ފުރަތަމަ ސަފްޙާ / ޚަބަރު / ނޭމާ އަށް އަނެއްކާވެސް ބޮޑު އަނިޔާއެއް

ނޭމާ އަށް އަނެއްކާވެސް ބޮޑު އަނިޔާއެއް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 19 އޮކްޓޫބަރު 2023

ބްރެޒިލް އާއި އަލް ހިލާލްގެ ފޯވާޑް ނޭމާގެ ކަކުލަށް އަނެއްކާވެސް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިދާނެކަމަށް ބެލެވިއްޖެ އެވެ.

ނޭމާ، 31، އަށް އަނިޔާވީ މިދިޔަ އަންގާރަ ދުވަހު އުރުގުއޭ އަތުން 0-2 އިން ބްރެޒިލް ބަލިވި ވޯލްޑް ކަޕް ކޮލިފައިން މެޗުގަ އެވެ. އަނިޔާވެގެން ނޭމާ ބަދަލުކުރީ ފުރަތަމަ ހާފުގަ އެވެ.

އަނިޔާގެ ސަބަބުން ނޭމާ ކުޅުމާ ދުރުގައި ހުންނަންޖެހޭ ސީދާ މުއްދަތެއް އަދި ނޭނގެ އެވެ. އެކަމަކު އަނިޔާގެ ސީރިއަސްކަމުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނޭމާގެ އަނިޔާއާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ.

“ބްރެޒިލް އާއި ދުނިޔޭގެ ފުޓްބޯޅަ އަށް ބޭނުންވޭ ރަނގަޅު ސިއްހަތެއްގައި ރިކަވާ ވެފައި ހުންނަ ނޭމާ އެއް. އެއީ ނޭމާ ދަނޑުމަތީގައި ހުރުމަކީ ފުޓްބޯޅަ އަށް ލިބޭ އުފަލެއް” ބްރެޒިލް ފުޓްބޯޅައިގެ ރައީސް ވިދާޅުވި އެވެ.

ޔޫރަޕްގެ ބާސެލޯނާ އާއި ޕީއެސްޖީ އަށް ކުޅުމަށް ފަހު ނޭމާ ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަށް ބަދަލުވީ އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގަ އެވެ.

މިދިޔަ އަހަރުތަކުގައި ނޭމާ އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ.

ޕީއެސްޖީގައި ހޭދަކުރި ފަހު ދެ ސީޒަނުގައި ކަކުލު ހުޅަށް ލިބުނު އަނިޔާތަކާއި ގުޅިގެން ގިނަ މެޗުތަކެއް ގެއްލުނެވެ. އަދި، މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އަނިޔާވެ އެ ޓީމުގެ ބައެއް މެޗުތައް ނުކުޅެވުނެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ވެސް އަނިޔާވެ ނޭމާ އަށް މުބާރާތުގެ ސެމީ ފައިނަލް މެޗު ގެއްލުނެވެ. ސެމީ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ނޭމާ ނުލައި ކުޅުނު މެޗުން ބްރެޒިލް ބަލިވީ 7-1 ގެ ލަދުވެތި ނަތީޖާއަކުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!