ފުރަތަމަ ސަފްޙާ / ޚަބަރު / އަލަތު ކްލަބް ވޯލްޑް ކަޕާ އެކު ސިޓީ އަށް ތާރީހީ ރެކޯޑެއް

އަލަތު ކްލަބް ވޯލްޑް ކަޕާ އެކު ސިޓީ އަށް ތާރީހީ ރެކޯޑެއް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 23 ޑިސެމްބަރު 2023

ފީފާ ކްލަބް ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވާދަކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ ހޯދައިފި އެވެ.

ސައުދީ އަރަބިއާގައި ކުޅުނު ފައިނަލުގައި ސިޓީ ރޭ ވަނީ ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ފްލުމިނެންސް 0-4 އިން ބަލިކޮށްފަ އެވެ.

ސިޓީ އަކީ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އިނގިރޭސި ހަތަރު ވަނަ ޓީމެވެ. މީގެކުރިން އެ މުބާރާތް ކާމިޔާބުކުރި އިނގިރޭސި ކްލަބްތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ އިތުރުން ލިވަޕޫލް އެވެ. އެކަމަކު އެ ކްލަބްތަކާ ހިލާފަށް ސިޓީ ވެފައިވަނީ އަހަރެއްގެ ތެރޭ ފަސް ޓްރޮފީ ކާމިޔާބުކުރި ފުރަތަމަ އިނގިރޭސި ކްލަބަށެވެ.

މިއަހަރު ސިޓީ އިން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި އެފްއޭ ކަޕް އަދި ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ކްލަބް ވޯލްޑް ކަޕަކީ މިއަހަރު އެ ކްލަބުން ހޯދި ފަސް ވަނަ ތައްޓެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ހޫލިއަން އަލްވަރޭޒް ވަނީ ސިޓީ އަށް ގޯލު ޖަހައިދީފަ އެވެ. ދެ ވަނަ ގޯލަކީ ފްލުމިނެންސްގެ ނިނޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސިޓީގެ ތިން ވަނަ ގޯލު ދެ ވަނަ ހާފުގައި ފިލް ފޯޑެން ޖެހިއިރު ފަހު ގޯލު މެޗުގެ ފަހުކޮޅު ޖެހީ އަލްވަރޭޒް އެވެ.

“މިއީ އާދަޔާހިލާފު އަހަރެއް. މި ތައްޓާ އެކު މިއަހަރަށް އޮތް އަމާޒު ނިމުނީ. ޓީމަށް ލިބެން އޮތް ހުރިހާ ތައްޓެއް ހޯދިއްޖެ. ދެން އޮތީ އަނެއްކާ އެކަމަށް މަސައްކަތްކުރުން” ސިޓީގެ ކާމިޔާބީގެ ފަހަތުގައިވާ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި ސިޓީ އަށް ދިމާވި ކަންބޮޑުވުމަކީ ދެ ވަނަ ހާފުގައި މިޑްފީލްޑަރު ރޮޑްރީ އަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. އެކަމަކު މެޗަށް ފަހު ރޮޑްރީ ބުނީ އޭނާގެ އަނިޔާ ސީރިއަސް ނޫންކަމަށާއި އަންނަ ހަފްތާ ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް އޭނާ އަށް ކުޅެވޭނެ ކަމަށެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރޮޑްރީ އެވެ.

ކްލަބް ވޯލްޑް ކަޕްގެ ތިން ވަނަ މަގާމް ހޯދީ މިސްރުގެ އަލް އަހްލީ އެވެ. ތިން ވަނަ ހޮވި މެޗުގައި ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސްއާ ވާދަކޮށް އަހްލީ މޮޅުވީ 2-4 އިންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!