ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ފްރާންސްގެ ލިޔޯން އަތުން ބަލިވާން ދަނިކޮށް އާދަޔާހިލާފު ގޮތަކަށް ފަހު ހަ މިނެޓުގައި ތިން ގޯލު ޖަހައި، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޔުނައިޓެޑް ރޭ އަމިއްލަ ދަނޑުގައި ލިޔޯން އަތުން މޮޅުވީ 4-5 އިންނެވެ. ފުރަތަމަ މެޗު 2-2 އިން އެއްވަރުވުމާ އެކު ޔުނައިޓެޑަށް އެގްރިގޭޓުން ކުރި ލިބުނީ 6-7 އިންނެވެ.
ރޭގެ މެޗަކީ ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދި މެޗެކެވެ. ޔޫރަޕް ފުޓްބޯޅައިގައި ޔުނައިޓެޑްގެ އެންމެ އުފާވެރި ހަނދާނަކީ 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލެވެ. އެ މެޗުން ބަލިވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާ އެކު ބަޔާން މިއުނިކް 1-2 އިން ބަލިކޮށް ޔުނައިޓެޑުން ޗެމްޕިއަންކަން ހޯދި އެވެ. އެ މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ގޯލުތައް ޖަހައިދިނީ ޓެޑީ ޝެރިންހަމާއި އޮލެ ގުނަ ސޯލްޝެއާ އެވެ.
މީގެ 26 އަހަރުގެ ކުރީގެ ހަނދާންތައް ޔުނައިޓެޑް ރޭ އާކުރީ ޔޫރޮޕާ ލީގުގަ އެވެ. ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތުގައި ވިޔަސް އެ އާދަޔާހިލާފު މޮޅަކީ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
“އަހަރެން 1999 ގެ ޑޮކިއުމެންޓްރީ ވެސް ބެލިން. އެއީ ހިތްވަރު ލިބޭ ޑޮކިއުމެންޓްރީއެއް. މިތާ އަހަރެންނަށް އިހުސާސް ކުރެވެނީ ނުކުރެވޭނެ ކަމެއް ނޯންނާނެޔޭ. މިރޭ ސްޓޭޑިއަމުން އިވުނީ މިއިން ދުވަހަކު ނީވޭ ކަހަލަ ފޯރިގަދަ އަޑެއް” މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.
ރޭ ޔުނައިޓެޑް ފެށީ ވަރަށް ރަނގަޅަށެވެ. އެގޮތުން މެޗުގެ ކުރީކޮޅު މަނުއެލް އުގާޓޭގެ ގޯލުން ލީޑު ނެގި އެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑިއޯގޯ ޑަލޯ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނެވެ. އެކަމަކު ދެވަނަ ހާފުގައި ލިޔޯނުން މޮޅަށް ކުޅެ ނަތީޖާ އަނބުރާލި އެވެ. އެޓީމުގެ ފުރަތަމަ ގޯލު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޮރެންޓިން ޓޮލީސޯ އެވެ. އޭގެ ހަ މިނެޓު ފަހުން ނިކޮލަސް ޓަގްލިއަފީކޯ ލިޔޯނަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ 89 ވަނަ މިނެޓުގައި ޓޮލީސޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން ލިޔޯން މެޗުގެ ބާކީ ބައި ފުރިހަމަ ކުރަންޖެހުމީ 10 ކުޅުންތެރިންނާ އެކު އެވެ.
މެޗު އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އޭގެތެރެއިން ފުރަތަމަ ހާފު ނިމެން ދަނިކޮށް ލިޔޯންގެ ރަޔަން ޗާކީ ގޯލު ޖަހައި އެޓީމަށް ލީޑު ނަގައިދިނެވެ. އަދި އިތުރު ވަގުތުގެ ދެވަނަ ހާފު ފެށިގެން ލިޔޯނަށް ލިބުނު ޕެނަލްޓީއަކުން އަލެކްސަންޑަ ލަކަޒެޓް އެޓީމަށް ދެ ގޯލު ލީޑެއް ނަގައިދިނެވެ.
މެޗު ޔުނައިޓެޑުން އަނބުރާލީ އިތުރު ވަގުތުގެ 114 ވަނަ މިނެޓުން ފެށިގެންނެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން ފަރަގު ކުޑަކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. ޔުނައިޓެޑް ބަލިވެ ކަޓަން ދަނިކޮށް އެޓީމަށް 120 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ކޮބީ މެއިނޫ އެވެ. އެ ގޯލަށް ފަހު އުފެއްދި ފުރަތަމަ ހަމަލާގައި 121 ވަނަ މިނެޓުގައި ޔުނައިޓެޑް މޮޅުކޮށްދިނީ ހެރީ މެގުއާ އެވެ. މޮޅު ލިބުނު ގޯލަށް ފަހު ޔުނައިޓެޑްގެ މުޅި ސްޓޭޑިއަމް ކެކި އެރިއެވެ.
ޔުނައިޓެޑް ޔޫރޮޕާ ލީގު ސެމީ ފައިނަލުގައި ވާދަކުރާނީ ސްޕެއިންގެ އެތުލެޓިކް ކްލަބާ އެވެ. އަނެއް ސެމީގައި ވާދަކުރާނީ ޓޮޓެންހަމް ހޮޓްސްޕާ އާއި ބޯޑޯ/ގްލިމްޓެވެ.