ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނައިޓެޑަށް ކުޅުމަކީ ވަރަށް ގިނަ ކުޅުންތެރިން ދެކޭ ހުވަފެނެއް: ސެސްކޯ
ފަހުމިނެޓް

ޔުނައިޓެޑަށް ކުޅުމަކީ ވަރަށް ގިނަ ކުޅުންތެރިން ދެކޭ ހުވަފެނެއް: ސެސްކޯ

އެޑްމިން
އެޑްމިން
3 މަސް ކުރިން 25 އޮކްޓޫބަރު 2025

މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަކީ ވަރަށް ގިނަ ފުޓްބޯޅަ ކުޅުންތެރިން ދެކޭނެ ހުވަފެނެއް ކަމަށް މިދިޔަ ހޫނު މޫސުމުގައި އެ ކްލަބާ ގުޅުނު ސްލޮވީނިއާގެ ފޯވާޑް ބެންޔަމިން ސެސްކޯ ބުނެފި އެވެ.

ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގުން 22 އަހަރުގެ ސެސްކޯ ޔުނައިޓެޑަށް ބަދަލުވީ ގާތްގަނޑަކަށް 99 މިލިއަން ޑޮލަރަށެވެ. ސެސްކޯ ގަބޫލުކުރާ ގޮތުގައި މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ހާސިލްކުރެވުނު އެންމެ ބޮޑު ކުރިއެރުމެވެ.

“އަހަރެން ޔުނައިޓެޑަށް ބަދަލުވާން ހިތްޖެހުނު ސަބަބު އެނގޭތަ؟ އަހަރެން ހިތުން އެއީ އަހަރެން އެކަންޏަށް ވާނެ ގޮތެއް ނޫން. ޔުނައިޓެޑަށް ކުޅުމަކީ ވަރަށް ގިނަ ފުޓްބޯޅަ ކުޅުންތެރިންގެ ހުވަފެނަކަށް ވާނެ. އެއީ ވަރަށް ގިނަ ކުޅުންތެރިންގެ ކެރިއަރުގައި ހާސިލްކުރަން ބޭނުންވާނެ ކަމެއް.” ސްލޮވީނިއާގެ ގައުމީ ޓީމުގައިވެސް ހިމެނޭ ސެސްކޯ ބުނެފައިވެއެވެ.

ބޮޑުއަގުގައި ޔުނައިޓެޑަށް ބަދަލުވިޔަސް އޭނާގެ ފަރާތުން އެންމެ ބޭނުންވާ ވަރުގެ ކުޅުމެއް އަދި ސަޕޯޓަރުންނަކަށް ނުފެނެ އެވެ. ފުރަތަމަ މެޗުތަކުގައި ކޯޗު ރުބެން އަމޮރިމް ސެސްކޯއަށް ފުރަތަ އެގާރައިން ޖާގަ ނުދިން ނަމަވެސް މިހާރު ސެސްކޯ އަންނަނީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

މިދިޔަ ޖަރުމަނު ލީގުގައި ލައިޕްޒިގަށް ސެސްކޯ 13 ގޯލް ކާމިޔާބުކޮށްދީފައިވާއިރު ޔުނައިޓެޑްގެ ޖޯޒީގައި އަދި ސެސްކޯއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ ގޯލެވެ.

“މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުގެ ފުރުސަތު ލިބުނުކަން އަހަރެންނަށް އެނގުމުން ވަރަށް ތަފާތު އިހްސާސެއް ކުރެވުނު. އެއީ އަބަދުވެސް އަހަރެން އެދިގެން ހުރި ކަމެއް. މި ކްލަބަށް ބަދަލުވާ ހިސާބުން އެކުޅުންތެރިއެއްގެ މުޅި ދުނިޔެ ބަދަލުވޭ. މިއީ އަހަރެން ވަރަށް ލޯބިވާ ކްލަބެއް. މި ކްލަބަށް ކުޅުމަކީ ޕްރެޝަރުވެސް އޮތް ކަމެއް. އެކަމަކު އެ ޕްރެޝަރު އަހަރެން ނަގަނީ ފަހުރުވެރިކަމާއެކު. އެއީ އަހަރެންނަށް ކުރިއަށް ދިއުމަށް ލިބޭ އިތުރު ބާރެއް.” ސެސްކޯ ބުނެފައިވެ އެވެ.

ލީގުގައި ޔުނައިޓެޑް މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. ފުރަތަމަ 8 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ 9 ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!