އޮފީސްތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ އޮފީސް ލީގުގެ ގުރުނެގުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
އޮފީސް ލީގު އިންތިޒާމުކުރަނީ ބިގް ގޭމް މޯލްޑިވްސް އިންނެވެ. ބިގް ގޭމް މޯލްޑިވްސް އަކީ ފޯރިގަދަ ރިސޯޓް ލީގު އިންތިޒާމުކުރާ ފަރާތެވެ. ވޭތުވެދިޔަ 12 ވަރަކަށް އަހަރު 50 ވަރަކަށް މުބާރާތް އިންތިޒާމުކޮށްފައިވާ ބިގް ގޭމް މޯލްޑިވްސް އިން އޮފީސް ތަކަށް ހުޅުވާލި ލީގަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މިއަހަރުގެ މުބާރާތުގައި 29 ޓީމަކުން ވާދަކުރާނެއެވެ. ގުރު ނެގުމުގެ ރަސްމިއްޔާތު އޮތީ ރޭ ޝީ ބިލްޑިންގައެވެ. އެ ރަސްމިއްޔާތުގައި އޮފީސް ލީގު އިންތިޒާމުކުރާ ފަރާތްތަކާއި ޓީމުތަކުން އޮފިޝަލުން ބައިވެރިވިއެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 16 ވާ ބުދަ ދުވަހުގެ ރޭގަނޑު 8:30 ގަ އެވެ. ފައިނަލް މެޗު ކުޅޭނީ މެއި މަހުގެ 9 ވަނަ ދުވަހުގެ ރޭ 21:00 ގަ އެވެ.
މުބާރާތް ކުރިއަށްދާނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފަސް ގްރޫޕުގައި ހަތަރު ޓީމު ހިމެނެ އެވެ. ބާކީ ތިން ގްރޫޕުގައި ހިމެނެނީ ތިން ޓީމެވެ.

އޮފީސް ލީގުގެ ގްރޫޕުތައް ބެހިފައިވާ ގޮތް
ގްރޫޕް އޭ، ބީ، ސީ، ޑީ، އަދި އީ، ގްރޫޕުން އެންމެ ކުރި ހޯދާ ދެ ޓީމަށް ގަދަ 16 ގެ ސީދާ ޖާގަތައް ލިބޭނެ އެވެ. އެ 10 ޓީމާ އެކު ގަދަ 16 ގެ ސީދާ ޖާގަތައް ލިބޭނީ ގްރޫޕް އެފް، ޖީ، އަދި އެޗް ގްރޫޕުން އެއްވަނަ ހޯދާ ތިން ޓީމަށެވެ.
ގަދަ 16 ގެ ފަހު ތިން ޖާގަ ކަށަވަރުކުރާނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށްފަހު އެވެ. ޕްލޭއޮފްގައި ކުޅޭނީ ތިން ޓީމު ހިމެނޭ ގްރޫޕް އެފް، ޖީ އަދި އެޗް ގެ ޓީމުތަކެވެ. އެގޮތުން ޕްލޭއޮފް ތިން މެޗުގައި ވާދަކުރާނީ އެއިން ކޮންމެ ގްރޫޕަކުން އެންމެ ފުލަށްދާ ދެ ޓީމެވެ. ޕްލޭއޮފް ތިން މެޗުން މޮޅުވާ ތިން ޓީމަށް ގަދަ 16 ގެ ފަހު ޖާގަތައް ލިބޭނެ އެވެ. ޕްލޭއޮފް މެޗުތައް ކުޅޭނީ އޭޕްރީލް 25 ވަނަ ދުވަހު އެވެ.

އޮފީސް ލީގު ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. މުބާރާތް ފަށާނީ ބުދަ ދުވަހު. ފޮޓޯ: އޮފީސް ލީގު
މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 28 ވަނަ ދުވަހު އެވެ. އޭގެފަހުން ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މެއި 2 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް ކުޅޭނީ މެއި 5 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު އޮންނާނީ މެއި 9 ވަނަ ދުވަހު އެވެ.
މުބާރާތް ކުރިއަށްދާނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައެވެ.
ފުރަތަމަ އޮފީސް ލީގުގައި މުހިއްމު ގަވައިދުތަކެއް:
މުބާރާތް ފަށަން ތައްޔާރުވާއިރު، ފުރަތަމަ މުބާރާތް ވެސް ބާއްވަނީ ފުޓްސަލްގެ ފޯރި ގަދަވާނެހެން މުހިއްމު ގަވައިދުތަކެއް އެކުލަވާލުމަށްފަހުއެވެ.
ފުރަތަމަ ގަވައިދަކީ ޓީމުތަކުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކީވެސް އެ އޮފީހެއްގެ ކުޅުންތެރިއަކަށް ވުމެވެ. މި ގަވައިދާއެކު އޮފީހުން ބޭރުން އެއްވެސް ކުޅުންތެރިއަކު ލިސްޓުގައި ހިމެނުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އަދި، ޓީމުތަކުގައި ހިމެނެން ޖެހޭނީ އެ އޮފީހަކުން ވަޒީފާ ދީފައިވާ މުވައްޒަފުން އެކަނި ކަމަށް ގަވައިދުގައި ވަނީ ހިމަނައިފައެވެ.
އޮފީސް ލީގުގައި ކުޅޭ ކުޅުންތެރިން އެ އޮފީހެއްގެ މުވައްޒަފެއްގެ ގޮތުގައި މުބާރާތް ފެށުމުގެ ތިން މަސް ކުރިން ރަޖިސްޓްރީ ވާންޖެހޭނެ އެވެ. އެނޫން ހާލަތެއްގައި އެއްވެސް ކުޅުންތެރިއަކު ޓީމަކަށް އިތުރެއް ނުކުރެވޭނެއެވެ.
މުބާރާތުގެ ފޯރި ގަދަކުރުމަށް ކަނޑައެޅި އެންމެ މުހިއްމު ގަވައިދަކީ އެންމެ ފަހުގެ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ގައި ޓީމުތަކުގައި ހިމެނުނު އެއްވެސް ކުޅުންތެރިއަކަށް އޮފީސް ލީގުގައި ނުކުޅެވުމެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު ކްލަބް މޯލްޑިވްސްގެ ގަދަ 16 ގެ ޓީމެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކުޅުންތެރިންނަށް (އެއީ އެ އޮފީހުގެ މުވައްޒަފަކަށް ވީނަމަވެސް) އޮފީސް ލީގުގައި ނުކުޅެވޭނެއެވެ. ކްލަބް މޯލްޑިވްސް ކްލަސިކްގައި ކުޅެފައިވާ ކުޅުންތެރިން އޭގެތެރޭގައި ނުހިމެނޭނެ އެވެ.

ގުރު ނެގުމުގެ ރަސްމިއްޔާތުގައި ޓީމުތަކުގެ އޮފިޝަލުން. 29 ޓީމު ވާދަކުރާ މުބާރާތަށް ޓީމުތައް އަންނަނީ ފޯރީގައި ތައްޔާރުވަމުން. ފޮޓޯ: އޮފީސް ލީގު
އެ ގަވައިދުގެ ދަށުން މަޝްހޫރު ބައެއް ޓީމުތަކުން އަންނަނީ މުޅިން އާ ކުޅުންތެރިންނަށް ފުރުސަތުދީ މުބާރާތަށް ތައްޔާރުވަމުންނެވެ.
އޮފީސް ލީގުގައި ވަނީ ފުޓްސަލްގެ ތާރީހުގައި މަޝްހޫރު ޓީމުތަކުން ބައިވެރިވެފަ އެވެ. އެގޮތުން ގްރޫޕް ސީގައި ހިމެނޭ ކަސްޓަމްސް ރެކްރިއޭޝަން ކްލަބަކީ ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ. ހަމަ އެ ގްރޫޕުގައި ހިމެނޭ ކުޅިވަރު ވުޒާރާއަކީ އެންމެ ފަހުގެ ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަނުންނެވެ.
ގްރޫޕް އީގައި ހިމެނޭ ބީއެމްއެލް ވަނީ މީގެކުރިން ދެ ފަހަރު ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގްރޫޕް ޖީގައި ހިމެނޭ ވެމްކޯ އަކީ ވެސް ފަހަކަށް އައިސް ކުޅިވަރުގައި ރަނގަޅު ވާދައެއްކޮށް ކްލަބް މޯލްޑިވްސް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. ގްރޫޕް އެޗްގައި ހިމެނޭ ފެނަކައަކީ ވެސް ކްލަބް މޯލްޑިވްސްގެ ޗެމްޕިއަނެކެވެ.
އޮފީސް ލީގު ބުދަ ދުވަހުގެ ރޭ ފަށާއިރު ގިނަ ޓީމުތަކުން މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. މުބާރާތުގެ ފުރަތަމަ އަހަރުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ފޯރިގަދަވާނެ ފުރަތަމަ އޮފީސް ލީގަށް ބިގް ގޭމް މޯލްޑިވްސް އިން މިހާރު އަންނަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.