ފުރަތަމަ ސަފްޙާ / ޚަބަރު / ބްރެޒިލްގެ ޓީމުތައް މިފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ތަފާތީ ކީއްވެ؟

ބްރެޒިލްގެ ޓީމުތައް މިފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ތަފާތީ ކީއްވެ؟

އެޑްމިން
އެޑްމިން
7 މަސް ކުރިން 27 ޖޫން 2025

މިހާރު އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއްކަމަކީ މުބާރާތުގައި ބްރެޒިލުން ބައިވެރިވި ހުރިހާ ޓީމެއް މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކުރުމެވެ. 32 ޓީމަށް ބައިވެރިވެވޭ ގޮތަށް އަލަށް އެކުލަވާލި ފޯމެޓަށް ކުޅޭ ފުރަތަމަ މުބާރާތުގައި ބްރެޒިލުން ހަތަރު ޓީމު ވާދަކުރެ އެވެ. އެއީ ބްރެޒިލްގެ ވެރިރަށް ރިއޯ ޑި ޖެނީރޯ އަށް ނިސްބަތްވާ ތިން ޓީމު ކަމަށްވާ ބޮޓަފޯގޯ، ފްލަމެންގޯ އަދި ފްލޫމިނީސްގެ އިތުރުން ސައޮ ޕޯލޯއަށް ނިސްބަތްވާ ކްލަބް ޕަލްމެއިރާސް އެވެ.

މި ހަތަރު ޓީމުވެސް މުބާރާތުގެ ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފައިވާއިރު މީގެ ތެރެއިން ބައެއް ޓީމުތައް ވަނީ މި މުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ވެސް ނެރެފަ އެވެ. މިގޮތުން ބޮޓަފޯގޯއިން ގްރޫޕް ސްޓޭޖްގައި ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިފައިވާއިރު ފްލެމެންގޯއިން ވަނީ ޗެލްސީ އާ ވާދަކޮށް ފަހަތުން އަރައި 1-3 އިން މޮޅުވެފަ އެވެ. މި ނަތީޖާތަކާއެކު މި މުބާރާތުގެ ފޯރި ބްރެޒިލްގައި މިހާރު ވަނީ ވަރަށް ގަދަވެފަ އެވެ. އަދި، މުބާރާތުގެ ތަށި 13 އަހަރު ފަހުން އަލުން ބްރެޒިލަށް ގެންދެވޭނެ ކަމުގެ ހުވަފެން މިހާރު އެ ގައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ކުރަމުންނެވެ.

މުބާރާތުގެ ނޮކައުޓް ބުރަށް ބްރެޒިލްގެ ހުރިހާ ޓީމެއް ދަތުރުކުރިއިރު ބްރެޒިލްއާ އެންމެ ވާދަވެރި އާޖެންޓީނާގެ ކްލަބްތަކަށް މިހާރު ވަނީ މުބާރާތް ނިމިފަ އެވެ. މިފަހަރުގެ މުބާރާތުން ފުރުސަތު ލިބުނު އާޖެންޓީނާގެ ދެ ޓީމަކީ އެ ގައުމުގެ އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ ބޮކާ ޖޫނިއާސް އާއި ރިވަޕްލޭޓެވެ.

ފްލަމެންގޯއިން ޗެލްސީ ބަލިކުރި މެޗަށް ފަހު އުފާފާޅުކުރަނީ.

ގަދަ 16 ގެ މެޗްތައް ކުޅެން ހަމަޖެހިފައި އޮތް ގޮތުން މިހާރުވެސް ބްރެޒިލްގެ ކޮންމެވެސް އެއް ޓީމަކަށް ކުއާޓާ ފައިނަލްގެ ޖާގަ ލިބޭނެކަން އޮތީ ޔަގީންވެފަ އެވެ. އެއީ ބޮޓަފޯގޯ އާއި ޕަލްމެއިރާސް މާދަމާ ރޭ ކުޅެން ހަމަޖެހިފައި އޮތް ގަދަ 16 ގެ މެޗުގައި ވާދަކުރަންޖެހިފައި އޮތުމުންނެވެ. ގަދަ 16 އަށް ދަތުރުކުރި އަނެއް ދެ ޓީމުގެ ތެރެއިން ފްލެމެންގޯ އާދިއްތަ ދުވަހުގެ ރޭ ވާދަކުރަންޖެހެނީ ބަޔާން މިޔުނިކާ އެވެ. ފްލޫމިނީސް ހޯމަ ދުވަހުގެ ރޭ ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ.

މި މުބާރާތުގައި ބްރެޒިލްގެ ޓީމްތަކުން ރަގަޅު ނަތީޖާތަކެއް ނެރުމުގެ މައިގަނޑު ސަބަބަކީ ތަޖުރިބާކާރުން ބުނާގޮތުގައި އެ ޓީމްތަކުން މި މުބާރާތަށް ދިން އަހަމިއްޔަތުކަމެވެ. އެ ޓީމުތަކުން ދެކޭ ގޮތުގައި މިއީ އެމީހުންނަށް މުހިންމު މުބާރާތެކެވެ. ނަތީޖާ ނެރުން މަޖުބޫރު މުބާރާތެކެވެ. ވަކިން ހާއްސަ ގޮތެއްގައި ޕަލްމެއިރާސް އާއި ފްލެމިންގޯ އިން މި މުބާރާތް ނަގައިފައިވަނީ ވަރަށް ސީރިއަސްކޮށެވެ. އެމީހުންގެ ޕްރޮގްރާމްތައް އެކުލަވާލައިފައި އޮތީވެސް މި މުބާރާތުން ރަގަޅު ނަތީޖާއެއް ނެރެން ފަހިވާ ގޮތަށެވެ.

ޕަލްމެއިރާސްގެ އިސްތަވާއޯ. ބްރެޒިލްގެ ހުނަރުވެރި މި ކުޅުންތެރިޔާ އަންނަ ސީޒަނުގައި ފެންނާނީ ޗެލްސީން

މުބާރާތް އެމެރިކާ ގައި ކުޅޭއިރު އެގައުމުގައި މިހާރު ހޫނުމިން ހުރި ވަރަކީ ވަރަށް ގިނަ ޓީމްތަކަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. އިނގިރޭސި ދެ ޓީމުކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ސިޓީގެ ކޯޗުން ވަނީ އެކަން ފާހަގަވެސް ކޮށްފަ އެވެ. އެކަމަކު ބްރެޒިލްގެ ޓީމްތައް އެ ހޫނަށް ހޭނިފައިވުން އެއީ އެ ޓީމްތަކަށް އޮތް ބޮޑު އެޑްވާންޓޭޖަކަށް ވެދާނެ އެވެ.

“އަހަރެމެންނަކަށް އެއީ މާ ބޮޑު މައްސަލައެއް ނޫން. އަހަރެމެން އުންމީދުކުރަން އެއީ އަހަރެމެންނަށް ފައިދާ ކުރާނެ ކަމަކަށް ވާނެ ކަމަށް.” ބްޓަފޯގޯގެ ޑިފެންޑަރު ވިޓީނިއޯ ބުނެފައިވެ އެވެ.

ޔޫރަޕްގެ ޓީމްތަކުން ދިގު ސީޒަނެއް ނިންމާލުމަށްފަހު މި މުބާރާތާ ކުރިމަތިލި ނަމަވެސް ބްރެޒިލްގެ ޓީމްތަކުން މި މުބާރާތާ ކުރިމަތިލައިފައި އެވަނީ ސީޒަންގެ މެދު ތެރެއިންނެވެ. އެ ގައުމުގައި ފުޓްބޯޅަ ސީޒަން ކުރިއަށް ދަނީ މާޗް މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށެވެ. މިހެންވުމާއެކު ޔޫރަޕްގެ ޓީމްތަކުގެ ކުޅުންތެރިންނަށްވުރެ ބްރެޒިލްގެ ޓީމްތަކުގެ ކުޅުންތެރިން ތިބޭނީ މާ ބޮޑަށްވެސް ތާޒާކޮށެވެ.

ބްރެޒިލްގެ ޓީމުތަކުން ރަގަޅު ނަތީޖާތަކެއް ނެރުމުގެ ފަހަތުގައި އޮވެދާނެ އިތުރު އެހެން ކަމެއްވެސް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. އެއީ މިފަހަކަށް އައިސް ބްރެޒިލްގެ ކްލަބް ފުޓްބޯޅައިގެ ފެންވަރު މަތިވަމުން އައުމެވެ. މީގެ އެއް ސަބަބެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކޮށްފައިވަނީ ބްރެޒިލްގެ ޓީމްތަކުން ބޭރުގެ ކޯޗުން ގެންނަން ފެށުމާއެކު އާ ހިޔާލުތަކާއި ގޮތްތައް ތައާރަފްވެ، އެއާ އެއްގޮތަށް ފުޓްބޯޅަ ތަރައްގީވަމުން ދިއުމެވެ. ކްލަބް ވޯލްޑް ކަޕްގައި ބްރެޒިލުން ބައިވެރިވި ޓީމްތަކުގެ ތެރެއިން ބޮޓަފޯގޯ އާއި ޕަލްމެއިރާސްގައި ތިބީ ޕޯޗްގަލްގެ ކޯޗުންނެވެ. މީގެ އިތުރުން ފްލެމެންގޯގެ ކޯޗަކަށް ބްރެޒިލްގެ މީހަކު ހުރި ނަމަވެސް އެސިސްޓެންޓުންގެ ގޮތުގައި މުޅިންވެސް ތިބީ ސްޕެއިންގެ މީހުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!