ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އާސެނަލް އާއި ޕީއެސްޖީ ވާދަކުރާއިރު އެންމެ ފާހަގަކުރެވޭ އެއް ކަމަކީ މި ދެ ޓީމަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ދެ ޓީމަށް ވުމެވެ.
އާސެނަލް އާއި ޕީއެސްޖީ އަކީ މި މުބާރާތުގެ ތަށީގައި އަތްލުމުގެ ނަސީބު އަދި މިހާތަނަށް ލިބިފައި ނެތް ދެ ޓީމެވެ. މުބާރާތުގެ ފައިނަލާ ހަމައަށްވެސް މި ދެ ޓީމަށް އަދި ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. އާސެނަލުން 2006 ވަނަ އަހަރު މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާއިރު ޕީއެސްޖީން މި މުބާރާތުގެ ފައިނަލްގައި ކުޅެފައިވަނީ 2020 ވަނަ އަހަރު އެވެ.
އެކަމަކު މި ދެޓީމު މިފަހުގެ އަހަރު ތަކުގައި ޗެމްޕއަންސް ލީގުގައި ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ޕީއެސްޖީ އުޅެނީ އާސެނަލަށްވުރެ މާ ބޮޑަށްވެސް ކުރީގަ އެވެ. މިރޭ އާސެނަލް ވާދަކުރާ ސެމީ ފައިނަލަކީ މިދިޔަ 16 އަހަރުގެ ތެރޭގައި އާސެނަލުން ވާދަކުރާ ފުރަތަމަ ޗެމްޕިއަންސް ލީގް ސެމީފައިނަލް ކަމަށް ވާއިރު މިއީ މިދިޔަ ހަ އަހަރުގެ ތެރޭގައި ޕީއެސްޖީން މި މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ.
ކަން އެހެން އޮތަސް މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް މި ދެ ޓީމު ކުރި ދަތުރުގައި އެންމެ ބޮޑު އިތުބާރަކާއެކު ސެމީ ފައިނަލަށް ނިކުންނާނެ ޓީމަކަށް އާސެނަލް ވާނެ އެވެ. ވަކިން ހާއްސަ ގޮތެއްގައި ކުއާޓާ ފައިނަލްގައި 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗެމްޕިއަންސް ލީގުގެ ތަށި 15 ފަހަރު އުފުލާލައިފައިވާ ރެއާލް މެޑްރިޑު ބަލިކޮށްފައިވުމަކީ މިރޭގެ މެޗަށް އާސެނަލް ނުކުންނައިރު އެ ޓީމަށް ލިބިފައި އޮތް ބޮޑު ހިތްހަމަޖެހުމެކެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އެސްޓަން ވިލާއާ ވާދަކޮށް 4-3 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ލީގު ފޭސްގައި އާސެނަލް އާއި ޕީއެސްޖީން ވާދަކޮށްފައިވާއިރު އާސެނަލްގެ ދަނޑުގައި ކުޅުނު އެ މެޗު 0-2 އިން ކާމިޔާބުކޮށްފައިވަނީ އާސެނަލެވެ. މި މެޗް ޕީއެސްޖީއަށް ނާކާމިޔާބުވި ނަމަވެސް އޭގެ ފަހުން ޕީއެސްޖީ ފެންނަމުން އައީ ވަރަށް ތަފާތު ޓީމެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނެފައިވަނީ އެންމެ ބޭނުންވީ ދެވަނަ ލެގް އަމިއްލަ ދަނޑުގައި ކުޅެން ލިބުން ކަމަށެވެ.
“އަހަރެން އަބަދުވެސް އެންމެ އެދޭ ގޮތަކީ ދެވަނަ ލެގުގެ މެޗް އަމިއްލަ ދަނޑުގައި ކުޅެން ލިބުން. އެކަމަކު އެގޮތަކަށް ނޫން މިވަގުތު ދިމާވެފައި މިއޮތީ. އެހެންވީމަ މިހާރު އޮތް ގޮތަކީ އެކަން ދަނެގެން ތިބެ އަހަރެމެންނަށް މިގޮތުގައި ހުރި ފައިދާތަކާއި ފުރުސަތުތަކައި ކޮބައިތޯ ހޯދުން” ކުޅުންތެރިއެއްގެ ގޮތުގައިވެސް ފަސް އަހަރު ދުވަހު އާސެނަލްއަށް ހިދުމަތްކޮށްދިން އާޓެޓާ ބުނެފައިވެ އެވެ.
އާޓެޓާ އިތުރަށް ބުނެފައިވަނީ މިރޭގެ މެޗަށް ނުކުންނައިރު އެންމެ މުހިންމު އެއްޗަކީ ސަޕޯޓަރުންގެ ތަރުހީބު ކަމަށާއި، ރެއާލް މެޑްރިޑް މެޗްގައި ލިބުނު ތަރުހީބަށްވުރެވެސް ބޮޑު ތަރުހީބެއް މިރޭ ޓީމަށް ބޭނުންވާނެ ކަމަށެވެ.
“މިރޭގެ މެޗު ޔަގީނުންވެސް ވާނީ އެމިރޭޓްސް ސްޓޭޑިއަމް ބިނާކުރި ފަހުން މިދަނޑުގައި ކުޅޭ އެންމެ ބޮޑު މެޗަށް. އަހަރެމެން މިހާރު މިތިބީ ތާރީހުގެ އާ ސޮފްހާއެއް ލިޔުމުގެ މަގުމަތީގަ. މިހާރުވެސް އަހަރެމެންނަށް ރަގަޅު ހިސާބަކަށް މިއޮތީ އާދެވިފަ. އެކަމަކު އަހަރެމެން އަދި އިތުރަށްވެސް ބޭނުން” އާޓެޓާ ބުންޏެވެ.
މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗް ލުއިސް އެންރީކޭ ބުނެފައިވަނީ ޓީމު މިހާރު އޮތީ ވަރަށް ރަގަޅު ހާލަތެއްގައި ކަމަށެވެ.
“މުބާރާތުގެ ލީގު ފޭސްގައި ވާދަކުރި އިރަށްވުރެ މިހާރު މި ޓީމު ފެންނަނީ މާ ވަރުގަދަކޮށް. މިހާރު ދެން ބޭނުންވަނީ މި ކްލަބްގެ ތާރީހުގައި ރަން ސޮފްހާއެއް ލިޔަން. އާސެނަލް އަތުން އަހަރެމެން ބަލިވީ މީގެ ހަތް މަސް ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު 01 ގައި. އެ މެޗު އަހަރެން އަލުން ބަލާލިއިރު އޭރާ މިހާރާ ހުރި ތަފާތު ވަރަށް ބޮޑަށް ފާހަގަ ކުރެވުނު. އަހަރެމެންނަށް ހީވަނީ އަހަރެމެންނަށް ބޮޑު ކުރިއެރުމެއް އައިސްފިހެން” ކުރިން ބާސެލޯނާ އަށް ވެސް އިރުޝާދުދިން ކޯޗު އެންރީކޭ ބުނެފައިވެ އެވެ.
އެންރީކޭ އިތުރަށް ބުނެފައިވަނީ އާސެނަލް އަކީ މޮޅު ޓީމެއް ކަމަށާއި އެ ޓީމަކީ ހަމަލާ އުފެއްދުމުގައިވެސް އަދި ދިފާއުކުރުމުގައިވެސް ޓީމެއްގެ ގޮތުގައި ވަރަށް ވަރުގަދައަށް މަސައްކަތްކުރާ ބައެއް ކަމަށެވެ.
އާސެނަލް ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ. މުބާރާތުގެ އަނެއް ސެމީގައި ވާދަކުރާނީ ބާސެލޯނާ އާއި އިންޓަ މިލާނެވެ. އެ މެޗު ބާސެލޯނާގެ ދަނޑުގައި ކުޅޭނީ މާދަމާ ރެ އެވެ.