ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިއަދު 40 އަހަރު ފުރިއްޖެ އެވެ.
އުމުރުން 40 އަހަރު ވީއިރުވެސް ރޮނާލްޑޯއަކީ އަދިވެސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެކެވެ. ގަދަ ހިތްވަރާއެކު، ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއާގެ އަލް ނަސްރަށެވެ.
ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން ފާހަގަކުރެވުނު ރޮނާލްޑޯގެ މަޝްހޫރުކަން ފެށުނީ 2003 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ހިސާބުންނެވެ. އޭގެފަހުން ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި ދެވަނަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފަ އެވެ. ޔުނައިޓެޑް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދޫކޮށްލުމަށްފަހު، ރޮނާލްޑޯ ބަދަލުވީ މިހާރުގެ ކްލަބް އަލް ނަސްރަށެވެ.
ރޮނާލްޑޯ ވަނީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި، ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރު ހޯދިއިރު އެއީ ރެކޯޑެކެވެ. ޔޫރަޕްގައި އެންމެ ގިނަ ގޯލު ޖަހައިން ރަން ބޫޓު ހަތަރު ފަހަރު ހޯދި އެވެ. ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ޓީމުގައި ފަސް ފަހަރު ހިމެނުނެވެ. އެއީ ޔޫރަޕްގެ ކުޅުންތެރިންގެ ތެރެއިން ރެކޯޑެކެވެ.
ކެރިއަރުގައި 35 ތަށި ހޯދާފައިވާ ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ރޮނާލްޑޯ އެވެ.
ޕޯޗުގަލްއާ އެކު 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް 2019 ވަނަ އަހަރު ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކުރި އެވެ.
ރޮނާލްޑޯ ވަނީ ކެރިއަރުގައި މިހާތަނަށް 1261 މެޗު ކުޅެ 923 ގޯލު ޖަހައި، 257 ގޯލު ޖަހަން އެހީތެރިވެފަ އެވެ.
ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔަކީވެސް ރޮނާލްޑޯ އެވެ. ޕޯޗުގަލް އަށް މިހާތަނަށް ކުޅުނު 217 މެޗުގައި ރޮނާލްޑޯ ވަނީ 135 ލަނޑު ޖަހައިފަ އެވެ.
ސާޅީސް އަހަރު ފުރުމުގެ ކުރިން މިދިޔަ ހޯމަ ދުވަހު ރޮނާލްޑޯ ދިން އިންޓަވިއުއެއްގައި ބުނީ، ފުޓްބޯޅައިގައި ތާރީހު ދުށް އެންމެ ފުރިހަމަ ކުޅުންތެރިއަކީ އޭނާ ކަމަށެވެ.
“އަހަރެން ވާހަކަދައްކަނީ ނަންބަރުން. އަހަރެން ގަބޫލުކުރާ ގޮތުގަ އަހަރެންނަނީ ދުނިޔޭގައި އުފެދުނު އެންމެ ފުރިހަމަ ފުޓްބޯޅަ ކުޅުންތެރިޔާ. ފުޓްބޯޅައިގެ ހުރިހާ ކަމެއް އަހަރެން ކުރަން. ބޮލުން، ފްރީކިކް، ލެފް ފުޓް. އަހަރެން އަވަސްވެފަ ވަރުގަދަ. މެސީ، ޕެލޭ، މަރަޑޯނާއަށް ސަޕޯޓްކުރިޔަސް އަހަރެން އިހުތިރާމް ކުރަން. އެކަމަކު އެންމެ ފުރިހަމަ ކުޅުންތެރިއަކީ އަހަރެން” ރޮނާލްޑޯ ބުންޏެވެ.
އުމުރުން 40 ވިޔަސް ފުޓްބޯޅައިން ރިޓަޔާ ކުރުމުގެ ވިސްނުމެއް ރޮނާލްޑޯގެ ނެތެވެ. ބޮޑަށް ބެލެވޭ ގޮތުގައި ކެރިއަރުގައި ރޮނާލްޑޯގެ ފަހު މުބާރާތަކަށް ވަނީ އަންނަ އަހަރު އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕް 2026 އެވެ.