ފުރަތަމަ ސަފްޙާ / ޚަބަރު / ހާލުގައި އޮވެ ނިއުކާސަލް ބަލިކޮށް ޔުނައިޓެޑަށް ހިތްހަމަޖެހުން
ފަހުމިނެޓް

ހާލުގައި އޮވެ ނިއުކާސަލް ބަލިކޮށް ޔުނައިޓެޑަށް ހިތްހަމަޖެހުން

އެޑްމިން
އެޑްމިން
1 މަސް ކުރިން 27 ޑިސެމްބަރު 2025

އެފްރިކާ ކަޕަށް ކުޅުންތެރިން ދޫކުރަން ޖެހުމާއި، މުހިއްމު ބައެއް ކުޅުންތެރިން އަނިޔާގައި ތިބި ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑުން ރޭ ލީގުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފި އެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު އެ މެޗުން އެޓީމު މޮޅުވީ 0-1 އިންނެވެ. ހީވެސް ނުކޮށް ތިއްބާ ލިބުނު މުހިއްމު މޮޅާ އެކު އެޓީމަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

މޮޅާއެކު ޔުނައިޓެޑް ވަނީ 18 މެޗުން 29 ޕޮއިންޓް ލިބި ލީގުގެ ފަސް ވަނަ އަށް ކުރިއަށްޖެހިލާފަ އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ޕެޓްރިކް ޑޯގޫ އެވެ. ޑެންމާކުގެ ކުޅުންތެރިޔާ ގޯލު ޖެހީ އެޓީމުން ނެގި ކޯނަރެއްގައި ލިބުނު ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗަށް ނުކުތްއިރު ޔުނައިޓެޑްގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ބްރަޔަން އެމްބުއޭމޯ އާއި އަމަދް ޑިއާލޯ އަދި މަޒްރާއީ ހުރީ މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ގައުމީ ޓީމު ތަމްސީލުކުރާށެވެ. އަނެއްކޮޅުން އެޓީމުގެ މުހިއްމު މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ހުރީ އަނިޔާގައެވެ.

އެކުޅުންތެރިން ނުލައި މެޗުގައި ޔުނައިޓެޑް ކުޅުނީ ޕްރެޝަރުގަ އެވެ. ހާއްސަކޮށް ދެވަނަ ހާފުގައި ނިއުކާސަލް އިން ޔުނައިޓެޑަށް ނުރައްކާކުރި އެވެ. އެހެންނަމަވެސް ޑިފެންސް ފެނުނީ ވަރަށް ވަރުގަދަކޮށެވެ.

ލީގުގައި ޔުނައިޓެޑް ދެން ކުޅޭ މެޗުގައި ނުކުންނާނީ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށެވެ. އޭގެފަހުން ލީޑްސް ޔުނައިޓެޑާ ކުޅުމަށް ފަހު ބާންލީއާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!