ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ރަށުން ބޭރުގައި ރުމޭނިއާގައި އެފްސީއެސްބީ 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ގަދަ 8 ޓީމުގެ ތެރޭގައި ހިމެނިއްޖެ އެވެ.
ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމުނުއިރު ގަދަ 8 ޓީމުގެ އިތުރުން ޕްލޭއޮފް ޖާގަތައް ވަނީ ކަށަވަރުވެފަ އެވެ.
މެޗުގައި ޔުނައިޓެޑްގެ ދެ ގޯލު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޒުވާން މިޑްފީލްޑަރު ކޮބީ މެއިނޫ ދިން ބޯޅައަކުން ޖެހީ ޑިއޭގޯ ޑަލޯ އެވެ. ޔުނައިޓެޑްގެ ދެވަނަ ގޯލު އަލެހަންދްރޯ ގާނާޗޯ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ މެއިނޫ އެވެ. މެއިނޫ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނުއިރު އެއްވަނަ ހޯދީ ލާޒިއޯ އެވެ. އެތުލެޓިކް ކްލަބަށް ދެވަނަ ލިބުނުއިރު ޔުނައިޓެޑަށް ލިބުނީ ތިން ވަނަ އެވެ. ގަދަ 8 ގައި ދެން ހިމެނުނީ ޓޮޓެންހަމް ހޮޓްސްޕާ އާއި އެއިންޓްރަކް ފްރެންކްފާޓް އަދި ލިޔޯންގެ އިތުރުން އޮލިމްޕިއާކޯސް އަދި ރޭންޖާސް އެވެ.
ޔޫރޮޕާ ލީގު ގްރޫޕް ސްޓޭޖުގައި ވާދަކުރި 36 ޓީމުގެ ތެރެއިން ބަލިނުވެ ނިންމާލީ ހަމައެކަނި ޔުނައިޓެޑެވެ. އެޓީމުން ކުޅުނު 8 މެޗުގެ ތެރެއިން 5 މެޗު ކާމިޔާބުކޮށް އެއްވަރުވީ 3 މެޗުންނެވެ.
ޕްލޭއޮފްގައި ވާދަކުރަންޖެހޭ ޓީމުތަކުގެ ތެރޭގައި އަޔަކްސް އާއި ރެއާލް ސޮސިއެޑާޑް، ޕޯޓޯ، ގަލަޓަސަރާއީ އަދި ރޯމާ ފާހަގަކޮށްލެވެ އެވެ.
ގަދަ 8 ގެ ޖާގަ ހޯދި ޓީމުތަކުން ދެން ކުޅޭނީ ގަދަ 16 ގެ ނޮކައުޓް ބުރުގެ މެޗުތަކެވެ.