މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލް އިން 2-0 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ބަލިކުރިއިރު ސްޕެއިނުން 1-0 އިން ސްވިލަޒެންޑް ބަލިކޮށް މިފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ހަތަރު ޓީމު ހިމެނޭ މި ގްރޫޕުގެ އެއް ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ޕޯޗުގަލް އެވެ. ފުރަތަމަ މެޗުގައި ސްޕެއިންއާ ވާދަކޮށް 1-1 އިން އެއްވަރުވިއިރު ދެ ވަނަ މެޗުގައި ޕޯޗުގަލުން ވަނީ ސްވިޒަލެންޑް ބަލިކޮށްފަ އެވެ. ރޭ ޗެކް ރިޕަބްލިކް ބަލިކުރުމާ އެކު ގްރޫޕްގެ އެއް ވަނަ ހޯދުމުގެ ފުރުސަތު ބޮޑަށް އޮތީ ޕޯޗުގަލަށެވެ. މި ގްރޫޕުގެ ދެ ވަނައިގައި އޮތީ ފަސް ޕޮއިންޓް ލިބިފައިވާ ސްޕެއިން އެވެ. ސްޕެއިން ފުރަތަމަ ދެ މެޗުން ވީ އެއްވަރެވެ. ހަތަރު ޕޮއިންޓާ އެކު ޗެކް ރިޕަބްލިކް ތިން ވަނައިގައި އޮތްއިރު މި ގްރޫޕުގެ ފުލުގައި އޮތް ސްވިޒަލެންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރޭ ޕޯޗުގަލްގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ޑިފެންޑަރު ޔާއޯ ކަންސޭލޯ ޖެހިއިރު ދެ ވަނަ ލަނޑު އޭގެ ފަސް މިނެޓު ފަހުން ޖެހީ ގޮންކާލޯ ގުއޭޑޭޝް އެވެ. ގުއެޑޭޝް އަކީ 2019 ވަނަ އަހަރު ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗުގަލުން ހޯދިއިރު ނެދަލޭންޑްސް ކޮޅަށް މޮޅުވި ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ރޭގެ މެޗުގައި ޕޯޗުގަލްގެ ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެނާޑޯ ސިލްވާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ސިލްވާ އެވެ.
ސްޕެއިނުން ހޯދި ހަނި މޮޅުގައި ހަމައެކަނި ލަނޑު ސްވިޒަލެންޑް ކޮޅަށް ޖެހީ ޕަބްލޯ ސަރާބިއާ އެވެ. މި ގޯލު ގަބޫލުކުރީ ގިނަ އިރުވަންދެން ވީޑީއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމަށް ފަހު އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސާބިއާ ވަނީ 1-0 އިން ސްވިޑެން ބަލިކޮށްފަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ނޯވޭ އެވެ. ދެ ވަނައިގައި ސާބިއާ ހަ ޕޮއިންޓާ އެކު އޮތްއިރު ސްވިޑެން އަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް ސްލޮވީނިއާ އޮތީ އެއް ޕޮއިންޓުގަ އެވެ.
ރޭ ކޮސޯވޯ އިން ވަނީ 3-2 އިން ނޮދާން އަޔަލެންޑް ބަލިކޮށްފަ އެވެ. މި މެޗުން ބަލިވުމާއެކު މުބާރާތުގައި މޮޅެއް ނުލިބި ނޮދާން އަޔަލެންޑުން ކުޅުނު މެޗުގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ގްރީސް އޮތްއިރު ދެ ވަނައިގައި އޮތް ކޮސޯވޯ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނޮދާން އަޔަލެންޑާއި ފުލުގައި އޮތް ސައިޕްރަސް އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.