ރ. އަތޮޅު ފުޓްސަލްގެ އެންމެ ވާދަވެރިކަން ބޮޑު ދެ ރަށުން އަތޮޅު ފައިނަލުގައި މިއަދު ހަވީރު ވާދަކުރާނެ އެވެ.
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިއަދު ހަވީރު ރ. އަތޮޅުން ވާދަކުރާނީ އިނގުރައިދޫ އާއި ދުވާފަރެވެ.
ރ. އަތޮޅުން މުބާރާތުގައި ބައިވެރިވީ ވެސް މި ދެރަށުންނެވެ. ފައިނަލުގައި ދެ ރަށް ވާދަކުރަނީ އަތޮޅުގެ އެއް ވަނަ އަދި ދެ ވަނަ ކަނޑައެޅުމަށެވެ. މި ދެޓީމު ފައިނަލަށް ނުކުންނައިރު މިހާރު ވެސް ޒޯން ބުރުން ވަނީ ފުރުސަތު ލިބިފަ އެވެ.
އިނގުރައިދޫ އަކީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި އަލީ ހާފިޒް (ހާއްޕެ) ގެ ރަށެވެ. ހާއްޕެގެ އިތުރުން ފުޓްބޯޅަ އާއި ފުޓްސަލްގައި މަޝްހޫރު އަހުމަދު އައިހަމް އަކީ ވެސް އިނގުރައިދޫގެ ކުޅުންތެރިއެކެވެ.
މި ދެކުޅުންތެރިން ވެސް ވަނީ މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކްލަބް މޯލްޑިވްސް ސީޒަނުގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ރޯޑް ރެކްރިއޭޝަން ކްލަބުން ހޯދިއިރު ހާއްޕެ މުހިއްމު ދައުރެއް އަދާކުރި އެވެ. އަދި، ސެކްޓާ ލީގުގެ ޗެމްޕިއަންކަން ކްލަބް ހޯކްސް ހޯދިއިރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި ސެކްޓާ ކިންގުގެ މަގާމް ހޯދީ އައިހަމް އެވެ.
ދުވާފަރަކީ ވެސް އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ރަށެވެ. ދުވާފަރު ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ރާއްޖޭގެ ފުޓްސަލްގައި މަޝްހޫރު މުހައްމަދު އިސާމް (ޝަންޓޭ) އެވެ. ޝަންޓޭ ވަނީ މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އެމްޓީސީސީ ޓީމުގައި މޮޅު ކުޅުމެއް ދައްކައި 12 ގޯލު ޖަހައިފަ އެވެ. ޝަންޓޭގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއީލް އީސާ (މެސީ) ވެސް ވަނީ ދުވާފަރު ޓީމުގައި ހިމަނައިފަ އެވެ.
އިނގުރައިދޫ އާއި ދުވާފަރަކީ އަތޮޅު މުބާރާތްތަކާއި، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތަކުގައި ވެސް ވާދަވެރިކަން ބޮޑު ދެ ރަށެވެ. މި ދެޓީމު ވާދަކުރާ މެޗުތަކަކީ މިހާތަނަށް ރާއްޖޭގެ ފުޓްސަލްގައި އެންމެ ފޯރިގަދަ ކުރިމަތިލުންތަކެއް ފެނިފައިވާ މެޗުތަކެވެ. ދެ ރަށުގެ ކުޅުންތެރިންގެ ވާދަވެރިކަމުގެ އިތުރުން ސަޕޯޓަރުންގެ މެދުގައިވެސް ވަރުގަދަ ރޫހެއް އޮވެ އެވެ.
މިއަދުގެ މެޗު ކުޅޭނީ އިނގުރައިދޫގަ އެވެ. އެހެންވެ މި މެޗު ބެލުމަށް ދުވާފަރުން މިއަދު ގިނަ އަދަދެއްގެ ބަޔަކު އިނގުރައިދޫ އަށް ދާނެ އެވެ.
https://www.fahuminet.com/tournaments/fam-r-atoll-futsal-championship
އިނގުރައިދޫ އާއި ދުވާފަރު ޒޯން ބުރުގައި ވާދަކުރާނީ ބ، ނ އަދި ޅ އަތޮޅުގެ ޓީމުތަކާ އެވެ. ބ. އަތޮޅުން ޒޯން ބުރުގައި ވާދަކުރާނީ އޭދަފުއްޓާއި ތުޅާދޫ އެވެ. ނ. އަތޮޅުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށް ޒޯން ބުރުން ފުރުސަތު ހޯދީ މަނަދޫ އާއި މަގޫދޫ އެވެ. ޅ. އަތޮޅުން މުބާރާތުގައި ބައިވެރިވީ ނައިފަރާއި ހިންނަވަރެވެ. އެހެންވެ މި ދެރަށަށް މިހާރު ވެސް ވަނީ ޒޯން ބުރުން ފުރުސަތު ލިބިފަ އެވެ.
އިނގުރައިދޫ ފުޓްސަލް ދަނޑުގައި ވާދަކުރާ ރ. އަތޮޅު ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު 4:30 ގަ އެވެ.