ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީން ނުކުތީ އެޓީމުގެ ފޯވާޑް އާލިން ހާލަންޑް ނިސްބަތްވާ ނޯވޭގެ ޓީމަކާ ދެކޮޅަށެވެ. ނޯވޭގެ ގަދަ ފިނީގައި ސިޓީން ބޯޑޯ އާ ދެކޮޅަށް ކުޅެ ބަލިވީ 1-3 އިންނެވެ.
އެ ނަތީޖާއާ އެކު ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދާން ސިޓީ އަށް ކުރަންޖެހޭ މަސައްކަތް އިތުރަށް އުނދަގޫވީ އެވެ. މި ބުރުގައި ސިޓީއަށް ދެން ކުޅެން އޮތް ގަލަޓަސަރާއީ މެޗުން މޮޅެއް ނުހޯދިއްޖެ ނަމަ ގަދަ 16 ގެ ޖާގައެއް ހޯދަންޖެހޭނީ ޕްލޭއޮފް މެޗަކަށް ގޮސްގެންނެވެ. މިއީ އަނިޔާގެ މައްސަލަ ބޮޑުވެފައި އޮތް ސިޓީއަށް ކުރިމަތިވާނެ އިތުރު ތަކުލީފެކެވެ.
މިހުރިހާ ކަމަކާ އެކު ވެސް ސިޓީއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ނުތަނަވަސް ކަމަކީ ސިޓީގެ އެންމެ މުހިންމު ފޯވާޑް ހާލަންޑްގެ ފޯމު ދަށްވުމެވެ. ޗެމްޕިއަންސް ލީގު މެޗުގައި ހާލަންޑް ފުރިހަމަ 90 މިނެޓް ދަނޑުމަތީގައި ހޭދަކުރި ނަމަވެސް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. އެ މެޗާ އެކު އެންމެ ފަހުން ހާލަންޑް ކުޅުނު 8 މެޗް ނިންމާލަންޖެހިފައި ވަނީ ޕެނަލްޓީއަކުން ނޫން ގޮތަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެވެ.
ހުރިހާ މުބާރާތެއް އެއްކޮށްލައިގެން މި ސީޒަންގައި މިހާތަނަށް ހާލަންޑް ޖެހި ގޯލުގެ އަދަދު 31 އަށް އަރާފައިވީ ނަމަވެސް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހާލަންޑް ފެނުނީ ގޯލާ ބީރައްޓެހި ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ހާލަންޑް ސިޓީއަށް ބަދަލުވި ފުރަތަމަ ސީޒަންގައި އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހާސިލްކޮށްފަ އެވެ. އެ ސީޒަނުގައި ސިޓީއަށް 36 ގޯލު ލީގުގައި ކާމިޔާބުކޮށްދީފައިވާއިރު ހުރިހާ މުބާރާތްތަކެއްގައި ޖެހި ގޯލްގެ އަދަދު 52 އަށް އެރި އެވެ. ޖެހިގެން އައި ސީޒަންގައިވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓް 27 ގޯލު ޖަހައިގެން ހާލަންޑް ވަނީ ހޯދައިފަ އެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި ހާލަންޑަށް ކާމިޔާބުކުރެވޭ ގޮތްވީ 22 ގޯލެވެ.

ބޯޑޯ/ގްލިމްޓް މެޗުގައި ހާލަންޑް ބޯޅައެއް ފޮނުވާލަނީ. ކޮންމެ މެޗެއްގައި ކުޅުވާތީ ހާލަންޑަށް އަރާމުކުރަން ފުރުސަތެއް ނުލިބޭ
ހާލަންޑަށް މިހާރު ކުރިމަތިވެފައިވާ ގޯލް ނުޖެހުމުގެ މައްސަލައިގެ އެއް ސަބަބަކީ އަރާމުކުރާނެ ވަގުތު ނުލިބި ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް ކުޅެންޖެހުން ކަމަށް ވެދާނެ އެވެ.
ނޯވޭއަށް ސިޓީގެ ޓީމު ދިޔައީ އަނިޔާއާ ސަސްޕެންޝަންގެ ސަބަބުން ޓީމުގެ ވަރަށް ގިނަ މުހިންމު ކުޅުންތެރިން ނުލަ އެވެ. އޭގެ އިތުރުން ސިޓީއަށް ދިމާވެފައިވާ ލަނޑުޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ގެނައި އެންޓުއަން ސެމެންޔޯއަށް ޗެމްޕިއަންސް ލީގުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ރޭގެ މެޗުގައި ކުޅުމުގެ ފުރުސަތު އޮތީ ބަންދުވެފަ އެވެ. އެހެންވުމާއެކު ސިޓީން ރޭވެސް ބަރޯސާ ވާންޖެހުނީ ހާލަންޑަށެވެ.
ހާލަންޑް ވަނީ ސިޓީން މި ސީޒަންގައި މިހާތަނަށް ކުޅުނު 32 މެޗުގެ ތެރެއިން 30 މެޗުގައި ކުޅެފަ އެވެ. އެއީ މިނެޓުން ބަލާ ނަމަ 2480 މިނެޓެވެ. މިއީ ދެން އެންމެ ގިނަ ވަގުތު ދަނޑުމަތީގައި މި ސީޒަންގައި ދެން ހޭދަކުރި ކުޅުންތެރިޔާއަށް ވުރެ 239 މިނެޓް އިތުރު އަދަދެކެވެ.
މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހާލަންޑްގެ ބޭނުން ކޮންމެ މެޗެއްގައި ހިފަން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް މަޖުބޫރުވީ އެޓީމުގައި ސެންޓަ ފޯވާޑެއްގެ ރޯލް ދެން އަދާކުރަމުން އަންނަ މިސްރުގެ އޮނަރު މާމޫޝް އެފްރިކާ ކަޕަށް ދާންޖެހުމާ ގުޅިގެންނެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލްގައި ސިޓީން ބްރެންޑްފޯޑާ ދެކޮޅަށް ކުޅުނު މެޗްގެ ފުރަތަމަ އެގާރައިގައި ވެސް ކޯޗް ގާޑިއޯލާ ވަނީ ހާލަންޑް ހިމަނައިފަ އެވެ. މިއީ 2022 ވަނަ އަހަރު ހާލަންޑް ސިޓީއަށް ގުޅުނު ފަހުން އެ މުބާރާތުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އެކްސެޓާ ސިޓީއާ ދެކޮޅަށް ކުޅެ 1-10 އިން މޮޅުވި މެޗްގެ ފުރަތަމަ 11 ގައި ހިމެނިގެންވެސް ހާލަންޑް ވަނީ ކުޅެފަ އެވެ. ފުރަތަމަ ހާފު ނިމުމަށްފަހު ބަދަލުކުރި ހާލަންޑަށް އެ މެޗްގައި ވެސް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. މިއީ އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ މެޗެއްގައި ހާލަންޑް ކުޅުނު ފުރަތަމަ ފަހަރެވެ.
މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ސިޓީން އޯލްޑް ޓްރެފޯޑްގައި ކުޅެ 0-2 އިން ބަލިވި މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސިޓީގެ ކޯޗް ބުނެފައިވަނީ ހާލަންޑް ހުރީ ވަރުބަލިވެފައި ކަމަށާއި އެކަން އެގޮތަށް އެދިމާވީ މިސްރުގެ ފޯވާޑް މާމޫޝް މެޗްތަކުގައި ބޭނުންކުރެވުނުލެއް މަދުވުމުން ކަމަށެވެ. ސިޓީން ޔުނައިޓެޑާ ދެކޮޅަށް އެންމެފަހުން ކުޅުނު މެޗަކީ މިހާތަނަށް ހާލަންޑްގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނުނު މެޗްކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.