ފުރަތަމަ ސަފްޙާ / ޚަބަރު / ބްރެޒިލްގެ ވަގުތީ ކޯޗު މަގާމުން ވަކިކޮށްފި

ބްރެޒިލްގެ ވަގުތީ ކޯޗު މަގާމުން ވަކިކޮށްފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 6 ޖެނުއަރީ 2024

ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓިމާ ހަވާލުވެ ހުރި ވަގުތީ ކޯޗު، ފެނާންޑޯ ޑިނިޒް ހަ މަހަށް ފަހު މަގާމުން ވަކިކޮށްފި އެވެ.

ބްރެޒިލްގެ އިންޓަރިމް ކޯޗުގެ ގޮތުގައި ޑިނިޒް އެޓީމާ ހަވާލުވީ އެއް އަހަރުގެ މުއްދަތަކަށެވެ. އެ ޒިންމާއާ ޑިނިޒް ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި ހަތަރު ވަނަ ދުވަހު އެވެ. ބްރެޒިލްއާ ހަވާލުވިއިރު ޑިނިޒް ހުރީ އެގައުމުގެ ކްލަބް ފްލުމިނެންސްގެ ކޯޗަށެވެ. މިދިޔަ ސީޒަނުގައި ޑިނިޒް ވަނީ އެ ކްލަބަށް ކޮޕަ ލިބަޓަޑޮރެސް ކާމިޔާބުކޮށްދީފަ އެވެ.

ބްރެޒިލް ކޯޗުކަމުން ވަކިވުމާ އެކު 49 އަހަރުގެ ކޯޗު ދެން އިރުޝާދުދޭނީ ހަމައެކަނި ފްލުމިނެންސް އަށެވެ.

ޑިނިޒް މަގާމުން ވަކިކުރީ އޭނާގެ ކޯޗުކަމުގައި ބްރެޒިލްގެ ނަތީޖާތައް ދަށްވުމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް ކުޅުނު ފުރަތަމަ ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. ތިން މެޗުން ބަލިވިއިރު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކޮލިފައިންގައި ބްރެޒިލް މިވަގުތު އޮތީ ހަ ވަނައިގަ އެވެ. ފުރަތަމަ މެޗުތަކުގެ ނަތީޖާތަށް ދަށްވުމާ އެކު 2026 ވަނަ އަހަރު ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި އޮންނަ ވޯލްޑް ކަޕްގެ އޮޓަމެޓިކް ކޮލިފައިން ޖާގައަކަށް އެގައުމު ކުރަންޖެހޭ މަސައްކަތް ވަނީ އިތުރުވެފަ އެވެ.

ބްރެޒިލުން މިހާރު އަންނަނީ އެޓީމަށް ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބްރެޒިލް ފުޓްބޯޅައިގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް މިދިޔަ ޖުލައި މަހު ބުނީ ޑިނިޒް އަށް ފަހު އެގައުމުގެ ކޯޗުކަމާ ހަވާލުވާނީ މިހާރު ރެއާލް މެޑްރިޑްގައި ހުރި ކޯޗު ކާލޯ އަންޗެލޮޓީ ކަމަށެވެ. އެކަމަކު 64 އަހަރުގެ އިޓަލީ އަށް އުފަން ކޯޗު ވަނީ މިދިޔަ މަހު ރެއާލް މެޑްރިޑްގެ އާ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އާ އެއްބަސްވުމާ އެކު އަންޗެލޮޓީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލްގައި މަޑުކުރާނެ އެވެ.

ރެއާލްއާ އެކު އެއްބަސްވުން އާކުރުމަށް ފަހު އަންޗެލޮޓީ ބުނީ ބްރެޒިލުން ލިބުނު ފުރުސަތުގެ ބޭނުން ނުހިފި ސަބަބު ހާމަކުރަން ބޭނުންނުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އަންޗެލޮޓީ ބްރެޒިލްގެ ކޯޗުކަމަށް ނޫނެކޭ ބުނީ ޓީމުގެ ހުރިހާ ކަމެއްގެ ކޮންޓްރޯލް އޭނާ އަށް ލިބޭނެކަމުގެ ޔަގީންކަން ނެތުމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!