ފުރަތަމަ ސަފްޙާ / ޚަބަރު / ހިތްހަމަ ނުޖެހުނަސް ރޮނާލްޑޯގެ ޝަކުވާގައި ބުރަދަނެއް ނެތް
ފަހުމިނެޓް

ހިތްހަމަ ނުޖެހުނަސް ރޮނާލްޑޯގެ ޝަކުވާގައި ބުރަދަނެއް ނެތް

އެޑްމިން
އެޑްމިން
2 ހަފްތާ ކުރިން 3 ފެބްރުއަރީ 2026

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑް މިހާރު ކުޅެމުން އަންނަ ކްލަބް އަލް ނަސްރުން ވާދަވެރި އެހެން ކްލަބްތަކާ އެއްވަރަށް ހަރަދު ނުކުރާ ކަމަށް ބުނެ ރޮނާލްޑޯ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާއިރު އެއީ ކިހާވަރެއްގެ ހަގީގަތެއް އޮތް ކަމެއް ހެއްޔެވެ؟ އަންނަ ބުރާސްފަތި ދުވަހު 41 އަހަރު ފުރޭ ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި ސައުދީ ޕްރޯ ލީގުގައި އެންމެ ވަރުގަދައަށް ވާދަކުރަމުން އަންނަ އަލް ހިލާލާއި، އަލް އިއްތިހާދުގެ އިތުރުން އަލް އަހްލީއަށް ސައުދީ ސަރުކާރުގެ ހިއްސާ އޮންނަ ޕަބްލިކް އިންވެސްޓްމަންޓް ފަންޑްގެ މާލީ އެހީތެރިކަން އަލް ނަސްރަށްވުރެ ބޮޑަށް ލިބެމުން އާދެއެވެ.

މި ހަތަރު ކްލަބަކީ ވެސް ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން މެޖޯރިޓީ ހިއްސާ ގަނެގެން ހިންގަމުން އަންނަ ހަތަރު ކްލަބެވެ. މި މައްސަލައިގައި ރޮނާލްޑޯގެ ހިތްހަމަނުޖެހުން އޮތް މިންވަރު ދެއްކުމުގެ ގޮތުން އަލް ނަސްރުން ލީގުގައި އައް ރިޔާދާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި ކުޅެން އޭނާ ވަނީ އުޒުރުވެރިވެފަ އެވެ. އަލް ނަސްރު ނިސްބަތްވާ ރަށުގެ އަނެއް ޓީމާ ވާދަކުރާ މެޗުގައި ޓީމުގެ ކެޕްޓަން އަދި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ ނުކުޅުމަކީ ޓީމަށާއި، ސަޕޯޓަރުންނަށް ލިބުނު ބޮޑު މާޔޫސް ކަމެކެވެ.

“މެޗުން ރޮނާލްޑޯ ފެނިފައިނުވަނީ އަނިޔާގެ އެއްވެސް މައްސަލައެއް ނުވަތަ އަރާމެއް ނެތި ކުޅެންޖެހުން ފަދަ އެއްވެސް މައްސަލައަކާ ގުޅިގެނެއް ނޫން.” އެކްސްގައި ދުނިޔޭގެ ކުޅިވަރު ހަބަރުތައް އެންމެ ތާޒާކަމާއެކު ގެނެސްދޭ އެއް ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ކްލަބާ މެދު ރޮނާލްޑޯގެ ހިތްހަމަ ނުޖެހުންތަކެއް ހުއްޓަސް ރޮނާލްޑޯގެ ޝަކުވާއަކީ ރަގަޅު ޝަކުވާއެއް ކަމަށް ބެލެވޭނެ ޖާގަ އެއް ނެތެވެ.

އަލް ނަސްރުގެ މެޗެއްގައި ރޮނާލްޑޯ ބޯޅަ ފޮނުވާލަނީ. ނަސްރާ ރޮނާލްޑޯއާ ދެމެދު ހިތްހަމަނުޖެހުމެއް ވަނީ އުފެދިފަ.

އެއްކަމަކަށް ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން އެހެން ކްލަބްތަކަށްވުރެ މަދުން އަލް ނަސްރަށް ހަރަދުކުރާ ކަމަށް ރޮނާލްޑޯ ބުނާ ވާހަކައަށް ބަލާލަމާ ހިނގާށެވެ.

ކުރިން މިފަހާގަކުރި ތިން ކްލަބްގެ ތެރެއިން އަލް ނަސްރަށްވުރެ ގިނައިން މި ސީޒަނަށް ހަރަދުކޮށްފައިވަނީ އަލް ހިލާލުން އެކަންޏެވެ. އަލް ނަސްރުން މިފަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔޫރަޕްގެ ފުޓްބޯޅައިގައި ނަން ވިދާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗްގަލްގެ ޖާއޯ ފެލިކްސް އާއި، އާރްބީ ލައިޕްޒިގަށް ކުޅެމުން އައި މުހައްމަދު ސިމަކާނާއި ބަޔާން މިއުނިކަށް ކުޅުނު ކިންގްސްލީ ކޯމަން ވަނީ ގެނެސްފަ އެވެ.  މި ތިން ކުޅުންތެރިންނަށް އެކަނިވެސް އަލް ނަސްރުން ވަނީ 100 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ.

ދެވަނަ ކަމަކަށް ރޮނާލްޑޯއަށް އެކަނި އަލް ނަސްރުން ކުރާ ހަރަދު ފުދެ އެވެ. މުސާރައިގެ ގޮތުގައި ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ރޮނާލްޑޯއަށް އަލް ނަސްރުން ހަފްތާއަކު 3.7 މިލިއަން ޕައުންޑް ދޭއިރު އެއީ ސައޫދީ ލީގުގައި ދެން އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއަށް ލިބޭ ވަރަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ. ރޮނާލްޑޯ އާ ޖެހިގެން ދެވަނައަށް އެންމެ ބޮޑު މުސާރައެއް ލިބެމުން އަންނަ އަލް އަހްލީގެ ރިޔާދް މަހްރޭޒަށް އެ ކްލަބުން ދެނީ ހަފްތާއަކު 870 ހާސް ޕައުންޑެވެ.

ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ކުޅެން އުޒުރުވެރިވުމަކީ ހަގީގަތުގައި އޭނާއަށް ލިބޭނެ ގެއްލުމެކެވެ. އަދި މިހާތަނަށް ރޮނާލްޑޯއަށް ލިބިފައި ނެތް ސައޫދީ ލީގުގެ ތަށި ހޯދަން މިފަހަރު އެޓީމުން ކުރަމުން އަންނަ މަސައްކަތަށް އޭގެ ސަބަބުން ހުރަސް އެޅެ އެވެ. އަދި އެއީ ކެރިއަރުގައި އެއްހާސް ގޯލް ހަމަކުރަން އޭނާ ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ފުރުސަތެއް ގެއްލުވާލުމެވެ. މިހާތަނަށް ރޮނާލްޑޯ ވަނީ ކެރިއަރުގައި 961 ގޯލް ޖަހައިފަ އެވެ. ބާކީ އޮތް 39 ގޯލް ހަމަކުރަން ރޮނާލްޑޯއަށް ކުޅެން ލިބޭ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!