެ ހުނަރުވެރި ޖީލުގެ އެއްވެސް ކުޅުންތެރިއަކަށް ސަރަހައްދީ އެންމެ ބޮޑު މުބާރާތުގެ ތަށި އުފުލާލުމުގެ ނަސީބު ލިބިފައެއް ނުވެ އެވެ.

ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެސިއެން. ރަން ޒަމާނުގައި ގާނާ އަށް އެފްރިކާ ކަޕް ހޯދައެއް ނުދެވުނު
ގާނާއާއެކު އެސިއަން އެންމެ ފުރަތަމަ އެފްރިކާ ކަޕަށް ނުކުތީ 2002 ވަނަ އަހަރު އެވެ. އެފަހަރު ގާނާއަށް ދެވޭ ވަރުވީ ކުއާޓާ ފައިނަލާ ހަމައަށެވެ. އޭގެ ދެ އަހަރު ފަހުން އޮތް މުބާރާތަށް ގާނާ ކޮލިފައިވެފައި ނުވާއިރު އަނިޔާގެ ސަބަބުން 2006 ވަނަ އަހަރުގެ މުބާރާތުގައި އެސިއެން ކުޅެފައެއް ނުވެ އެވެ. 2008 ވަނަ އަހަރުގެ މުބާރާތް އޮތީ ގާނާގައެވެ. އެކަމަކު އެފަހަރުވެސް ސެމީ ފައިނަލްގައި ކެމަރޫން އަތުން ބަލިވުމުން މުބާރާތާ އަލްވަދާއުކިޔަން ޖެހުނެވެ. އޭގެ ދެ އަހަރު ފަހުން އޮތް މުބާރާތުގެ ފައިނަލްގައި ގާނާ ކުޅުނު ނަމަވެސް އެ މުބާރާތުގެ މެދުތެރެއިން ލިބުނު އަނިޔާއަކާ ހެދި އެސިއަން އަށް ޖެހުނީ މުބާރާތް މާކުރިން ނިންމާލާށެވެ. އެ މުބާރާތުގެ ތަށި ހޯދީ ފައިނަލްގައި 0-1 އިން ގާނާ ބަލިކޮށް މިސްރުންނެވެ.