ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައި ނުވެ އިޓަލީ ފެއިލްވެއްޖެ އެވެ.
އެމެރިކާ އަދި ކެނަޑާގެ އިތުރުން މެކްސިކޯގައި މިއަހަރު އޮންނަ ވޯލްޑް ކަޕުން އިޓަލީއަށް ފުރުސަތު ގެއްލުނީ ރޭ ކުޅުނު ޕްލޭއޮފް މެޗުގައި ބޮސްނިއާ ހެޒަގޮވީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އިޓަލީ ބަލިވީ 1-4 އިންނެވެ.
މިޢީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައި އޮތް ޓީމެއް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތަށް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ އުމުރުން 40 އަހަރުގެ އެޑިން ޒެކޯގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުން އަންނަ ބޮސްނިއާ ވޯލްޑް ކަޕަށް ކޮލިފައިވި ދެވަނަ ފަހަރެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެ ޓީމު ވާދަކުރަންޖެހޭނީ ސްވިޒަލެންޑް، ގަތަރު އަދި ކެނަޑާ ހިމެނޭ ގްރޫޕް ބީ ގަ އެވެ.
ރޭ ބޮސްނިއާގައި ކުޅުނު ޕްލޭ އޮފް މެޗުގައި އިޓަލީން ފުރަތަމަ ލަނޑު ޖަހައި ލީޑުވެސް ނެގި އެވެ. މެޗުގެ 15 ވަނަ މިނެޓްގައި ބޮސްނިއާގެ ޑިފެންޑަރަކަށް ދެވުނު މިސް ޕާހެއްގެ ބޭނުން ހިފައިގެން ތަނަވަސްކުރި ފުރުސަތެއްގައި މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މޮއިސޭ ކީން އެވެ.
މެޗުގެ ކުރީކޮޅު އިޓަލީން ލީޑު ނަގައި ހަމަޖެހިލަން ފުރުސަތު ލިބުނު ނަމަވެސް އެޓީމަށް މައްސަލަތަކާ ކުރިމަތިވީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އިޓަލީގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ.
އިޓަލީއަށް މެޗުގެ ބޮޑު ބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމާ އެކު ބޮސްނިއާ އިން ވަނީ އޭގެ ފައިދާ އެންމެ ރަގަޅަށް ނަގައި އިޓަލީގެ ގޯލަށް މެޗުގެ ފަހު ހާފުގައި ވަރަށް ބޮޑަށް ނުރައްކާ ކޮށްފަ އެވެ. ފަހު ހާފުގައި ބޮސްނިއާއިން ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ އިޓަކީގެ ބިޔަ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ އެވެ.
ބޮސްނިއާ އިން ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނެޓަށް ވެފައިވަނިކޮށް ހާރިސް ޓެބަކޮވިޗެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ބޮސްނިއާއިން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައިވާއިރު އިޓަލީން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވީ ނާކާމިޔާބެވެ. އިޓަލީގެ ފުރަތަމަ ޕެނަލްޓީ ޕިއޯ އެސްޕޮސިތޯ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި، އެޓީމުގެ ތިން ވަނަ ޕެނަލްޓީ ބްރަޔަން ކްރިސްޓޭން ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިންނެވެ.
އިޓަލީ އަށް ތިން ވޯލްޑް ކަޕް ގެއްލުމަކީ ފުޓްބޯޅައިގައި އެޓީމަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އެވެ.
ޕްލޭއޮފް މެޗުތައް ކާމިޔާބުކޮށް، ވޯލްޑް ކަޕްގެ ޖާގަ ރޭ ކަށަވަރުކުރީ، ތުރުކީ އާއި ޗެކް ރިޕަބްލިކްގެ އިތުރުން ސްވިޑެން އެވެ.
