ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް ބޮޑު ތަފާތަކުން ބަލިވިއިރު މި ސީޒަންގައި އެންމެ ވަރުގަދަކޮށް ފެންނަ އެއް ބާރު ކަމަށްވާ ބަޔާން މިޔުނިކް އަތުން އާސެނަލް ފުރިހަމަ މޮޅެއް ހޯދައިފިއެވެ.
މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ލިވަޕޫލް ރޭ ބަލިވީ ޕޯޗުގަލްގެ ޕީއެސްވީއާ ވާދަކޮށް 1-4 އިންނެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އާސެނަލުން ބަޔާންގެ މައްޗަށް ކުރި ހޯދީ 1-3 އިންނެވެ.
ރޭގެ މެޗަކީ އެންމެ ފަހުން ލިވަޕޫލް ކުޅުނު 12 މެޗްގެ ތެރެއިން ބަލިވި ނުވަ ވަނަ މެޗެވެ. މިއީ 1953 ވަނަ އަހަރުގެ ފަހުން ލިވަޕޫލްގެ ފޯމް އެންމެ ބޮޑަށް އަޑިއަޅާލި ފަހަރެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ތިން ލަނޑުގެ ތަފާތަކުން ބަލިވެފައި އޮއްވައި ރޭގެ މެޗާ އެޓީމުން ކުރިމަތިލީ ނަމަވެސް، ޗެމްޕިއަންސް ލީގުގައި މިފަހަރު ލިވަޕޫލުން ރަގަޅު ނަތީޖާތަކެއް ނެރެފައިވުމާއެކު ރޭގެ ނަތީޖާ ތަފާތުވާނެ ކަމަށް ބެލެވުނެވެ.
އެހެން ނަމަވެސް ރޭގެ މެޗްގައި ލިވަޕޫލްގެ ފަރާތުން ފެނުނީ ޕްރިމިއާ ލީގުގައި އެ ޓީމުގެ ފަރާތުން ތަކުރާރުވަމުން އަންނަ ދަށް ކުޅުމެވެ. މެޗް ފަށައިގެން ހަވަނަ މިނެޓްގައި ލިވަޕޫލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ބޯޅައިގައި އަތްލުމުގެ ސަބަބުން ޕީއެސްވީއަށް ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން އެ ޓީމުން ލީޑު ނެގިއެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިއާ ފޯވާޑް އިވާން ޕެރިސިޗެވެ. އެކަމަކު އޭގެ 10 މިނެޓް ފަހުން ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. އެއާއެކު ލިވަޕޫލުން ކުޅުން ރަގަޅު ކުރިތަން ފެނުނުއިރު އެ ޓީމުގެ ފޯވާޑް ކޯޑީ ގަކްޕޯ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔައެވެ. އޭގެ އިތުރުން ވެން ޑައިކް ބޮލުން ފޮނުވާލި ހަމަލާއެއް ދަނޑީގައިވެސް ޖެހުނެވެ.
ޕީއެސްވީން އަލުން ލީޑް ނެގީ މެޗްގެ ދެވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓްގެ ތެރޭގައި ގޫސް ޓިލް އެވެ. ޕީއެސްވީން ޖެހި ފަހު ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުން ނުކުތް މޮރްކޯގެ ކޫބް ރައުޗް އެވެ. މި ނަތީޖާއާއެކު ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ލީގު ތާވަލްގެ 13 ވަނައަށް ވެއްޓިފައެވެ.

ބަޔާން ކޮޅަށް ގޯލު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ. އާސެނަލް އޮތީ ރަނގަޅު ފޯމެއްގައި
އަނެއްކޮޅުން ބަޔާން މިޔުނިކްގެ މައްޗަށް އާސެނަލުން ރޭ ހޯދި މޮޅާއެކު އެ ޓީމުން މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ދަމަހައްޓަމުން އަންނަ 100 ޕަސެންޓް ރެކޯޑް ވަނީ އާކޮށްފައެވެ. މިއީ 2005 ވަނަ އަހަރުގެ ސީޒަންގެ ފަހުން ޗެމްޕިއަންސް ލީގުގައި އާސެނަލުން ކުޅުނު ފުރަތަމަ ފަސް މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
2005 ވަނަ އަހަރުގެ ސީޒަނަކީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލް ވާދަކުރި ހަމައެކަނި ފަހަރެވެ. އެފަހަރު ފައިނަލްގައި އާސެނަލް ބަލިވީ ބާސެލޯނާ އަތުންނެވެ. ރޭގެ މެޗަކީ މިފަހަރުގެ ސީޒަންގައި އާސެނަލުން މިހާތަނަށް ކުޅުނު 19 މެޗްގެ ތެރެއިން މޮޅުވި 16 ވަނަ މެޗެވެ. އެޓީމް މި ސީޒަންގައި އަދި ބަލިވީ އެންމެ މެޗަކުންނެވެ.
ރޭ އާސެނަލުން ބަޔާންގެ މައްޗަށް ރޭ ހޯދި މޮޅަކީ 2015 ގެ ފަހުން އެ ޓީމުން ބަޔާންގެ މައްޗަށް ހޯދި ފުރަތަމަ ކާމިޔާބެވެ. އޭގެ ފަހުން ބަޔާން އާއި އާސެނަލް ފަސް ފަހަރު ބައްދަލުކޮށްފައިވެއެވެ.
ރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް އާސެނަލުންނެވެ. ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 22 ވަނަ މިނެޓްގައި ހޫރިއަން ޓިމްބާއެވެ. އޭގެ ދިހަ މިނެޓް ފަހުން ބަޔާންގެ 17 އަހަރުގެ ޒުވާން ފޯވާޑް ލެނާޓް ކާލް ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމކުރިއެވެ.
މެޗްގެ ނަތީޖާ އާސެނަލް ކޮޅަށް އަނބުރާލީ ފަހު ހާފުގައި އެ ޓީމުން ކާމިޔާބުކުރި ދެ ގޯލުންނެވެ. އެ ދެ ގޯލްގެ ތެރެއިން ފުރަތަމަ ގޯލް މެޗްގެ 69 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޗެލްސީން އާސެނަލްށް ބަދަލުވި ނޮނީ މަޑުއެކޭ އެވެ. ފަހު ލަނޑު އޭގެ 8 މިނެޓް ފަހުން އާސެނަލަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގަބްރިއެލް މާޓިނެލީ އެވެ.