އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި މެންޗެސްޓާ ސިޓީ 2-0 އިން މޮޅުވެއްޖެއެވެ.
ސެމީގެ ދެވަނަ ލެގްގެ މެޗު އޮންނާނީ ސިޓީގެ ދަނޑުގައި އަންނަ ފެބްރުވަރީ މަހުގެ ފުރަތަމަ ހަފްތާގަ އެވެ. ސެމީގެ ފުރަތަމަ ލެގުން މޮޅުވުމުން ފައިނަލުގެ ޖާގައެއް ކަށަވަރުކުރަން ސިޓީ އަށް ވަނީ ފަސޭހަވެފަ އެވެ.
ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ ގޯލު 53 ވަނަ މިނެޓުގައި ޖެހީ އެންޓޮއިން ސެމެންޔޯ އެވެ. މިއީ ބޯންމައުތު ދޫކޮށް ސިޓީ އަށް ބަދަލުވިތާ ހަފްތާއެއްތެރޭ ސެމެންޔޯ އެ ކްލަބަށް ކާމިޔާބުކޮށްދިން ދެވަނަ ގޯލެވެ.
ސެމެންޔޯ ފުރަތަމަ ގޯލު ޖެހީ ހަފްތާ ބަންދުގައި އިނގިރޭސި އެފްއޭ ކަޕްގައި ސިޓީން 1-10 އިން އެކްސެޓާ ސިޓީ ބަލިކުރި މެޗުގަ އެވެ. ލީގު ކަޕްގައި ރޭ ގޯލުޖެހިއިރު ސެމެންޔޯ އަދި ސިޓީ އަށް ލީގުގައި މެޗެއް ކުޅެފައެއްނުވެ އެވެ. ލީގުގައި ސެމެންޔޯ ސިޓީއާ އެކު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
ސިޓީގެ ދެވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަޔަން ޗާކީ އެވެ.
މެޗުގައި ސިޓީގެ ގޯލު ބެލެހެއްޓި ޖޭމްސް ޓްރެފޯޑް ވަނީ ނިއުކާސަލް ޔުނައިޓެޑްގެ ޔޯން ވިސާ ބޮލުން ޖެހި ނުރައްކާތެރި ބޯޅައެއް މަތަކޮށްފައެވެ. އަދި، ފޯމުގައި ހުރި ނިއުކާސަލްގެ މިޑްފީލްޑަރު ބްރޫނޯ ގިމެރޭޝް ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ.
ސިޓީން ލީގު ކަޕްގެ ފައިނަލުގައި އެންމެ ފަހުން ކުޅުނީ 2021 ވަނަ އަހަރު އެވެ.
ލީގު ކަޕްގެ ސެމީގެ ދެވަނަ މެޗުގައި ވާދަކުރަނީ ޗެލްސީ އާއި އާސެނަލް އެވެ. ޗެލްސީ ދަނޑުގައި ކުޅޭ ފުރަތަމަ ލެގްގެ މެޗު ފަށާނީ މިރޭ 1 ޖަހާއިރު އެވެ.