ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަތުން މިދިޔަ ބުދަ ދުވަހު 1-4 ގެ ލަދުވެތި ނަތީޖާއަކުން ބަލިވުމާ ގުޅިގެން ބްރެޒިލްގެ ކޯޗުކަމުން ޑޮރިވާލް ޖޫނިއާ ވަކިކޮށްފި އެވެ.
ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު 14 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާ ބްރެޒިލް ތާވަލުގައި މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. އެއީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް ކޮލިފައި ނުވާނެ ހާލަތެއް ނޫނެވެ. އެކަމަކު ނަތީޖާތައް ރަނގަޅު ނުކޮށްފިނަމަ ކޮލިފައިންގައި ބްރެޒިލް ޕްރެޝަރަށް ދާނެ އެވެ.
އުމުރުން 62 އަހަރުގެ ޑޮރިވާލް ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އޭގެކުރިން ޑޮރިވާލް ވަނީ ބްރެޒިލްގެ ބައެއް ކްލަބްތަކަށް ކޯޗުކަން ކޮށްފަ އެވެ.
ޑޮރިވާލްގެ ކޯޗުކަމުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ވަނީ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑް 0-1 އިން ބަލިކޮށްފަ އެވެ. ޑޮރިވާލްގެ ކޯޗުކަމުގައި ބްރެޒިލް ކުޅުނު 16 މެޗުގެ ތެރެއިން ތިން މެޗުން ބަލިވި އެވެ. ހަތް މެޗުން މޮޅުވިއިރު އެއްވަރުވީ ހަ މެޗުންނެވެ.
ބްރެޒިލްގެ ފެޑެރޭޝަނުން ވަނީ ޑޮރިވާލް މަގާމުން ދުރުކުރިކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އެ އިދާރާގެ ކުރު ބަޔާނުގައި ބުނީ ޑޮރިވާލްގެ ބަދަލުގައި އާ ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ކޯޗުކަމުގައި ޑޮރިވާލް އަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ބްރެޒިލްގެ ފްލެމެންގޯއާ އެކު 2022 ވަނަ އަހަރު ސަރަހައްދީ ކޮޕަ ލިބެޓަޑޯރެސް ކާމިޔާބު ކުރުމެވެ. ކޯޗިންގެ ކެރިއަރުގެ ކުރިން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުނު ނަމަވެސް ދުވަހަކުވެސް ބްރެޒިލް ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ލިބިފައެއްނުވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑޮރިވާލްގެ ބަދަލުގައި ބްރެޒިލްގެ ކޯޗުކަމަށް ހަމަޖައްސާނީ ސައުދީ އަރަބިއާގެ އަލް ހިލާލްގެ ކޯޗު ޖޯޖް ޖީސުސް އެވެ.
ޑޮރިވާލް ކޯޗުކަމަށް ހަމަޖެއްސުމުގެ ކުރިން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އެ މަގާމަށް ގެނެވޭތޯ ބްރެޒިލުން މަސައްކަތްކުރި އެވެ. އެކަމަކު އަންޗެލޮޓީ ވަނީ އެ ފުރުސަތަށް ނޫނެކޭ ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އަންޗެލޮޓީ ބްރެޒިލްގެ ކޯޗުކަމަށް ހަމަޖައްސަން އަދިވެސް އެގައުމުން ބޭނުންވެ އެވެ.