އިނގިރޭސި ވިލާތުގެ ދެވަނަ ޑިވިޝަން ނުވަތަ ބެލެވޭ ޗެމްޕިއަންޝިޕްގެ ފުލުގައި އޮތް ޕްލައިމައުތު އަތުން ބަލިވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އިނގިރޭސި އެފްއޭ ކަޕުން ކަޓައިފި އެވެ.
މިއީ މިފަހަރުގެ އެފްއޭ ކަޕްގައި މިހާތަނަށް ފެނުނު އެންމެ ހައިރާންކުރުވަނިވި ނަތީޖާ އެވެ. ރޭ ޕްލައިމަތުގެ ދަނޑުގައި ކުޅުނު މެޗަށް ލިވަޕޫލުން ނުކުތީ ގިނަ ބަދަލުތަކާއެކު އެވެ. އެންމެ ފަހުން އެ ޓީމު ކަރަބާއޯ ކަޕްގެ ސެމީ ފައިނަލުގައި ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓެންހަމާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނު 10 ކުޅުންތެރިން ރޭގެ މެޗު ފުރަތަމަ 11 ގައި ކުޅެން އަރާފައެއް ނުވެ އެވެ. މި ބޮޑު ބަދަލުގެ ފައިދާ ޕްލައިމަތުން ނަގައި އެފްއޭ ކަޕްގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރީ 0-1 އިން ލިވަޕޫލް ބަލިކުރުމަށްފަހު އެވެ.
ފުރަތަމަ ހާފު ވަރަށް ވަނދުކޮށް ދިޔަ ރޭގެ މެޗަށް ދިރުން އައީ މެޗުގެ ފަހު ހާފު ފަށައިގެން އަށް ވަނަ މިނެޓްގެ ތެރޭގައި ޕްލައިމަތަށް ޕެނަލްޓީއެއް ލިބުނު ހިސާބުންނެވެ. ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ޕްލައިމައުތަށް ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ އެ ޓީމުގެ ރަޔަން ހާޑީ އެވެ އޭގެ ކުޑައިރުކޮޅެއް ފަހުން ޕްލައިމަތުގެ ލީޑް ފުޅާކުރުމަށް ހާޑީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ބަދަލު ކީޕަރު ދިފާއުކޮށް ފޮނުވާލި ބޯޅަ ބޭރުވީ ދަނޑީގައިވެސް ޖެހިފަ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިވަޕޫލުން ޕްލައިމައުތު ކޮޅަށް ގޯލެއް ވައްދާލެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. ނުރައްކާތެރި ދެހަމަލާއެއްވެސް ޕްލައިމައުތުގެ ގޯލާ އަމާޒުކޮށް އެ ޓީމުން ފޮނުވައިވެސް ލިޔެވެ. މިގޮތުން ލިވަޕޫލްގެ ޑިއޯގޯ ޖޯޓާ އާއި ޑާވިން ނޫނެޒް ފޮނުވާލި ނުރައްކާތެރި ދެ ބޯޅަ ޕްލައިމައުތުގެ ގޯލްކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވ.
މި ނަތީޖާއާއެކު މި ސީޒަނުގައި ހަތަރު ތަށި ހޯދަން ލިވަޕޫލަށް މިހާތަނާ ޖެހެންދެން އޮތް ފުރުސަތު ގެއްލުނީ އެވެ. ޕްލައިމައުތަށް އެފްއޭ ކަޕްގައި ކުރިއަށްދެވޭ ގޮތްވިޔަސް ޗެމްޕިއަންޝިޕްގައި އެ ޓީމަށް ދެމިއޮވެވޭނެ ކަމާ މެދު އަދިވެސް އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.