ފުރަތަމަ ސަފްޙާ / ޚަބަރު / ބޮޑު މެޗުގެ ކުރިން ދެ ކޯޗުން ވެސް ދެއްކީ ޔަމާލްގެ ވާހަކަ
ފަހުމިނެޓް

ބޮޑު މެޗުގެ ކުރިން ދެ ކޯޗުން ވެސް ދެއްކީ ޔަމާލްގެ ވާހަކަ

އެޑްމިން
އެޑްމިން
9 މަސް ކުރިން 6 މެއި 2025

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގްގައި މިރޭ އިންޓަ މިލާނާއި ބާސެލޯނާ ވާދަކުރާ މެޗުގެ ކުރިން، ދެ ޓީމުގެ ކޯޗުން ވެސް ލަމީން ޔަމާލަށް ތައުރީފްކޮށް ވާހަކަދައްކައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގައި ބާސެލޯނާގެ ދަނޑުގައި އިންޓަ މިލާނާ ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި އެންމެންގެ ސަމާލުކަން ހުއްޓުނީ ބާސެލޯނާގެ 17 އަހަރުގެ ޒުވާން ތަރި ލަމީން ޔަމާލަށެވެ.

މިރޭ ދެވަނަ ލެގްގެ މެޗު އިންޓަ މިލާންގެ ދަނޑުގައި ކުޅޭއިރު، މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ކޯޗުން ވެސް ދެއްކީ އެ އުމުރުގައި ޔަމާލްގެ މޮޅު ވާހަކަ އެވެ.

އިންޓަ މިލާންގެ ކޯޗު ސިމިއޯނީ އިންޒާގީ ބުނީ، މިރޭގެ މެޗުގައި ވެސް ޔަމާލަށް “ޑަބަލް” މާކް ކުރާނެ ކަމަށެވެ. މެޗު ތެރޭގައި ޔަމާލް ފެންނަނީ އާދަޔާހިލާފު ހުނަރެއް ގޮތުގައި ކަމަށް އިންޒާގީ ބުންޏެވެ.

“އެންމެ 17 އަހަރުގެ ޔަމާލް އަތުގައި ބޯޅަ އޮންނައިރު ވަރަށް ނުރައްކާ. އެޓީމުގެ ކުޅުންތެރިންނަށް އަންނަ އުނދަގޫ ވަގުތުގައި ވެސް ބޯޅަ ދެނީ ޔަމާލް އަށް. އަހަރެން އެންމެ ގަޔާވަނީ ބޯޅަ ލިބޭ ވަގުތު ޔަމާންގެ ހުންނަ ކުޅަދާނަކަން. ބޯޅަ ލިބޭއިރަށް އެނގޭ ވަށައިގެން ހުންނަ ހުރިހާ ކަމެއް. އެއީ ހާއްސަ ކުޅުންތެރިއެއް” މެޗުގެ ކުރިން ޔަމާލަށް ތައުރީފްކުރަމުން އިންޒާގީ ބުންޏެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވެސް ވަނީ ޔަމާލަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. ފްލިކް ބުނީ ޔަމާލް އަކީ “ޖީނިއަސް” އެއް ކަމަށެވެ. ފްލިކް އިތުރަށް ބުނީ ޔަމާލް އަތުގައި ބޯޅަ އޮންނަ ވަގުތުގައި ދައްކާ ކުޅުމާއި، ދޭ ޕާސްތަކުގައި ހުންނަ ޕްރެޝަރު އަދި އެންމެ ރަނގަޅު ތަނަށް ބޯޅަ ދިނުމަކީ 17 އަހަރުގެ ކުއްޖެއްގެ ފަރާތުން ފެންނަ އާދަޔާހިލާފު ހުނަރެއް ކަމަށެވެ.

“މިދިޔަ ބުދަ ދުވަހު ޔަމާލްގެ ހުނަރާ އެކީ މެޗު އަނބުރާ ގެނެސްދިނީ. އެއީ ވަރަށް އުފާވެރި މަންޒަރެއް. އެކަމަކު ޔަމާލް ޖެހޭނެ އަބަދުވެސް އެކަން އެގޮތަށް ކުރަން. ދެވަނަ ލެގް ވަރަށް މުހިއްމުވެފަ މިއޮތީ. އިންޓަ މިލާނާ ދެކޮޅަށް ކުޅޭއިރު އެންމެން އެއްވަރަކަށް ކުޅެގެން މޮޅުވާނީ” ބާސެލޯނާގެ ކޯޗު ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު އިންޓަ މިލާން ދަނޑުގައި އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ 15 މެޗުން ވެސް ބަލިވެފައެއްނުވެ އެވެ. އަދި، ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް 2021 ވަނަ އަހަރު ކުޅުނު މެޗުން އިންޓަ މިލާން ވަނީ 0-1 އިން މޮޅުވެފަ އެވެ.

ބާސެލޯނާ އާއި އިންޓަ މިލާން ވާދަކުރާ މެޗު ފަށާނީ މިރޭ މެންދަމު 12 ޖަހާއިރު އެވެ. ދެވަނަ ސެމީގައި ޕީއެސްޖީ އާއި އާސެނަލް ވާދަކުރާ މެޗު ކުޅޭނީ މާދަމާ ރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!