ޕެނަލްޓީ ޖަހައިގެން 4-2 އިން ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ރެއާލް މެޑްރިޑް، މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި 2-1 އިން ބަލިވި އެތުލެޓިކޯ ވަނީ، ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 27 ވަނަ ސިކުންތުގައި ލަނޑެއް ޖަހައި އެގްރިގޭޓް ނަތީޖާ 2-2 އިން އެއްވަރުކޮށްފަ އެވެ.
އެތުލެޓިކޯގެ މި ލަނޑު ޖަހައިދިނީ މި ސީޒަންގައި ޗެލްސީ އިން އެޓީމަށް ގެނައި މިޑްފީލްޑަރު ކޮނޯ ގަލަގާ އެވެ. މިއީ އިނގިރޭސި ކުޅުންތެރިއަކު މިހާތަނަށް ޗެމްޕިއަންސް ލީގުގައި ޖެހި އެންމެ އަވަސް ލަނޑެވެ. އަދި މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.
އެގްރިގޭޓް ނަތީޖާ ރެއާލް ކޮޅަށް އަނބުރާލަން ދެވަނަ ހާފުގައި އެޓީމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ކިލިއަން އެމްބާޕޭ އަށް ފައުލް ކޮށްގެން 70 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ، ވިނީޝިއުސް ޖޫނިއާ ފޮނުވާލުމުން ދިޔައީ މާ މަތިން ބޭރަށެވެ.
އިތުރު ވަގުތުގެ ކުޅުމަށް ފަހު ވެސް ނަތީޖާއަށް ބަދަލެއް ނައުމުން، ނަތީޖާ ނެރުނު ޕެނަލްޓީ ޝޫޓައުޓްގައި އެތުލެޓިކޯ ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން އެލެކްސެންޑާ ސޯލޮތާއި ހޫލިއަން އަލްވަރޭޒް އަދި އަންހެލް ކޮރެއާގެ ޕެނަލްޓީ ގޯލަށް ފޮނުވާލި އެވެ.
ނަމަވެސް، އަލްވަރޭޒްގެ ޕެނަލްޓީ ބަލައެއް ނުގަތެވެ. ރެފްރީ އާއި ވީއޭއާރުން ވެސް އަލްވަރޭޒްގެ ޕެނަލްޓީ ބަލައި ނުގަންނަން ނިންމީ އޭނާގެ ދެ ފައިގައި ބޯޅަ ޖެހުނު ކަމަށް ބަލައިފަ އެވެ. އެޓީމުގެ ހަތަރުވަނަ ޕެނަލްޓީ މާކޮސް ލޮރެންޓޭ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
އެމްބާޕޭ އާއި ޖޫޑެ ބެލިންހަމް އަދި ފެޑެރިކޯ ވެލްވާޑޭ ރެއާލްގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބު ކުރި އިރު، ލޫކަސް ވަސްކޭޒްގެ ޕެނަލްޓީ އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް ވަނީ ދިފާއު ކޮށްފަ އެވެ. ނަމަވެސް އެންޓޮނީ ރުޑިގާ ވަނީ ފަސްވަނަ ޕެނަލްޓީގައި އޮބްލަކްގެ އަތުގައި ޖައްސާފައި ބޯޅަ ގޯލަށް ފޮނުވާލައި ރެއާލަށް ކުއާޓާގެ ޖާގަ ޔަގީން ކޮށްދީފަ އެވެ.
މިއާ އެކު ކުއާޓާގައި ރެއާލް ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. އާސެނަލް ވަނީ ރޭ ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރު ކޮށްފަ އެވެ. ނަމަވެސް އެޓީމު ވަނީ 9-3ގެ އެގްރިގޭޓަކުން ކުރި ހޯދައިފަ އެވެ.
ޕީއެސްޖީ ކުއާޓާގައި ވާދަކުރާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. ވިލާ ވަނީ ރޭ 3-0 އިން ބެލްޖިއަމްގެ ކްލަބް ބުރޫޖް ބަލިކޮށް، 6-1ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެފަ އެވެ.
އަންނަ މަހު ކުޅޭ ކުއާޓާ ފައިނަލްގައި ބާސެލޯނާ އާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަ ކުރާއިރު، ބެޔާން މިއުނިކް ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ.