ފުރަތަމަ ސަފްޙާ / ޚަބަރު / ޖަޕާނުން ފަހަތުން އަރައި ބްރެޒިލް ބަލިކޮށްފި

ޖަޕާނުން ފަހަތުން އަރައި ބްރެޒިލް ބަލިކޮށްފި

އެޑްމިން
އެޑްމިން
4 މަސް ކުރިން 15 އޮކްޓޫބަރު 2025

އިއްޔެ ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ބްރެޒިލުން ދެ ލަނޑު ޖަހައިފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ޖަޕާން މޮޅުވެއްޖެ އެވެ.

މިއީ ފުޓްބޯޅައިގައި ބްރެޒިލް އަތުން ޖަޕާން މޮޅުވި ފުރަތަމަ ފަހަރެވެ. ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން، އަންނަ އަހަރު އުތުރު އެމެރިކާ ސަރަހައްދުގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ބްރެޒިލުން ޖަޕާނާ ދެކޮޅަށް ޖަޕާނުގައި ކުޅުނު މެޗުގައި ލީޑު ނެގީ މެޗުގެ 26 ވަނަ މިނެޓްގަ އެވެ. މިލަނޑު ބްރެޒިލަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރޫނޯ ގިމަރޭޝް ދިން ބޯޅައަކުން ޕައުލޯ އެންރިކޭއެވެ. އޭގެ ހަ މިނެޓް ފަހުން ބްރެޒިލަށް ލީޑް ފުޅާކޮށްދިނީ ލޫކަސް ޕަކޭޓާ ދިން ޕާހަކުން އާސެނަލްގެ ފޯވާޑް ގަބްރިއެލް މާޓިނެލީ އެވެ.

ބްރެޒިލްގެ މައްޗަށް ޖަޕާނުން ހޯދި ފުރިހަމަ އަދި ތާރީހީ ކާމިޔާބީއަށް މަގުކޮށައިދިން ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަހު ހާފު ފަށައިގެން ހަތް ވަނަ މިނެޓްގެ ތެރޭގައި ކުރިން ލިވަޕޫލަށް ކުޅުނު ޓަކުމީ މިނަމީނޯ އެވެ. ޖަޕާނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އޭގެ ދިހަ މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ކީޓޯ ނަކަމޫރާ އެވެ.

މެޗުގެ ނަތީޖާ ޖަޕާނުކޮޅަށް އަނބުރާލި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 71 ވަނަ މިނެޓްގައި އައެސޭ އުއެޑާ އެވެ. ޖަޕާނު އަތުން ބްރެޒިލް ބަލިވެފައި މިވަނީ މިދިޔަ ހުކުރު ދުވަހު ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި 0-5 އިން ދެކުނު ކޮރެޔާ އަތުން މޮޅުވެފައި އޮއްވައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!