ޕޯޓޯ، ޕޯޗުގަލް (14 އޮކްޓޫބަރ 2023) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު އަމިއްލަ ދަނޑުގައި 2-3 އިން ސްލޮވާކިއާ ބަލިކޮށް ޕޯޗުގަލް އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިފި އެވެ.
ޕޯޗުގަލްގެ އިތުރުން އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ މުބާރާތުން ރޭ ވަނީ ބެލްޖިއަމް އާއި ފްރާންސް ވެސް ޖާގަ ހޯދައިފަ އެވެ. މި ތިން ގައުމުގެ އިތުރުން މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ޖަރުމަނު ވަނީ ކޮލިފައިވެފަ އެވެ.
ޔޫރޯ އަށް ޕޯޗުގަލް ކޮލިފައިވީ ބާކީ ތިން މެޗު އޮއްވަ އެވެ. ފުރަތަމަ ހަތް މެޗުން މޮޅުވެ އެޓީމަށް ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ސްލޮވާކިއާ ދެ ވަނައިގައި އޮތީ 13 ޕޮއިންޓާ އެކު އެވެ.
ޕޯޗުގަލްގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖެހީ އެޓީމުގެ ގޮކްޒާލޯ ރާމޯސް އެވެ. އޭގެފަހުން ޕެނަލްޓީއަކުން ރޮނާލްޑޯ ޕޯޗުގަލްގެ ލީޑު ފުޅާކުރި އެވެ. ރޮނާލްޑޯ ދެ ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ.
ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ކުޅުނު 202 މެޗުގައި 125 ގޯލު ޖަހައިފަ އެވެ. މިއީ ރޮނާލްޑޯއާ އެކު ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވި ހަ ވަނަ ފަހަރެވެ.
މެޗަށް ފަހު ރޮނާލްޑޯ ބުނީ އޭނާގެ އުއްމީދަކީ އަންނަ އަހަރު އޮންނަ ޔޫރޯގައި ޕޯޗުގަލް ޓީމުން ފެނުން ކަމަށެވެ.
“ޔޫރޯ އަށް އަދި ވަރަށް ވަގުތު އެބައޮތް. އުއްމީދަކީ ޔޫރޯގައި ކުޅުން. އަނިޔާއެއް ނުވެ މުބާރާތުގައި ކުޅެވޭނެކަމަށް އުއްމީދުކުރަން. އަހަރެން ކިތަންމެ ކުރިން ޕޯޗުގަލް ދޫކޮށް ދިއަޔަސް މި ގައުމުގައި ކުޅޭ ކޮންމެ މެޗެއްގައި ސަޕޯޓަރުން ދެނީ ވަރަށް ބޮޑު ހިތްވަރެއް” ރޮނާލްޑޯ ބުންޏެވެ.
ބެލްޖިއަމް ޔޫރޯގެ ޖާގައެއް ކަށަވަރުކުރީ ރޭ ރަށުން ބޭރުގައި އޮސްޓްރިއާ 3-2 އިން ބަލިކޮށްގެންނެވެ. މެޗުގައި ބެލްޖިއަމްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޑޯޑީ ލުކިބާކިއާ އެވެ. އަނެއް ގޯލު ޖެހީ ރޮމެލޫ ލުކާކޫ އެވެ.
ބެލްޖިއަމް އެއް ވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮސްޓްރިއާ އަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.
ރޭ ނެދަލެންޑްސް ބަލިކޮށް ފްރާންސް ވަނީ ކޮލިފައިންގެ ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. އެޓީމުން ރަށުން ބޭރުގައި ނެދަލެންސް ބަލިކުރީ 2-1 އިންނެވެ. މެޗުގައި ފްރާންސްގެ ދެ ގޯލު ވެސް ޖަހައިދިނީ ކިލިއަން އެމްބާޕޭ އެވެ.
ފްރާންސް ގްރޫޕުގެ އެއް ވަނައިގައި އެޓީމު އޮތީ 18 ޕޮއިންޓާއި އެކު އެވެ. އެ ގްރޫޕުގައި ގްރީސް ރޭ ވަނީ ރަށުން ބޭރުގައި އަޔަލެންޑް 2-0 އިން ބަލިކޮށް ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ގްރީސް 12 ޕޮއިންޓާ އެކު އޮތްއިރު ތިން ވަނައިގައި އޮތް ނެދަލެންޑްސް އަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.