އޭއެފްސީ ޗެމްޕިއަންސް ލީގު އެންމެ ފަހުން ކާމިޔާބުކުރި ސައުދީ އަރަބިއާގެ އަލް ހިލާލް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ އިން ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ 1-0 އިންނެވެ.
އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ސައުތު އެމެރިކާގެ ޗެމްޕިއަން ޓީމު، ބްރެޒިލްގެ ޕަލްމެއިރާސް އެވެ. އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕަލްމެއިރާސް ވަނީ 2-0 އިން އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ ބަލިކޮށްފަ އެވެ.
އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރުމެލޫ ލުކާކޫ އެވެ. ޗެލްސީގެ ކައި ހަވާޓްޒް ނަގައިދިން ހުރަސް އަލް އަހްލީގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ވެއްޓުނު ބޯޅަ ލުކާކޫ ވަނީ އެއް ފަހަރުން ޖަހައި ގޯލަށް ވައްދާލައިފަ އެވެ. ޗެލްސީ ކުރީގައި އޮތުމުން އަލް ހިލާލް އިން ވަނީ ވަރަށް ބޮޑަށް އެޓޭކުކޮށް ނަތީޖާ ހަމަހަމަކުރަން މަސައްކަތްކޮށްފަ އެވެ. ދެ ވަނަ ހާފުގައި އެޓީމުން މޮޅު ކުޅުމެއްދެއްކި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. މި ހާފުގައި އަލް ހިލާލް އިން އުފެއްދި ނުރައްކާތެރި ހަމަލާއެއް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަނުގައި ހުރުމުން ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް މިރޭގެ މެޗަށް ހާޟިރުވެފައެއްނުވެ އެވެ.
ބައްރުތަކުގެ ކްލަބް ޗެމްޕިއަނުންގެ މެދުގައި ކްލަބް ވޯލްޑް ކަޕް ފެށީ 2000 ވަނަ އަހަރު އެވެ. މި މުބާރާތުގެ ފައިނަލުގައި ޗެލްސީ މީގެ ކުރިން ކުޅުނީ 2012 ވަނަ އަހަރު އެވެ. އެފަހަރު ބްރެޒިލްގެ ކޮރިންތިއަންސްއާ ވާދަކޮށް ފައިނަލުގައި ޗެލްސީ ވަނީ 1-0 އިން ބަލިވެފަ އެވެ. ކްލަބް ވޯލްޑް ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ހަތަރު ފަހަރު ތަށި ހޯދި ރެއާލް މެޑްރިޑް އެވެ. ބާސެލޯނާ ތިން ފަހަރު ޗެމްޕިއަންކަން ހޯދިއިރު ކޮރިންތިއަންސް އާއި ބަޔާން މިއުނިކް، މިއިން ކޮންމެ ޓީމަކުން ވަނީ ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ކްލަބް ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 6 ޖަހާއިރު އެވެ. މި މެޗުގައި ވާދަކުރާނީ އަލް ހިލާލް އާއި މިސްރަށް ނިސްބަތްވާ އަލް އަހްލީ އެވެ. ޗެލްސީ އާއި ޕަލްމެއިރާސް ކުޅޭ ފައިނަލް މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ 9:30 ގަ އެވެ.