ފުރަތަމަ ސަފްޙާ / ޚަބަރު / ނޭމާގެ ސާޖަރީ ހަދައިފި، އެނބުރި އަންނަން އަހަރެއް ނަގާފާނެ

ނޭމާގެ ސާޖަރީ ހަދައިފި، އެނބުރި އަންނަން އަހަރެއް ނަގާފާނެ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 3 ނޮވެމްބަރު 2023

ބްރެޒިލްގެ ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ކަކުލަށް އަނިޔާވި ނޭމާގެ ސާޖަރީ އިއްޔެ ބްރެޒިލްގައި ހަދައި، އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އަންނަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވިއްޖެ އެވެ.

ނޭމާގެ ވާތުފައިގެ ކަކުލަށް އަނިޔާވީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ބްރެޒިލް 0-2 އިން އުރުގުއޭ އަތުން ބަލިވި މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މިހާރު ސައުދީ އަރަބިއާގެ ކްލަބް އަލް ހިލާލް އަށް ކުޅޭ ނޭމާ، 31، ގެ ކަކުލުގެ އޮޕަރޭޝަން ކުރީ އިއްޔެ ބްރެޒިލްގެ ސައޮ ޕައޮލޯގެ ހޮސްޕިޓަލެއްގަ އެވެ. ނޭމާގެ ސާޖަރީގައި އިސްކޮށް ބައިވެރިވީ ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ލަސްމާ އެވެ.

ހަތަރު ގަޑިއިރުގެ އޮޕަރޭޝަނަށް ފަހު ނޭމާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވެނީ މާދަމާ އެވެ. ނޭމާގެ ރިކަވަރީ އަށް ހަ މަހާއި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބްރެޒިލްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަހަރެއްހާ ދުވަސް ނަގާނަމަ، އަންނަ އަހަރުގެ ޖޫން މަހު އެމެރިކާގައި އޮންނަ ކޮޕާ އެމެރިކާގައި ނޭމާ އަށް ނުކުޅެވޭނެ އެވެ.

ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ކުރިން ޕެލޭ އަތުގައި އޮތް ރެކޯޑް ނޭމާ މުގުރާލީ މިދިޔަ މަހު ބޮލީވިއާ އަތުން ބްރެޒިލް 1-5 އިން މޮޅުވި މެޗުގަ އެވެ.

އަނިޔާގެ ސަބަބުން މީގެ ކުރިން ވެސް ނޭމާ އަށް ވަނީ މުހިއްމު މެޗުތަކެއް ގެއްލިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!