ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ވާދަކުރާ ދެވަނަ ލެގްގެ މެޗުގެ ކުރިން، ލީގުގައި ސިޓީ އިން ބޮޑު މޮޅެއް ހޯދިއިރު ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
ޕްރިމިއާ ލީގުގައި ރޭ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 0-4 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ސްޕެނިޝް ލީގުގައި ރަށުން ބޭރުގައި ރެއާލް މެޑްރިޑް ވަނީ އޮސަސޫނާއާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ޖާގައަކަށް ރެއާލް އާއި ސިޓީ ވާދަކުރާއިރު، ދެޓީމުގެ ފުރަތަމަ ލެގްގެ މެޗު 3-2 އިން ކާމިޔާބުކުރީ ރެއާލް އެވެ. ސިޓީގެ ދަނޑުގައި މިދިޔަ ހަފްތާ ކުޅުނު މެޗުން ރެއާލް މޮޅުވުމާއެކު، މި ހަފްތާ ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގްގެ މެޗުން ސިޓީ މޮޅުވާން މަޖުބޫރުވާނެ އެވެ.
ރެއާލް އާއި ސިޓީ ވާދަކުރާ ދެވަނަ ލެގްގެ މެޗު އޮންނާނީ ބުދަ ދުވަހުގެ ރެ އެވެ.

ރެއާލް އެއްވަރުވި މެޗުގައި ބެލިންހަމް. ރޭގެ މެޗުގައި ބެލިންހަމް އަށް ރަތް ކާޑު ދެއްކި
ރޭ ލީގުގައި ސިޓީން ނިއުކާސަލް ބަލިކުރި މެޗުގައި ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އެޓީމާ ގުޅުނު މިސްރުގެ ފޯވާޑް އުމަރު މާމޫޝް ހެޓްރިކް ހެދި އެވެ. މާމޫޝް ހެޓްރިކް ހެދީ މެޗުގެ 19، 24 އަދި 33 ވަނަ މިނެޓުގަ އެވެ. ސިޓީގެ ފަހު ގޯލު 84 ވަނަ މިނެޓުގައި ޖެހީ ޖޭމްސް މެކަޓީ އެވެ.
މޮޅާ އެކު ސިޓީ ވަނީ 44 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނަ އަށް ކުރިއަށްޖެހިލާފަ އެވެ.
އޮސަސޫނާއާ އެއްވަރުވި މެޗުގައި ރެއާލްގެ ހަމައެކަނި ގޯލު 15 ވަނަ މިނެޓުގައި ޖެހީ ކިލިއަން އެމްބާޕޭ އެވެ. އޮސަސޫނާއިން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުން 58 ވަނަ މިނެޓުގައި އަންޓެ ބުޑިމިރް އެވެ. މެޗުގެ 39 ވަނަ މިނެޓުގައި ރެއާލްގެ ތަރި ޖޫޑް ބެލިންހަމް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 51 ޕޮއިންޓާ އެކު އެވެ. ރެއާލްގެ ވާދަވެރި ބާސެލޯނާއިން މިރޭ ކުޅޭ މެޗު ކާމިޔާބުކޮށްގެން ރެއާލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ލީގުގެ އެއްވަނަ އަށް ކުރިއަށް ޖެހިލެވޭނެ އެވެ.