ފުރަތަމަ ސަފްޙާ / ޚަބަރު / ޕޯޗުގަލް ފުރިހަމަ ވަނީ އަދިވެސް ރޮނާލްޑޯ ހުރެގެން، މިފަހަރު ގެންގޮސްދިނީ ފައިނަލަށް

ޕޯޗުގަލް ފުރިހަމަ ވަނީ އަދިވެސް ރޮނާލްޑޯ ހުރެގެން، މިފަހަރު ގެންގޮސްދިނީ ފައިނަލަށް

އެޑްމިން
އެޑްމިން
8 މަސް ކުރިން 5 ޖޫން 2025

ޔޫއެފާ ނޭޝަންސް ލީގުގެ ޕްލޭއޮފް ސެމީ ފައިނަލުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލާއެކު 2-1 އިން ޖަރުމަނު ބަލިކޮށް ޕޯޗުގަލް ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.

ނޭޝަންސް ލީގުގެ ސެމީ ފައިނަލްތަކާއި ފައިނަލް މެޗު ކުޅެނީ ޖަރުމަނުގަ އެވެ. ޖަރުމަނުގެ އަމިއްލަ ސަޕޯޓަރުން ކުރިމަތީ ޕޯޗުގަލް ރޭ މޮޅުވީ ފަހަތުން އަރަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ޖެހީ ޖަރުމަނުގެ ފްލޯރިއަން ވާޓްޒް އެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ބޯޅަ ވާޓްޒް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.

ޕޯޗުގަލުން ނަތީޖާ އަނބުރާލީ އޭގެފަހުން މޮޅު ކުޅުމެއް ދައްކައިގެންނެވެ. އެޓީމުގެ ފުރަތަމަ ގޯލު 63 ވަނަ މިނެޓުގައި ޖެހީ ބެންޗުން ކުޅެން އެރި ފްރަންސިސްކޯ ކޮންސެސާއޯ އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ.

މޮޅުވި ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްދިނީ 68 ވަނަ މިނެޓުގަ އެވެ. އަރިމަތިން ލެފްޓް ބެކް ނޫނޯ މެންޑޭޒް ނަގައިދިން ހުރަސް ރަނގަޅު ތަނުގައި ހުރެފައި ރޮނާލްޑޯ ގޯލަށް ވައްދާލީ ހަމަޖެހިލާފަ އެވެ.

އެ ގޯލަށް ފަހު ޕޯޗުގަލުން ވަނީ ލީޑުގައި އޮވެ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

ރޭގެ ގޯލާ އެކު އުމުރުން މިހާރު 40 އަހަރުގެ ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅުނު 220 މެޗުގައި 137 ގޯލު ޖަހައި، މުޅި ކެރިއަރުގައި 937 ގޯލު ހަމަކޮށްފަ އެވެ. އެއީ ހުސް ރެކޯޑެވެ.

އުމުރުން 30 އަހަރު ވީ ފަހުން ވެސް ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް 85 ގޯލު ޖަހައިފަ އެވެ. އެއީ މިހާރު ފުޓްބޯޅައިގައި ވިދަމުން އަންނަ ގިނަ ކުޅުންތެރިންނަށް މުޅި ކެރިއަރުގައި ވެސް އަދި ނުވާ ކަމެކެވެ.

ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއާގެ ކްލަބް އަލް ނަސްރަށެވެ. އެކަމަކު އެ ކްލަބް ރޮނާލްޑޯ ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ދާދިފަހުން ވަނީ ފެތުރިފަ އެވެ. އަދި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މި މަހު ފަށާ ކްލަބް ވޯލްޑް ކަޕުން ރޮނާލްޑޯ ފެނިދާނެކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.

ކްލަބް ވޯލްޑް ކަޕްގައި ރޮނާލްޑޯ ހިމަނަން މަސައްކަތްކުރާ އެއް ޓީމަކީ ބްރެޒިލްގެ ބޮޓަފޯގޯ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ މިހާރު ތައްޔާރުވެފައިވަނީ އަލް ނަސްރާ އެކު އިތުރު އެއްބަސްވުމަކަށް ދާށެވެ.

ކެރިއަރުގައި 1000 ގޯލު ހަމަކުރަން ރޮނާލްޑޯ އަށް ބާކީ ބޭނުންވަނީ 63 ލަނޑެވެ. މީގެކުރިން 1000 ގޯލު ކެރިއަރުގައި ޖެހިކަމަށް ވަކާލާތުކޮށްފައިވަނީ ބްރެޒިލްގެ ދެ ލެޖެންޑުން ކަމަށްވާ ޕެލޭ އާއި ރޮމާރިއޯ އެވެ. އެކަމަކު އެއީ ނުރަސްމީ މެޗުތައް ހިމަނައިގެން ހަމަކޮށްފައިވާ އަދަދެކެވެ. އެހެންވެ، ރަސްމީ މެޗުތަކުގައި 1000 ގޯލު ހަމަކުރާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދުން މިވަގުތު އެންމެ ބޮޑަށް ހުޅުވިފައި އޮތީ ރޮނާލްޑޯ އަށެވެ.

ނޭޝަންސް ލީގުގެ ދެވަނަ ސެމީގައި މިރޭ ކުޅޭނީ ސްޕެއިން އާއި ފްރާންސެވެ. އެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ފައިނަލުގައި ރޮނާލްޑޯގެ ޕޯޗުގަލް ނުކުންނާނީ ޖޫން 8 ވަނަ ދުވަހެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!