ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މިރޭ ބާސެލާނާ އާއި އިންޓަ މިލާން ވާދަކުރާއިރު މި މެޗް ބައެއް ފަރާތްތަކުން ސިފަކުރަނީ އެންމެ ނުރައްކާތެރި ފޯވާޑް ލައިން އޮތް ޓީމާއި އެންމެ ވަރުގަދަ ޑިފެންސް ލައިން އޮތް ޓީމުގެ ކުރިމަތިލުމެއްގެ ގޮތުގައެވެ.
ބާސެލޯނާގެ ފޯވާޑް ލައިންގައި ހިމެނޭ ރަފީނާ، ރޮބަޓް ލެވަންޑޯސްކީ އަދި ލަމީން ޔަމާލް ވެސް ވަނީ ކުއާޓަ ފައިނަލްގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް އަމިއްލަ ރަށުގައި ކުޅެ 0-4 އިން ބާސެލޯނާ މޮޅުވި މެޗްގައި ގޯލް ޖަހައިފަ އެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން މިހާތަނަށް ޖެހި 37 ލަނޑުގެ ތެރެއިން 27 ލަނޑަކީ މި ތިން ކުޅުންތެރިން ޖަހާފައިވާ ލަނޑު ތަކެވެ. މިއީ ޔަގީނުންވެސް މިރޭ އިންޓަ އަށް ކުރިމަތިލާންޖެހޭނެ އެންމެ ވަރުގަދަ ނުރައްކަލެވެ. އެކަމަކު ލެވަންޑޯސްކީ އަނިޔާގައި ހުރުމަކީ މިރޭ ބާސެލޯނާ އަށް އޮތް ނުތަނަވަސްކަމެކެވެ.
އަނެއްކޮޅުން އިންޓަ މިލާނަކީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ދިފާއު އެންމެ ވަރުގަދަ ކަމަށް ފާހަގަވެފައިވާ ޓީމެވެ. ކުއާޓާ ފައިނަލްގައި ބަޔާން މިޔުނިކުން އިންޓަގެ ގޯލަށް ތިން ލަނޑު ވައްދާލި ނަމަވެސް މި މުބާރާތުގައި އެ ޓީމުން ވަނީ ބައިކޮޅަށް ގޯލެއް ވަނަނުދީ އަށް މެޗް ހަމަކޮށްފަ އެވެ. ދިފާއީ ރެކޯޑް ދެން އެންމެ ރަގަޅު ޓީމަށްވެސް ހަމަކުރެވިފައިވަނީ ހަ މެޗެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި އިންޓަ އެންމެ ފަހުން ކުޅުނު 20 މެޗްގެ ތެރެއިން ބަލިވެފައިވަނީ އެންމެ ދެ މެޗްގައެވެ.
އިންޓަ މިލާންގެ ޑިފެންސްގެ މޮޅު ވާހަކަ ދައްކާއިރު ފޯވާޑް ލައިންވެސް ވަކި ދަށެއް ނޫނެވެ. ވަކިން ހާއްސަގޮތެއްގައި އިންޓަ އަށް ކުޅެމުން އަންން އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒްގެ ފަރާތުން ކުރިމަތިވާނެ ނުރައްކަލާ މެދު ބާސެލޯނާއިން ސަމާލުވާނެކަން ޔަގީނެވެ. މާޓިނޭޒް ވަނީ މި މުބާރާތުގައި ޖެހިޖެހިގެން ފަސް މެޗްގައި ގޯލް ޖަހައި، އެކަން ކުރި އިންޓަގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. މީގެ އިތުރުން މާޓިނޭޒް ވަނީ ބަޔާންއާ ވާދަކޮށް ކުޅުނު ކުއާޓާ ފައިނަލްގެ ދެ ލެގުގައިވެސް ގޯލް ޖަހައިފަ އެވެ.
މި މުބާރާތް ބާސެލޯނާއިން މިހާތަނަށް ފަސް ފަހަރު ކާމިޔާބުކޮށްފައި އޮތަސް މި ވޭތުވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި މި މުބާރާތުގައި މާ އެދެވޭ ކުޅުމެއް އެ ޓީމަށްދެއްކިފައެއް ނުވެ އެވެ. އެންމެ ފަހުން ބާސެލޯނާއިން ވާދަކުރި ޗެމްޕިއަންސް ލީގު ހަ މުބާރާތުގެ ތެރެއިން ފަސް މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައިން އެ ޓީމް އޮތީ ކަޓައިފަ އެވެ. މިފަހަރުގެ ސެމީ ފައިނަލަކީ 2019 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގައި އެ ޓީމު ވާދަކުރާ ފުރަތަމަ ސެމީ ފައިނަލެވެ. މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ބާސެލޯނާ އައީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރުމަށްފަހު އެވެ.
ޗެމްޕިއަންސް ލީގުގައި މި ދެ ޓީމު މިހާތަނަށް 12 ފަހަރު ވާދަކޮށްފައިވާއިރު އޭގެ ތެރެއިން ހަފަހަރު މެޗް ކާމިޔާބުކޮށްފައިވަނީ ބާސެލޯނާއިންނެވެ. އިންޓަ ކޮޅަށް ބުރަވެގެން ނިމިފައި އޮތީ އެންމެ ދެ މެޗެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާސެލޯނާގެ ކޯޗް ހަންސީ ފްލިކް ބުނެފައިވަނީ އިންޓަ އަކީ މޮޅު ޓީމެއް ކަމަށެވެ.
“އަހަރެން ވަރަށް ފާހަގަކުރިން އެ ޓީމު މި މުބާރާތުގައި ކުޅެމުން އަންނަ މޮޅު ކުޅުމާއި، އެމީހުން ކުރަމުން އަންނަ މަސައްކަތް. އެއީ ވަރަށް ތަޖުރިބާ ހުރި ޓީމެއް. އެމީހުންގެ ފަހަތް ވަރަށް ވަރުގަދަ. ވަރަށް އިންތިޒާމްވެގެން ކުޅެނީ. ހަމައެކަނި ދިފާއުކުރުމުގައެއް ނޫން. އެމީހުން އަތުގަ ބޯޅަ އޮންނަ އިރުވެސް. ޓެކްޓިކްސް އަށް ބަލާއިރު އެމީހުންގެ ވިސްނުން ވަރަށް ތޫނު” ފްލިކް އިންޓަގެ ކުޅުމަށް ތައުރީފުކުރަމުން ބުންޏެވެ.
“އިންޓަގެ ކުޅުންތެރިންނަށް އިރުޝާދުދޭން ހުރީ މޮޅު ކޯޗެއް. މިދިޔަ އަހަރުތަކުގައި އިންޒާގީ ވަނީ ޔަގީނުންވެސް ޓީމަށް އާދަޔާހިލާފު ކުރިއެރުންތަކެއް ހޯދައިދީފަ.” އިންޓަގެ ކޯޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައިވެސް ކުރިން މަސައްކަތްކި ފްލިކް ބުންޏެވެ.
މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން އިންޓަ މިލާންގެ ކޯޗު ސިމޯނީ އިންޒާގީ ވެސް ވަނީ އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.
“ބާސެލޯނާއަކީ މުޅި ފުޓްބޯޅައިގެ ތާރީހްވެސް ދުށް އެންމެ މޮޅު އެއް ކްލަބް. އެމީހުންގެ ކުޅުމުގެ ވައްޓަފާޅި އެހެން ކްލަބްތަކާ ވަރަށް ތަފާތު. އެމީހުންގެ ތެރޭގައި އޮތީ ފުޓްބޯޅައިގެ މުއްސަނދި ސަގާފަތެއް. އެންމެ ސީނިއާ ޓީމުން ފެށިގެން އެކަޑަމީ ފެންވަރުގެ ޓީމުތަކުގެ ތެރޭގައިވެސް ކަން އޮތީ އެހެން” އިންޓަގެ ކޯޗް އިންޒާގީ ބުނެފައިވެ އެވެ.
“އަހަރެމެންގެ ފުރިހަމަ އިހުތިރާމް އެމީހުންނަށް އެބައޮތް. ބާސެލޯނާ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އަހަރެމެންގެ ސިކުނޑި ކުޑަ ހިނދުކޮޅަކަށްވެސް އެނބުރިގެން ނުވާނެ. އަހަރެމެން ކަށިން ހިތްވަރު ނެރެންޖެހޭނެ. އެއީ ވަކިވަކި ކުޅުންތެރިންނަށް ބެލިޔަސް އަދި ޓީމެއްގެ ގޮތުގައި ބެލިޔަސް އެއީ ވަރުގަދަ ޓީމެއް.” އިންޒާގީ އިތުރަށް ބުނެފައިވެ އެވެ.
ބާސެލޯނާގެ ދަނޑުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.