މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ހެރީ މެގުއާ އަކީ އެ ޓީމުގެ ޑިފެންސް ލައިންގެ ތަނބަކަށް ވިޔަސް މިފަހަކަށް އައިސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ޔުނައިޓެޑުން އުފައްދާ ހަމަލާތަކުގައި އެ ކުޅުންތެރިޔާގެ ފަރާތުން ފެނިފައިވާ ބައެއް ކަންކަމަށެވެ.
އެންމެ ބޮޑަށް އެކަން ފުރަތަމަ ފާހަގަވީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ޔުނައިޓެޑާއި ލިޔޯން ވާދަކުރި މެޗް 3-3 އިން އެއްވަރުވެފައިވަނިކޮށް އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓްގެ ދެ ހާފުގެ ތެރެއިން ފަހު ހާފުގެ ފަހު މިނެޓްގައި މެގުއާ ވައްދާލި ގޯލާއެކުއެވެ. އޭރު ޔުނައިޓެޑްގެ ކޯޗް ރުބެން އެމޮރިމް މެގުއާ ބޭނުންކުރަމުން އައީވެސް ފޯވާޑެއްގެ ގޮތުގަ އެވެ.
އޭގެ ފަހުން ރޭ ރަށުން ބޭރުގައި ސްޕެއިންގެ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު ޔޫރޮޕާ ލީގު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަނެއްކާވެސް މެގުއާ ވަނީ ޖާދޫއެއް ހަދައިފަ އެވެ. ރޭގެ މެޗުގެ 30 ވަނަ މިނެޓްގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ މެގުއާގެ ކޮށްޓުމުގެ ހުނަރު ދައްކާލުމަށްފަހު ނަގައިދިން ހުރަހަކުން ކަސެމީރޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. އުމުރުން 32 އަހަރުގެ މެގުއާގެ މި ކުޅުމާއެކު ބައެއް ފަރާތްތަކުން ވަނީ ބްރެޒިލްގެ ރޮނާލްޑީނިއޯއާ އަޅާކިޔައި “ހެރީޑީނިއޯ” ގެ ނަމުން ސޯޝަލް މީޑިއާގައި މެގުއާއާ މުހާތަބުކޮށްފަ އެވެ.
“އަރިމަތިން ކުޅުވަން ކޮނަކަހަލަ މޮޅު ކުޅުންތެރިއެއް. އަހަރެންނަކަށް ހިއެއް ނުވޭ އޭނައަށްވެސް އޭނަގެ ކިބައިގައި އެކަހަލަ ހުނަރެއް ހުރި ކަން ކުރިން އެނގޭނެ ހެނެއް” ރޭގެ މެޗްގައި ދެ ގޯލް ޔުނައިޓެޑަށް ކާމިޔާބުކޮށްދިން އެ ޓީމްގެ ކެޕްޓަން ބްރޫނޯ ފެނާންޑެސް ބުނެފައިވެއެވެ.
“މެގުއާ އަށް މިހާރު ވަނީ ވަރަށް ބޮޑު އިތުބާރެއް ލިބިފަ. އޭނަގެ ފަރާތުން އަންނަނީ ރަގަޅު ކުޅުމެއް ފެންނަމުން. ވަކިން ހާއްސަކޮށް ހަމަލާ އުފެއްދުމުގައި އޭނަ އަންނަނީ ޓީމަށް ފައިދާހުރި ކުޅުމެއް ކުޅެމުން. އޭނަ އަކީ ވަރަށް ރަގަޅު ލީޑަރެއް. އަހަރެމެންގު އުންމީދަކީ ދުވަހެއް ދުވަހަކަށް އޭނަގެ ކުޅުން ރަގަޅުވަމުން އައުން” ފެނާންޑޭސް އިތުރަށް ބުނެފައިވެއެވެ.
ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ފިލް ޖޯންސް ވެސް ވަނީ މެގުއާގެ ކުޅުމާ މެދު ހައިރާންވެފައިވާކަން ހާމަކޮށް ބީބީސީ 5 ލައިވްގައި ވާހަކަ ދައްކައިފަ އެވެ.
“އަހަރެންނަކަށް ކުރިން ނޭނގޭ އޭނަގެ އެ ހުނަރު ހުރި ކަމެއް. ތެދަށް ބުނަންޏާ ފަރިތަކުރުންތަކުގައިވެސް އެކަހަލަ ކަމެއް މީގެ ކުރިން ފެނިފައެއް ނެތް. ވަރަށް މޮޅު ބޯޅައެއް އެ ދިނީ.” ރޭ ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލުގައި މެގުއާ އަދާކުރި ދައުރަށް އިޝާރާތްކުރަމުން ފިލް ޖޯންސް ބުނެފައިވެއެވެ.
މެޗަށްފަހު ޔުނައިޓެޑްގެ ކޯޗް އެމޮރިމް ވެސް ވަނީ ކުރިން ޔުނައިޓެޑްގެ ކެޕްޓަންކަން ކުރި މެގުއާއަށް ތައުރީފްކޮށްފަ އެވެ.
“ބައެއްފަހަރު އަހަރެމެންގެ ދިރިއުޅުމުގައި އެކި ކަހަލަ ތަފާތު ވަގުތުތައް އާދޭ. ހެރީ ވަނީ އުނދަގޫ ދުވަސްތަކެއް ތަހައްމަލުކޮށްފަ. އޭނަ ކުރި ހުރިހާ ކަމަކީވެސް މި ޓީމަށް ފައިދާ ހުރި ކަންކަން. އެހެންވީމަ އެކަމާ އަހަރެމެން އުފާކުރަންޖެހޭ”
މިކަންކަމާ ގުޅޭގޮތުން މެގުއާ ބުނަނީ ކީކޭ ހެއްޔެވެ؟
“ޑިފެންޑަރަކަށް ވެހުރެ އަހަރެންނަށް ޖެހުނީ އަނެއް ކޮޅުގެ ޑިފެންސަށް ހަމަލާދޭން. އަހަރެންނަށް ހީވަނީ އަހަރެންނަށް އެ ބޯޅަ ދިނީ ގަނާޗޯ ހެން. ވަރަށް ހިތްހަމަޖެހުނު ކުޑަކޮށް ކޮށްޓާލާފަ ގޮސް އެ ބޯޅަ ހުރަސްކޮށްލެވުނީމަ. އެ ބޯޅަ ކަސެމީރޯ ބޮލުންޖަހައި ގޯލަށް ވައްދާލީވެސް ވަރަށް މޮޅަށް.” މެގުއާ ބުންޏެވެ.