ފްރެންޗް ލީގުގައި މިދިޔަ އާދީއްތަ ދުވަހު ސެއިންޓް-އެޓިއެންއާ ދެކޮޅަށް ކުޅެ ޕީއެސްޖީ 1-3 އިން މޮޅުވި މެޗުގައި އަނިޔާވި ބްރެޒިލްގެ ނޭމާ، އަށް ހަފްތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ކްލަބުން ބުނެފި އެވެ.
29 އަހަރުގެ ފޯވާޑަށް އަނިޔާވީ މެޗުގެ 84 ވަނަ މިނެޓުގައި ބޯޅަ ހިފައިގެން ދަނިކޮށް ފައި އެޅުނު ގޮތަކުންނެވެ. ނޭމާގެ ވާތު ފައިގެ ކުޑަހުޅަށް އަނިޔާލިބި ދަނޑުން ބޭލިއިރު އޭނާ އަށް ހުރީ ރޮވިފަ އެވެ. އަނިޔާގެ ސަބަބުން ނޭމާގެ ކެރިއަރުގައި މީގެ ކުރިން ވެސް ވަނީ މުހިއްމު މެޗުތަކެއް ގެއްލިފަ އެވެ.
ޕީއެސްޖީން ބުނީ އަނިޔާގެ ސަބަބުން ފްރެންޗް ލީގުގެ ހަ މެޗާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ނުކުޅެވޭނެ ކަމަށެވެ. ނޭމާގެ އަނިޔާގެ ސީރިއަސްކަން އިތުރަށް ބަލައި ކުރިއަށް އޮތް ތިން ދުވަސްތެރޭ އަނިޔާގެ އިތުރު މައުލޫމާތުދޭނެ އެވެ.
ނޭމާ ވަނީ މި ސީޒަނުގައި ޕީއެސްޖީ އަށް ކުޅުނު 14 މެޗުގައި ތިން ގޯލު ޖަހައި ތިން އެސިސްޓް ކޮށްފަ އެވެ. ސީޒަނުގެ ކުރީކޮޅު ޕީއެސްޖީން ކުޅުނު މެޗުތަކުގައި ނޭމާ ނުފެނުނީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލްގެ ގައުމީ ޓީމާ އެކު ހުރުމުންނެވެ. އޭގެފަހުން ކުޅުމުގެ ތެރެއަށް އައިތަނާ ނޭމާ އަށް އަނިޔާވީ ސީޒަނުގެ މުހިއްމު ހިސާބަކުންނެވެ.
ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް އެޓީމު ކޮލިފައިވެފައިވާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު ޕީއެސްޖީ ނުކުންނާނީ ކްލަބް ބުރޫޖާ ދެކޮޅަށެވެ.