ފުރަތަމަ ސަފްޙާ / ޚަބަރު / ސާދަ ވަނައިގައި އޮތަސް ޔޫރަޕްގައި ޔުނައިޓެޑް އުދުހެނީ
ފަހުމިނެޓް

ސާދަ ވަނައިގައި އޮތަސް ޔޫރަޕްގައި ޔުނައިޓެޑް އުދުހެނީ

އެޑްމިން
އެޑްމިން
9 މަސް ކުރިން 2 މެއި 2025

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ސްޕެއިންގެ އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދައި އިނގިރޭސި ޕްރިމިއާ ލީގުގެ 14 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ފައިނަލާ ގާތަށް ބޮޑު ފިޔަވަޅެއް އަޅައިފި އެވެ.

ރަށުން ބޭރުގައި ޔުނައިޓެޑުން ބިލްބާއޯއާ ވާދަކުރި މެޗް ކާމިޔާބުކުރީ 0-3 އިންނެވެ.

ރޭގެ މެޗުން ބޮޑު ތަފާތަކުން ޔުނައިޓެޑް މޮޅުވި ނަމަވެސް މެޗުގެ ކުރީކޮޅު ރަގަޅަށް ކުޅުނީ ބިލްބާއޯއިންނެވެ. ފުރަތަމަ ހާފުގައި 0-2 އިން ޔުނައިޓެޑް ފަހަތަށް ޖައްސާލަން އެ ޓީމަށް ރަގަޅު ފުރުސަތުތަކެއްވެސް ލިބުނެވެ. އެންމެ ފުރަތަމަ ރަގަޅު ހިސާބަކުން ލިބުނު ފުރުސަތެއްގައި ބިލްބާއޯގެ އިނާކީ ވިލިއަމްސް ބޮލުންޖަހައި ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު އެ ޓީމްގެ އެލެކްސް ބެރެންގާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓާ ލިންޑެލޯފް ދިފާއުކުރީ ގޯލް ރޮނގުމަތިންނެވެ.

ބިލްބާއޯއަށް ލިބުނު ރަގަޅު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޔުނައިޓެޑަށް މެޗުގެ ތެރެއަށް ވަންނަން ފުރުސަތު ލިބުނެވެ. އެއާއެކު ޔުނައިޓެޑުން ހަމަލާތައް ވަރުގަދަކޮށް މެޗްގެ 30 ވަނަ މިނެޓްގައި ލީޑު ނެގި އެވެ. ޔުނައިޓެޑަށް މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ނަގައިދިން ހުރަހެއް ބޮލުންޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ.

އޭގެ ހަތް މިނެޓްފަހުން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން އެޓީމްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. ވީއޭއާރު ބެލުމަށްފަހު މެޗްގެ ރެފްރީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދިނީ އެ ޓީމްގެ ފޯވާޑް ރަސްމުސް ހޮއިލެންޑަށް ބިލްބާއޯގެ ޑެނީ ވިވިއަން ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލްއާ ގުޅިގެން ވިވިއަންއަށް ވަނީ ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

މެޗްގެ ފުރަތަމަ ހާފު ނުނިމެނީސް ޔުނައިޓެޑުން ވަނީ ނަތީޖާ 0-3 އަށް ބަދަލުކޮށްފައެވެ. މިއަހަރުގެ ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުނު މެނުއަލް އުގާޓޭ ދިން ބޯޅައަކުން ފުރަތަމަ ހާފުގެ ފަހުމިނެޓްގައި މި ލަނޑުވެސް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ފެނާންޑެސް އެވެ. ރޭގެ މެޗްގެ ފަހު ހާފުގައިވެސް ޔުނައިޓެޑްގެ ލީޑް ފުޅާކޮށް ބިލްބާއޯ އަނބުރާނުލެވޭނެ ވަރުގެ ނަތީޖާއަކަށް ހަދަން މުޅި މެޗްގައިވެސް މޮޅު ކުޅުމެއް ދެއްކި ކަސެމީރޯ އަށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ޔުނައިޓެޑަށް ލިބުނު ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ކަސެމީރޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ޓޮޓެންހަމް ހޮޓްސްޕާއިން ވަނީ އަމިއްލަ ރަށުގައި ބޯޑޯ/ގްލިމްޓް ގެ މައްޗަށް 3-1 އިން ކުރި ހޯދައިފައެވެ. މި ނަތީޖާއާއެކު މިފަހަރުގެ ޔޫރޮޕާ ލީގު ފައިނަލަކީ އިނގިރޭސި ދެ ޓީމު ވާދަކުރާ މެޗަކަށް ވުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!