ފުރަތަމަ ސަފްޙާ / ޚަބަރު / ލެވަކޫސަންގެ ހިތް ލިވަޕޫލުން 157 މިލިއަން ޑޮލަރަށް ގަންނަން ނިންމައިފި
ފަހުމިނެޓް

ލެވަކޫސަންގެ ހިތް ލިވަޕޫލުން 157 މިލިއަން ޑޮލަރަށް ގަންނަން ނިންމައިފި

އެޑްމިން
އެޑްމިން
8 މަސް ކުރިން 14 ޖޫން 2025

ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް ކުޅެމުން އަންނަ އެ ގައުމަށް އުފަން ފްލޯރިއަން ވާޓްޒް 116 މިލިއަން ޕައުންޑް (157 މިލިއަން ޑޮލަރު) ލިވަޕޫލަށް ގެންދަން އެ ކްލަބުން އެއްބަސްވެއްޖެއެވެ.

މި ޓްރާންސްފާ އެއްބަސްވުމާއެކު އުމުރުން 22 އަހަރުގެ ވާޓްޒް ވެގެންދާނީ 100 މިލިއަން ޕައުންޑް ނުވަތަ އެއަށްވުރެ މަތީ އަގަކަށް ކްލަބް ބަދަލުކުރާ 10 ވަނަ ކުޅުންތެރިޔާއަށެވެ. 116 މިލިއަން ޕައުންޑަށް ލިވަޕޫލުން ވާޓްޒް ގެންދަން އެއްބަސްވި ނަމަވެސް ފުރަތަމަ އެ ކްލަބުން ބެޔާ ލެވަކޫސަނަށް ދޭނީ 100 މިލިއަން ޕައުންޑެވެ. އެއީ 135 މިލިއަން ޑޮލަރެވެ. އަނެއް 16 މިލިއަން ޕައުންޑް (21 މިލިއަން ޑޮލަރު) ލިވަޕޫލަށް ކުރިއަށް އޮތް ތަނުގައި ލިބޭ ކާމިޔާބީތަކަށް ރިއާޔަތްކޮށް ދޭންޖެހޭގޮތަށް އެއްބަސްވެފައިވާ އަދަދެކެވެ.

ޖަރުމަނުގެ ގައުމީ ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ވާޓްޒްގެ ޓްރާންސްފާ އާއެކު އެ ކުޅުންތެރިޔާ ވާނީ ލިވަޕޫލުން އެންމެ އަގުބޮޑުކޮށް ގަންނަ ކުޅުންތެރިޔާއަށެވެ. ލިވަޕޫލުން އެންމެ އަގުބޮޑުކޮށް ގެނައި ކުޅުންތެރިންގެ ތެރޭގައި ދެވަނައަށް އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި ހުރި ބްރެޒިލްގެ އެލިސަން އާއި ދެވަނައަށް އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގައި ހުރި ނެދަލޭންޑްސްގެ ވާޖިލް ވެން ޑައިކް ހިމެނެ އެވެ. އެލިސަން ގެންނަން ލިވަޕޫލުން 66.8 މިލިއަން ޕައުންޑް ހަރަދުކުރިއިރު ވެންޑައިކް އެ ކްލަބުން ގެނައީ 75 ޕައުންޑަށެވެ. މީގެ އިތުރުން ލިވަޕޫލަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް ހޯދަން އެ ކްލަބުން ވަނީ 64 މިލިއަން ޕައުންޑް މިހާރުވެސް ހަރަދުކޮށްފަ އެވެ. އެކަމަކު ބޯނަސްއާއެކު 25 އަހަރުގެ އެ ކުޅުންތެރިޔާގެ އަގުވެސް 85 މިލިއަނަށް އަރަ އެވެ.

ލިވަޕޫލުން ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް ވުމުގެ އިތުރުން މި ޓްރާންސްފާއާއެކު ވާޓްޒް ވެގެންދާނީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އަދި، ޖަރުމަނުގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކަށް ވެސް ވާނީ ވާޓްޒް އެވެ.

ވާޓްޒްގެ ސޮއި ހޯދުމަށްޓަކައި މެންޗެސްޓާ ސިޓީން ވެސް އައީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ލެވަކޫސަނުން ކިޔާ އަގު ބޮޑުވުމާއި އަދި ވާޓްޒްގެ ފުރަތަމަ ޗޮއިސްއަކީ ލިވަޕޫލް ކަމަށް ވުމާއެކު ސިޓީން އެ މަސައްކަތް ހުއްޓާލީ އެވެ. ލެވަކޫސަނުން ފުރަތަމަ ކީ އަގަކީ 126 މިލިއަން ޕައުންޑް ކަމަށް ވެއެވެ. އެކަމަކު ލިވަޕޫލަށް ބަދަލުވާން ވާޓްޒް ބޭނުންވެފައި ހުރުމާއެކު އެ އަގު ދަށްކުރަން ލެވަކޫސަނަށް މަޖުބޫރުވީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވާޓްޒް ލެވަކޫސަނަށް ކުޅެން ފެށީ އުމުރުން 17 އަހަރުގަ އެވެ. މިހާތަނަށް ލެވަކޫސަންގެ ޖޯޒީގައި ވާޓްޒް 197 މެޗް ކުޅެފައިވާއިރު އޭނާ ވަނީ 57 ގޯލު އެ ކްލަބަށް ވަނީ ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން ބުންޑަސް ލީގާގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ލެވަކޫސަނުން ހޯދިއިރު ވާޓްޒް ވަނީ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.

ވާޓްޒްއަށް ޖަރުމަނުގެ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2021 ވަނަ އަހަރު އެވެ. މިހާތަނަށް ވާޓްޒް ވަނީ ގައުމީ ޓީމަށް 31 މެޗް ކުޅެ ހަތް ގޯލް ކާމިޔާބުކޮށްދީފަ އެވެ.

ވާޓްޒްގެ އިތުރުން ލިވަޕޫލުން ވަނީ ބެޔާ ލެވަކޫސަންގެ އިތުރު ކުޅުންތެރިއަކު ވެސް މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ގެނެސްފަ އެވެ. އެއީ ލެވަކޫސަންގެ ފަހަތް ބަލަހައްޓަމުން އައި ޖެރެމީ ފްރިމްޕޮން އެވެ. ނެދަލޭންޑްސްއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މި ކުޅުންތެރިޔާ ލިވަޕޫލުން ގަތީ 34 މިލިއަން ޕައުންޑް ނުވަތަ 46 މިލިއަން ޑޮލަރަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!