އިނގިރޭސި އެންމެ ބޮޑު އެއް ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށްފަހު، އެ ކްލަބުގެ ތާރީހުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ގޯލްކީޕަރު އަންދްރޭ އޮނާނާ، ޔުނައިޓެޑުން ލޯނު އުސޫލުން ތުރުކީގެ ޓްރަބްޒޯންސްޕޯއަށް ފޮނުވާލައިފި އެވެ.
ކެމަރޫން ގައުމީ ޓީމުގެ އުމުރުން 29 އަހަރުގެ ގޯލްކީޕަރު ތުރުކީގެ ކްލަބުގައި ލޯނު އުސޫލުން ހޭދަކުރާނީ މި ސީޒަނުގެ ބާކީ ބައިގައެވެ. އެއްބަސްވުމުގައި ވާގޮތުން ސީޒަން ނިމުމުން އޮނާނާ އެނބުރި ޔުނައިޓެޑަށް އަންނާނެ އެވެ. އެކަމަކު އެއީ ކްލަބުން ބޭނުންވެއްޖެ ނަމަ އެވެ.
ޓްރަބްޒޯންސްޕޯ އިން އޮނާނާ ގެންދިޔައީ ހުކުރު ދުވަހު އެގައުމުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިންނެވެ. އޮނާނާ މިހާރު ވަނީ ތުރުކީ އަށް ގޮސް އާ ކްލަބާ ގުޅިފަ އެވެ. އެގައުމުން އޮނާނާ އަށް ހޫނު މަރުހަބާއެއް ކިއެވެ.
މި ސީޒަނުގައި އޮނާނާ ޔުނައިޓެޑަށް ކުޅުނީ އިނގިރޭސި ލީގު ކަޕްގައި ގްރިމްސްބީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ވެސް އޮނާނާ ގޯސްތަކެއް ހަދައިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ.
އިންޓަ މިލާނުގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް ޔުނައިޓެޑުން އޮނާނާ އެޓީމަށް ގެނައީ 2023 ވަނަ އަހަރެވެ. އެރިކް ޓެން ހާގުގެ ކޯޗުކަމުގައި އޮނާނާ ގެނައީ 47.2 މިލިއަން ޕައުންޑަށެވެ. އޮނާނާ ގެނައީ އޭރު ޔުނައިޓެޑް ސަޕޯޓަރުންގެ ލޯބި ހޯދި ޑޭވިޑް ޑެހެއާގެ ބަދަލުގައެވެ.
ޔުނައިޓެޑަށް އޮނާނާ ވަނީ 102 މެޗު ކުޅެދީ 2024 ވަނަ އަހަރު އިނގިރޭސި އެފްއޭ ކަޕް ހޯދައިފަ އެވެ.
ޔުނައިޓެޑްގައި ހޭދަކުރި ދެ ސީޒަނުގައި އޮނާނާގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ބޮޑެތި ގޯސްތަކެއް ހަދައިގެން ޔުނައިޓެޑަށް ގިނަ މެޗުތަކެއް ގެއްލުނެވެ.
އޮނާނާގެ އިތުރުން ޔުނައިޓެޑްގެ ބަދަލު ގޯލްކީޕަރު އަލްޓޭ ބަޔިންދީރަށް އެޓީމުގެ ގޯލު ނުބެލެހެއްޓޭނެކަން ޔަގީންވުމުން އެޓީމުން މިހާރު ވަނީ ބެލްޖިއަމްގެ ރޯޔަލް އަންޓްވާޕްގެ ގޯލު ބެލެހެއްޓި 23 އަހަރުގެ ސެން ލަމެންސް ގެނެސްފައެވެ.
މިހާރު ކުރިއަށްދާ ސީޒަނުގައި ޔުނައިޓެޑްގެ ގޯލު ދެން ބަލަހައްޓާނީ ލަމެންސް އެވެ.