ފުރަތަމަ ސަފްޙާ / ޚަބަރު / ސްޕެއިން ބަލިކޮށް ފްރާންސް ނޭޝަންސް ލީގު ކާމިޔާބުކޮށްފި

ސްޕެއިން ބަލިކޮށް ފްރާންސް ނޭޝަންސް ލީގު ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 އޮކްޓޫބަރު 2021

ފައިނަލުގައި ފަހަތުން އަރައި 2-1 އިން ސްޕެއިން ބަލިކޮށް ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އެކުވެރިކަމުގެ މެޗުތަކުގެ ބަދަލުގައި ވާދަވެރި މުބާރާތެއް ގޮތަށް ތައާރާފްކޮށް ބޭއްވި ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް 2019 ވަނަ އަހަރު ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ. މިދިޔަ އަހަރު ނޭޝަންސް ލީގުގެ މެޗުތައް ކުރިއަށް ނުދިޔައީ ކޮވިޑާ ގުޅިގެންނެވެ.

އިޓަލީގެ މިލާންގެ ދަނޑު ސެން ސީރޯގައި ކުޅުނު ފައިނަލުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މި ހާފުގައި ފްރާންސަށް މައްސަލަ ދިމާވީ ޑިފެންޑަރު ރަފޭލް ވަރާނަށް އަނިޔާވެ 43 ވަނަ މިނެޓުގައި ބަދަލުކުރަން ޖެހުމުންނެވެ. ބަދަލުގައި ކުޅެން އެރި ޑަޔޮޓް އުޕަމެކާނޯ ކައިރިން ކަޓުވާލުމަށް ފަހު މެޗުގެ 64 ވަނަ މިނެޓުގައި ފުރަތަމަ ލީޑު ނެގީ ސްޕެއިނުންނެވެ. ސާޖިއޯ ބުސްކެޓްސްގެ އެހީތެރިކަމާ އެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިކެލް އޮޔާޒަބަލް އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ކިލިއަން އެމްބާޕޭގެ އެސިސްޓަކުން ކަރީމް ބެންޒެމާ ވަނީ ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފްރާންސް މޮޅުވި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ދިން ބޯޅަ ހޯދުމަށް ފަހު ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މެޗުގެ ފަހު 10 މިނެޓުގައި ސްޕެއިނުން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.

ނޭޝަންސް ލީގުގެ ފައިނަލުން ފްރާންސް ފުރުސަތު ހޯދީ ފަހަތުން އަރައި 3-2 އިން ބެލްޖިއަމް ބަލިކޮށްގެންނެވެ. ސްޕެއިން ފައިނަލަށް ދިޔައީ 2-1 އިން ޔޫރަޕްގެ ޗެމްޕިއަން އިޓަލީގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. މި މުބާރާތުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި އިއްޔެ އިޓަލީން ވަނީ 2-1 އިން ބެލްޖިއަމް ބަލިކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!