އެއީ ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން ނުކުތް އެންމެ ހުނަރުވެރި އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާގެ އާދަޔާހިލާފު ކޮށްޓުމުގެ ހުނަރާއި، ގޯލު ޖެހުމުގެ ކުޅަދާނަކަމަށް ފުޓްބޯޅައަށް ލޯބިކުރާ އެތައް ބައެއްގެ ޝައުގުވެރިކަން ދަމައިގަތެވެ. އެއާއެކު ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވެސް އޭނާ ވި އެވެ. އަދިވެސް އެ ރެކޯޑް އޮތީ އޭނާގެ އަތުގަ އެވެ. އެކަމަކު އެ ހުރިހާ ކަމަކާއެކުވެސް ފުޓްބޯޅައިގެ ކުރިބޯށްޓާ ހަމައަށް ވާސިލްވުން ވީ އޭނާ އަށް ހަގީގަތަކަށް ނުހެދުނު ހުވަފެނަކަށެވެ.
ގިނަ ބަޔަކަށް ނޭމާގެ ޖާދޫ ފެންނަން ފެށީ 2013 ވަނަ އަހަރު ބްރެޒިލްގެ ސަންތޯސް އިން ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވި ހިސާބުން ފެށިގެންނެވެ. އޭރުވެސް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ އެއް ނަންބަރު ޓާގެޓަކަށް ނޭމާ އޮތީ ވެފަ އެވެ. ސަންތޯސް އަށް އޭނާ ކުޅުނު 225 މެޗުގައި 136 ގޯލު އޮތީ ޖަހައިފަ އެވެ. ވާދަވެރި ފްލެމެންގޯ ކޮޅަށް އޭނާ ވައްދާލި މޮޅު ގޯލަށް 2011 ވަނަ އަހަރުގެ ޕުސްކަސް އެވޯޑް ވެސް ލިބުނެވެ. އަދި އެއަހަރުގެ ބެލޮންޑިއޯ އެވޯޑްގެ ގަދަ 10 ގައި ވެސް ނޭމާ ހިމެނުނެވެ.
އުމުރުން 21 އަހަރުގައި ބާސެލާނާއަށް ނޭމާ ބަދަލުވުމާއެކު އޭރު ދުނިޔޭގެ ފުޓްބޯޅައިގައި ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކުރަމުން އައި ރަސްކަން ނިމުމަކަށް ގެންނާނެ ކުޅުންތެރިއަކަށް އޭނާ ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އަދި، އެ ކްލަބުގައި ނޭމާ ހޭދަކުރި ދުވަސްތަކުގައި ދުނިޔޭގެ ފެންވަރުގެ މޮޅު ފޯވާޑެއްގެ ފަރާތުން ފެންނާނެ ހުރިހާ ހުނަރުވެރިކަމެއް އޭނާ ވަނީ ދައްކައިފަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ފޯވާޑްލައިންގައި މެސީ އާއި ލުއިސް ސުއަރޭޒްގެ ބައިވެރިއެއްގެ ގޮތުގައި ނޭމާވަނީ އޭނާގެ ކުޅަދާނަކަމާއި ތޫނުފިލިކަން ދައްކައިފަ އެވެ. މިގޮތުން ނޭމާގެ ހިއްސާއާއެކު ބާސެލޯނާއިން ވަނީ ސްޕެނިޝް ލީގު ދެފަހަރު ކާމިޔާބުކުރުމުގެ އިތުރުން ކޮޕަ ޑެލް ރޭ ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

ނޭމާ، މެސީ އަދި ސުއަރޭޒް. އެ ތިން ކުޅުންތެރިން ހުއްޓުވަން އޭރު ޔޫރަޕްގެ ކްލަބްތަކަށް އުނދަގޫވި
ބާސެލޯނާގައި ވާތް ފަރާތު އަރިމަތިން ނޭމާ ކުޅެމުން އައި ރޯލު ވީ އޭނާގެ ކުޅަދާނަކަން ވަރަށް ފުރިހަމައަށް ދައްކާލަން ލިބުނު ފުރުސަތަކަށެވެ. “އެމްއެސްއެން” ގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވި ފޯވާޑް ލައިނުން ހުރިހާ ޓީމެއްގެ ޑިފެންސް ލައިން މޮޔަކޮށްލިއިރު ނޭމާއަކީ އެންމެ ނުރައްކާކުރި އެކަކެވެ. 2015 އިން 2016 އަށް ކުރިއަށްދިޔަ ފުޓްބޯޅަ ސީޒަނުގައި މި ފޯވާޑް ލައިން ގުޅިގެން ވަނީ 131 ލަނޑު ޖަހައި އިތުރު 65 ލަނޑު ޖެހުމުގައި އެހީތެރިވެދީފަ އެވެ.
ބާސެލޯނާގައި ހުރެގެން އެންމެ މަތީ ފެންވަރުގައި ނޭމާގެ ކުޅަދާނަކަން ސާބިތުކޮށްދެމުން އައި ނަމަވެސް އޭނާއާއެކު ކުޅެމުން އައި މެސީގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވި އެވެ. އެކަމަށް މަގުފަހިވާނެ ޖާގައެއްވެސް ބާސެލޯނާގައި ހުރެގެން އޭނާއަކަށް ނުލިބުނެވެ. ބާސެލޯނާއިން ހޯދާ ކޮންމެ މޮޅެއްގައިވެސް ހީރޯއަކަށް ވަނީ މެސީ އެވެ. އެހެން އެންމެން ވަނީ އަތްދޮށު ވަޑިންނަށެވެ.
އެކަން ނޭމާއަށް އެންމެ ބޮޑަށް އިހުސާސްވީ ޗެމްޕިއަންސް ލީގުގައި 2017 ވަނަ އަހަރު ބާސެލޯނާއިން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗާ ހިސާބުންނެވެ. ފަހަތުން އަރައި 1-6 އިން ބާސެލޯނާ މޮޅުވި އެ މެޗުގައި ނޭމާ ދެ ގޯލު ޖަހައި އިތުރު ގޯލެއް ޖަހަން އެހީތެރިވެދިނެވެ. އެ މެޗުގައި ބާސެލޯމާއިން އެންމެ މޮޅަށް ކުޅުނީވެސް ނޭމާ އެވެ. އެކަމަކު އެ މެޗުގެ މައިގަނޑު ފޮޓޯއަކަށް ވެސް ވީ މެސީގެ ފޮޓޯ އެވެ. ބާސެލޯނާގެ އެއް ނަންބަރު ކުޅުންތެރިޔާއަށްވުމުގެ ފުރުސަތެއް އެ ކްލަބްގައި އޭނާއަށް ނެތްކަން އެ ހިސާބުން ނޭމާއަށް ޔަގީންވި އެވެ.

ނޭމާ ޕީއެސްޖީގައި. އެ ކްލަބް އެންމެ ބޭނުންވި ޗެމްޕިއަންސް ލީގު ތަށި ކާމިޔާބެއް ނުކުރެވުނު
އެ ނުތަނަވަސްކަމާއެކު ހަމަ އެ އަހަރުގެ ހޫނު މޫސުމުގައި ނޭމާ 200 މިލިއަން ޕައުންޑަށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި އެވެ. ޕީއެސްޖީއަށް ނޭމާ ބަދަލުވުމާއެކު އޭނާއަށް އެ ޓީމުގައި ފްރީ ރޯލެއް ލިބުނެވެ. އަރިމަތިން ކުޅުމުގެ ބަދަލުގައި އެ ކްލަބްގައި ނޭމާ އެޓޭކުގެ އެކި މަގާމްތަކަށް ކުޅުނެވެ. ބާސެލޯނާއާ ހިލާފަށް ޕީއެސްޖީގައި ނޭމާއަށް ވިޔަފާރީގެ ފުރުސަތުތަކުގައި ހަރަކާތްތެރިވުމަށް ޖާގަ ތަނަވަސްވި އެވެ. ކޮންމެ ދުވަހަކު ފަރިތަކުރުންތަކުގައި ބައިވެރިވުން މަޖުބޫރެއް ވެސް ނޫނެވެ. ޕީއެސްޖީގައި ނޭމާއަށް ލިބުނު ލުއިތަކާއެކު އޭނާގެ ވިސްނުން ބައެއް ފަހަރު ފުޓްބޯޅައާ ދުރަށް ވެސް އައީ ގެންދަމުންނެވެ. އެއާއެކު ބައެއް ރޭރޭ މެންދަމުން އަލިވެ ތިނެއް ޖަހަންދެން ޕްލޭސްޓޭޝަން ކުޅެން އިނުމުގެ ސަބަބުން ނޭމާއަށް އަނެއް ދުވަހު އޮންނަ ފަރިތަކުރުންތަކުގައި ބައިވެރި ނުވެވިފައި އެބަހުއްޓެވެ. އެއާއެކު ވެސް މެޗް އޮންނަ ދުވަހު އޭނާގެ ފަރާތުން ފެންނަނީ ތަފާތު މޮޅު ކުޅުމެކެވެ.
ޕީއެސްޖީގައި ނޭމާ ހޭދަކުރި ދުވަސްވަރު ޑޮމެސްޓިކް މުބާރާތްތައް އެތައް ފަހަރަކު ކާމިޔާބުކުރި ނަމަވެސް އެ ކްލަބުން އެންމެ ބޭނުންވި ޗެމްޕިއަންސް ލީގު ތަށި އޭނާއަށް ހޯދައެއް ނުދެވުނެވެ. އެ ކްލަބްގެ ހުވަފެން ހަގީގަތަކަށް ހެދުމާ އެންމެ ގާތަށްވެސް އާދެވުނީ 2020 ވަނަ އަހަރު އެވެ. އެ ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި ނަމަވެސް ތަށި ގެއްލުނީ ބަޔާން މިޔުނިކް އަތުން 0-1 އިން ބަލިވުމުންނެވެ. އެ މެޗުގައި ނޭމާ 90 މިނެޓް ފުލްކޮށް ކުޅެފައިވެ އެވެ.

އުފަން ގައުމުގެ ސަންތޯސް އަށް އެނބުރި ދިއުމަށްފަހު ނޭމާ އެ ކްލަބުގައި ޖާޒީގައި ތައާރަފްވަނީ.
ޕީއެސްޖީގައި އެކި ފަހަރު މަތިން ނޭމާގެ ޖާދޫއެއް ފަދަ ކުޅުން ފެނިފައިވީ ނަމަވެސް، އަނިޔާއާއި އަދި ދަނޑު ބޭރުގައި ނޭމާގެ އަމަލުތައް ބަހައްޓަމުން އައި ގޮތުގެ ސަބަބުން ނޭމާގެ އަސްލު ފެންވަރު އެންމެ ރަގަޅަށް ފެނިފައެއް ނުވެ އެވެ. އެހެން އެކަން އޮއްވައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއާއި ލިއޮނަލް މެސީ ޕީއެސްޖީއާ ގުޅުމުން މަންޒަރު މުޅިން ބަދަލުވި އެވެ. ނަތީޖާއަކަށްވީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައި ނޭމާ ސައުދީ އަރަބިއާގެ އަލް ހިލާލްއަށް ބަދަލުވުމެވެ.
ޕީއެސްޖީން ދިން މުސާރައަށްވުރެ ހަ ގުނަ ބޮޑު މުސާރައަކަށް އަލް ހިލާލްއާ ނޭމާ ގުޅުނު ނަމަވެސް އޭނާއަށް އަނެއްކާވެސް ކުރިމަތިވީ ބަދު ނަސީބު ހާލަތެކެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެމުން ދަނިކޮށް ލިބުނު ސީރިއަސް އަނިޔާއަކާއެކު ސައޫދީ ޓީމަށް ނޭމާ އަށް ހިދުމަތްކޮށްދެވޭ ގޮތްވީ އެންމެ ހަތް މެޗްގަ އެވެ. އަނިޔާގެ ސަބަބުން ނޭމާ މިހާރު ވަނީ އަލްހިލާލްއާއެކު ވެފައި އޮތް އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު އޭނާ އެންމެ ފުރަތަމަ ކުޅުނު ކްލަބް ކަމަށްވާ ބްރެޒިލްގެ ސަންތޯސްއާ ގުޅިފަ އެވެ.

ނޭމާ ބްރެޒިލަށް ގޯލެއް ކާމިޔާބުކޮށްދިނުމަށްފަހު އުފާފާޅުކުރަނީ. އަންނަ އަހަރުގެ ވޯލްޑް ކަޕަކީ އެންމެ އުހަށް އަރަން ނޭމާ އަށް ލިބޭނެ ފަހު ފުރުސަތު
ބްރެޒިލްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޕެލޭއަށްވުރެ ގިނަ ގޯލް ނޭމާ ގައުމީ ޓީމަށް ކާމިޔާބުކޮށްދީފައިވީ ނަމަވެސް ނޭމާއަށް ވޯލްޑް ކަޕް އުފުލާލުމުގެ ޝަރަފް ލިބިފައި ނެތުމަކީ އޭނާގެ ކެރިއަރުން ފެންނަން އޮތް ބޮޑު އުނި ކަމެކެވެ. ބްރެޒިލްއިން ނޭމާއާއެކު އެ ތައްޓާ އެންމެ ގާތަށް ދިޔައީ 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސެމީ ފައިނަލްގައި ބޮޑު ތަފާތަކުން ޖަރުމަނު އަތުން ބަލިވިއިރު ނޭމާ އިނީ އަނިޔާގެ ސަބަބުން ބެންޗުގަ އެވެ. 2019 ވަނަ އަހަރު ކޮޕާ އެމެރިކާ ބްރެޒިލުން އުފުލާލިއިރު ވެސް ނޭމާއެއް ނެތެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައިވެސް ބްރެޒިލް ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުގައި ނޭމާ ނުކުޅެ އެވެ.
ދެން އޮތީ 2026 ގެ ވޯލްޑް ކަޕެވެ. ވިނީޝިއުސް ޖޫނިއާ އަދި ރޮޑްރީގޯ ފަދަ ޒުވާން ކުޅުންތެރިން މިހާރު އެ ދައްކަމުން އަންނަ މޮޅު ކުޅުން އެ މުބާރާތާ ހަމައަށް ދަމަހައްޓައިފި ނަމަ ތަށި ހޯދުމުގެ ފުރުސަތު އޮތް ޓީމުތަކުގެ ތެރޭގައި ގިނަ ބަޔަކު ބްރެޒިލް ހިމަނާނެކަމަށް ގަބޫލުކުރެވެ އެވެ. އެހާ ހިސާބަށް އަންނައިރު ނޭމާ ފިޓްކޮށް ހުރެއްޖެ ނަމަ ނޭމާގެ ތަޖުރިބާއާއި ހުނަރު ވެގެންދާނީ ބްރެޒިލްއަށް ވަރަށް މުހިންމު އެއްޗަކަށެވެ. ފަހަރުގައި ދިގު އިންތިޒާރަކަށްފަހު 2022 ވަނަ އަހަރު ގަތަރުގައި މެސީ ތަށި އުފުލާލި ގޮތަށް 2026 ވަނަ އަހަރު އެމެރިކާގައި ނޭމާއަށް ތަށި އުފުލާ ނުލެވޭނެކަން އެނގެނީ ކާކަށް ހެއްޔެވެ؟