ފުރަތަމަ ސަފްޙާ / ޚަބަރު / ހާލަންޑުގެ ނުރައްކާ ބޮޑުވެ ޓީމުތަކަށް ބިރަކަށް ވެއްޖެ
ފަހުމިނެޓް

ހާލަންޑުގެ ނުރައްކާ ބޮޑުވެ ޓީމުތަކަށް ބިރަކަށް ވެއްޖެ

އެޑްމިން
އެޑްމިން
4 މަސް ކުރިން 19 އޮކްޓޫބަރު 2025

އިނިގިރޭސި ޕްރިމިއާ ލީގުގައި ކުޅުންތެރިއަކަށް ފުރަތަމަ އަށް މެޗުން ދެއަކުރުގެ އަދަދަކަށް ގޯލު ހަމަކުރެވިފައިވަނީ އަދި އެންމެ ތިން ސީޒަނުގަ އެވެ. އެއީ މި ސީޒަނުގެ އިތުރުން މިދިޔަ ސީޒަނާއި އޭގެ ކުރީ ސީޒަނެވެ.

މިއިން ކޮންމެ ފަހަރަކުވެސް އެކަން ކޮށްފައިވަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ. ރޭ އެވަޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީން ކުޅުނު މެޗު 0-2 އިން އެޓީމު ކާމިޔާބުކުރީ ހާލަންޑުގެ ދެ ގޯލުންނެވެ. އެ ދެ ގޯލާ އެކު ހާލަންޑް ލީގުގައި ޖެހި ގޯލުގެ އަދަދު މިހާރު ވެސް ވަނީ 11 އަށް އަރައިފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެވަޓަންއިން ހާލަންޑަށް އެއްވެސް ފުރުސަތެއް ނުދީ ހިފެހެއްޓި ނަމަވެސް ފަހު ހާފުގައި ސިޓީގެ ކުޅުންތެރިން ތަނަވަސްކޮށްދިން ފުރުސަތުތަކުގެ ބޭނުން ހިފައިގެން ހާލަންޑް ވަނީ އެވަޓަންގެ ގޯލު ދެފަހަރުބފޫއަޅުވާލައިފަ އެވެ.

ރޭގެ މެޗް ނިމުމާއެކު އެވަޓަންގެ ކޯޗް ޑޭވިޑް މޮޔެސް ވަނީ ހާލަންޑް ގާތަށް ގޮސް ވާހަކަދައްކައިފަ އެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިން މޮޔެސްއާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެއީ ހާލަންޑުގެ ކުޅަދާނަކަމާ ގުޅޭގޮތުން ވާހަކަދެއްކީ ކަމަށެވެ.

“އަހަރެން ހިތަށް އަރާ އަހަރެމެންނާ އިދިކޮޅަށް ކުޅޭ ޓީމެއްގައި އޭނަ ނުހުންނާނެ ނަމައޭ. އަހަރެންނަށް ހީވަނީ އެހެން ކޯޗުންވެސް ހަމަ މިހެން ހިތަށް އަރާނެހެން” ސްކޮޓްލެންޑަށް އުފަން މޮޔަސް ބުންޏެވެ.

“އަހަރެން ގަބޫލުކުރާ ގޮތުގައި އެވަޓަން އިން މިރޭގެ މެޗުގައި ވަރަށް ރަގަޅަށް ކުޅުނު. އެކަމަކު އެހެންވެސް ކިހިނެއް ބުނާނީ. އޭނަ ދެ ގޯލު ވިއްޔަ އެ ޖެހީ.” ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކޯޗުކަން ކޮށްދިން އުމުރުން 62 އަހަރުގެ މޮޔެސް އިތުރަށް ބުޔެފައިވެ އެވެ.

މި ސީޒަނުގައި ގައުމީ ޓީމަށާއި ކްލަބަށް މިހާތަނަށް 13 މެޗު ހާލަންޑް ކުޅެދީފައިވާއިރު އޭނާ ވަނީ ޖުމްލަ 23 ގޯލް ޖަހައިފަ އެވެ. އޭގެ ތެރެއިން އަށް ގޯލަކީ ވޯލްޑް ކަޕް ކޮލިފައިންގައި ނޯވޭއަށް ހާލަންޑް ކާމިޔާބުކޮށްދިން ގޯލުތަކެވެ.

ހާލަންޑުގެ މިގޯލުތަކާއެކު ނޯވޭ ވަނީ އަންނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމާއި ވަރަށް ގާތަށް ޖެހިލައިފަ އެވެ. މިސީޒަނުގައި މިހާތަނަށް ހާލަންޑް ވަނީ ޓޮޓެންހަމް ހޮޓްސްޕާ ފިޔަވައި އިދިކޮޅުން ކުޅުނު ހުރިހާ ޓީމެއް ކޮޅަށްވެސް ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން ސިޓީން މި ސީޒަނުގައި މިހާތަނަށް ޖެހި 17 ގޯލުގެ ތެރެއިން 13 ގޯލަކީ ހާލަންޑް ޖެހި ގޯލުތަކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!