އިނގިރޭސި އެފްއޭ ކަޕްގައި ރޭ މެންޗެސްޓާ ސިޓީ އިން އަމިއްލަ ދަނޑުގައި 1-10 އިން އެކްސެޓާ ސިޓީ ބަލިކޮށްފި އެވެ.
ލީގު ވަންގައި ވާދަކުރާ އެކްސެޓާ ސިޓީ އަތުން ސިޓީ މޮޅުވި މެޗުގައި އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ މެޗުގެ ފުރަތަމަ ހާފު އެއްކޮށް ކުޅުނު އާލިން ބްރައުޓް ހާލަންޑަށް ގޯލެއް ކާމިޔާބު ނުކުރެވުމެވެ.
މެޗުގެ ފުރަތަމަ ހާފު ސިޓީ ނިންމާލީ ހަތަރު ގޯލު ކުރީގައި އޮވެގެންނެވެ. އޭގެތެރެއިން ފުރަތަމަ ގޯލު ޒުވާން ޑިފެންޑަރު މެކްސް އަލޭން ކާމިޔާބު ކުރިއިރު އަނެއް ގޯލު ޖެހީ ރޮޑްރީ އެވެ. ފުރަތަމަ ހާފުގެ ފަހު ދެ ގޯލަކީ ބައިކޮޅަށް ޖެހި ދެ ގޯލެވެ.
ފުރަތަމަ ހާފަށް ފަހު ހާލަންޑް ވަނީ ބާލައިފަ އެވެ. ދެވަނަ ހާފުގައި ސިޓީން ވަނީ އިތުރު 6 ގޯލު ޖަހައިފަ އެވެ. މި ގޯލުތައް ކާމިޔާބުކޮށްދިނީ، ރިކޯ ލެވިސް، ސިޓީއާ އަލަށް ގުޅުމަށް ފަހު ފުރަތަމަ މެޗު ކުޅުނު އެންޓޮއިން ސެމެންޔޯ، ޓިޖާނީ ރެއިންޑާސް އަދި ނިކޯ އޮރެއިލީގެ އިތުރުން ރަޔަން މެކެއިޑޫ އެވެ.
އެކްސެޓާ ސިޓީ އިން ސުން ކަނޑުވާލި ގޯލު މެޗުގެ ފަހުމިނެޓުގައި ޖެހީ ޖޯޖް ބާޗް އެވެ.
ޗެލްސީގެ އާ ކޯޗު ލިއަމް ރޮސެނިއާގެ ފުރަތަމަ މެޗުގައި އެޓީމު ވަނީ ރަށުން ބޭރުގައި ޗާލްޓަން އެތުލެޓިކް 5-1 އިން ބަލިކޮށްފަ އެވެ.
އެފްއޭ ކަޕްގެ އެހެން ނަތީޖާތަކަށް ބަލާއިރު އެންމެ ފަހުގެ ޗެމްޕިއަން ކްރިސްޓަލް ޕެލެސް ވަނީ ހައިރާންކުރުވަނިވި ގޮތަކަށް މެކަސްފީލް އަތުން 1-2 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.
ނިއުކާސަލް ޔުނައިޓެޑާއި ބޯންމައުތު ވާދަކުރި މެޗު 3-3 އިން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދީ ނިއުކާސަލް އެވެ. ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށް އެސްޓަން ވިލާ ވަނީ 2-1 އިން މޮޅިވެފަ އެވެ.
ފުލަމް 1-3 އިން މިޑްލްސްބަރޯ ބަލިކުރިއިރު، ވުލްވްސް ވަނީ ޝްރުސްބެރީ 1-6 އިން ބަލިކޮށްފަ އެވެ.
އެފްއޭ ކަޕްގައި މިއަދު ވެސް މެޗުތައް ކުޅޭނެ އެވެ. އެގޮތުން އާސެނަލުން ޕޯޓްސްމޯތާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.