ބްރެޒިލްގެ ކެޕްޓަން، ނޭމާގެ އެއްފައި ނެތަސް އެ ގައުމުގެ 10 ކުޅުންތެރިންނާ އެއްވަރު ވާނެކަމަށް ކުރިން ބްރެޒިލް ގައުމީ ޓީމަށް ކުޅުނު ފިލިޕޭ މެލޯ ބުނެފި އެވެ.
މިއަހަރުގެ ޖަނަވަރީ މަހު ފުޓްބޯޅައިން ރިޓަޔާކުރި 41 އަހަރުގެ މެލޯ އަކީ ބްރެޒިލް ގައުމީ ޓީމަށް 22 މެޗު ކުޅެދިން ކުޅުންތެރިއެކެވެ. ޔޫރަޕްގައި މެލޯ ކުޅުނު މަޝްހޫރު ޓީމުތަކުގެ ތެރޭގައި ޔުވެންޓަސް އާއި އިންޓަ މިލާން ހިމެނެވެ.
ނޭމާއާ ގުޅުވައިގެން މެލޯ ވާހަކަދެއްކީ ބުދަ ދުވަހު އާޖެންޓީނާއިން 1-4 އިން ބްރެޒިލް ބަލިކުރި މެޗަށް ފަހު އެވެ. އާޖެންޓީނާ މެޗަކީ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ތާރީހުގައި ބްރެޒިލް ކޮޅަށް ހަތަރު ގޯލު ވަން ފުރަތަމަ ފަހަރެވެ.
މެލޯ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ވަނީ އާޖެންޓީނާ އަށް މަރުހަބާ ކިޔައި، މެޗުގައި އެޓީމަށް އިތުރު ގޯލުތަކެއް ޖެހުނީސް ކަމަށް ބުނެފައެވެ. ދެގައުމުގެ ފުޓްބޯޅައިގެ ތަފާތު ފާހަގަކުރަމުން މެލޯ ބުނީ، އުފަން ގައުމުގެ ފުޓްބޯޅައިގެ ދަށް ހާލަތުގެ ވާހަކަ ދައްކަން ފަސޭހަ ނޫންކަމަށެވެ.
ހިތްހަމަނުޖެހި ހުރެ މެލޯ ބުނީ ބްރެޒިލްގައި މޮޅެތި ކުޅުންތެރިން ތިއްބަސް ރަނގަޅު “އެޓިޓިއުޑެއް” ނެތް ކަމަށެވެ.
އާޖެންޓީނާއާ ދެކޮޅަށް ނޭމާ އަށް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. ނޭމާ ނުލައި ބްރެޒިލަށް މޮޅު ތަކުރާރު ކުރަން ވަނީ އުނދަގޫވެފައެވެ.
“ބްރެޒިލަށް ނޭމާ ބޭނުންނުވާ ކަމަށް ބުނާ މީހަކު އަހަރެން ބްލޮކް ކޮށްލާނަން. ނޭމާގެ އެއްފައި ނެތަސް ބްރެޒިލްގެ 10 ކުޅުންތެރިންނާ އެއްވަރުވާނެ” ކުރިން ޑިފެންސިވް މިޑްފީލްޑާއި ސެންޓަ ބެކްގެ މަގާމަށް ކުޅުނު ކުޅުންތެރިޔާ ބުންޏެވެ.
ބްރެޒިލް އަތުން ހޯދި މޮޅާ އެކު އާޖެންޓީނާ ވަނީ އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. ބްރެޒިލް އޮތީ ހަތަރު ވަނައިގަ އެވެ. ދެ ވަނައިގައި އިކުއެޑޯ އޮތްއިރު ތިން ވަނައިގައި އޮތީ އުރުގުއޭ އެވެ. ބްރެޒިލްގެ ފަހަތުން ފަސް ވަނައިގައި އޮތީ ޕެރަގުއޭ އެވެ.