އޭނާ މާބޮޑަށް ބަރުވެފައިވާކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ބްރެޒިލާއި ޕީއެސްޖީގެ ފޯވާޑް ނޭމާ ސޯޝަލް މީޑިއާގައި ސަމާސާ ގޮތަކަށް ޖަވާބުދީފި އެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ފަހު އާ ސީޒަން ފެށުމުގެ ކުރިން ނޭމާ ޗުއްޓީ ހޭދަކުރި ދުވަސްވަރު އޭނާ މާބޮޑަށް ފަލަވެފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އުމުރުން 29 އަހަރުގެ ނޭމާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލާ ގުޅިގެން ދާދިފަހުން ފްރާންސްގެ ނޫސްތަކުން ވަނީ ފާޑުކިޔައިފަ އެވެ. މިގޮތަށް ނޭމާ މިހާރު ހުރި ބަރުދަނާއި ހަށިގަނޑުގެ ބައްޓަމަށް ބައެއް ނޫސްތަކުން ފާޑުކިޔެވެ. ފްރާންސްގެ މީޑިއާތަކުން ނޭމާ ހަށިގަނޑާ ގުޅޭގޮތުން އެންމެފަހުން ފާޑުކިޔުން އަމާޒުކުރަންފެށީ މިދިޔަ ހަފްތާ ބަންދުގައި ޕީއެސްޖީން ރެއިމްސް ބަލިކުރި މެޗަށް ފަހު އެވެ. އެ ފާޑުކިޔުންތަކަށް ނޭމާ ވަނީ އިންސްޓަގްރާމްގައި މަޖާޒީ ގޮތަކަށް ޖަވާބުދީފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅުމަށް ނޭމާ މިވަގުތު ހުރީ ބްރެޒިލް ޓީމާ އެކު އެވެ. ބްރެޒިލުން މިދިޔަ ބުރާސްފަތި ދުވަހު 0-1 އިން ޗިލީ ބަލިކުރިއިރު އެ މެޗު އެއްކޮށް ނޭމާ ވަނީ ކުޅެފަ އެވެ.
ޗިލީ މެޗުގައި ނޭމާގެ ފޮޓޯއެއް އިންސްޓަގްރާމްގައި އާއްމުކުރަމުން އޭނާ ބުނެފައިވަނީ ބަރުދަނަށް ބަދަލެއް ނާންނަ ކަމަށާއި ކުރިން ބޭނުންކުރި ބޮޑު ސައިޒުގެ ޖާޒީގެ ބަދަލުގައި ދެން އޯޑަރު ކުރާނީ މެދު ސައިޒުގެ ޖާޒީއަކަށް ކަމަށެވެ.
“އަހަރެމެން މޮޅަށް ކުޅުނުތަ؟ ނޫން. އަހަރެމެން މޮޅުވިތަ؟ އާނ. އަހަރެން ބޭނުންކުރީ ލާޖް ސައިޒްގެ ޖާޒީ އެއް. މިހުރީ ކުރިންވެސް ހުރި ބަރުދަނުގައި. ދެން ކުޅޭ މެޗެއްގައި އަހަރެއް އޯޑަރު ކުރާނީ މީޑިއަމް ޖާޒީއަކަށް” ބަރުދަން އިތުރުނުވާކަން ހާމަވާ ގޮތަކަށް ނޭމާ ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލުން މި ހަފްތާ އިތުރު ދެ މެޗު ކުޅޭނެ އެވެ. އަންނަ އާދީއްތަ ދުވަހު އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު ބުރާސްފަތި ދުވަހު ބްރެޒިލް ނުކުންނާނީ ޕެރޫއާ ދެކޮޅަށެވެ. ބައިނަލްއަގްވާމީ މެޗުތަކަށް ފަހު ޕީއެސްޖީން އަންނަ އާދީއްތަ ދުވަހު ފްރެންޗް ލީގުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލޭމޮންޓް ފޫޓްއާ އެވެ.