ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯ އަށް 700 މޮޅު، މި މީހާ އަތެއް ނުވާނެ

ރޮނާލްޑޯ އަށް 700 މޮޅު، މި މީހާ އަތެއް ނުވާނެ

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 31 ޖެނުއަރީ 2025

ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާ ރެކޯޑެއް ގާއިމުކޮށްފި އެވެ.

މި ރެކޯޑް ރޮނާލްޑޯ ހަދާފައިވަނީ ސައޫދީ ލީގުގައި އައް ރައީދުއާ ވާދަކުރި މެޗް ނަސްރަށް ކާމިޔާބުކޮށްދީގެންނެވެ. ސައޫދީ ލީގުގެ ތިންވަނައިގައި އޮތް އަލް ނަސްރުން ރޭ އައް ރައީދުއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-2 އިންނެވެ. މި މެޗުގައި އުމުރުން 39 އަހަރުގެ ރޮނާލްޑޯ ވަނީ އެއް ގޯލު ކާމިޔާބުކޮށް އަނެއް ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.

ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ މަރަކާއިން ބުނާ ގޮތުގައި މި މޮޅާއެކު ރޮނާލްޑޯ ހިމެނިފައިވަނީ ކްލަބް ފެންވަރުގައި 700 މޮޅު ހަމަކުރި ފުރަތަމަ އަދި ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ. ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއަށް ރޮނާލްޑޯ ވާއިރު އޭނާ ވަނީ ގިނަ ރެކޯޑްތަކެއް ހަދައިފަ އެވެ.

އޭގެތެރެއިން ބައެއް ރެކޯޑްތަކަކީ ކައިރި މުސްތަގްބަލެއްގައި އިތުރު ކުޅުންތެރިއަކަށް ފަސޭހައިން މުގުރާނުލެވޭނެ ވަރުގެ ރެކޯޑްތަކެކެވެ. 700 ކްލަބް މޮޅުގެ އިތުރުން ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް 900 ގޯލު ހަމަކުރެވުނު އެހެން ފުޓްބޯޅަ ކުޅުންތެރިއަކުވެސް ރޮނާލްޑޯ ނޫނީ ނެތެވެ.

އެތައް ކާމިޔާބަކުން ޖަރީވެފައިވާ ރޮނާލްޑޯގެ ކެރިއަރުގެ ރަން ދުވަސްތައް މިހާރު ނިމިފައިވިޔަސް އޭނާ އަދިވެސް އަންނަނީ ތަފާތު ދައްކަމުންނެވެ. ރޮނާލްޑޯގެ ބޮޑު ހިއްސާއަކާއެކު އަލް ނަސްރުން ވަނީ މިވަގުތު ސައުދީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ދެ ޓީމު ކަމަށްވާ އަލް ހިލާލް އަދި އަލް އިއްތިހާދުއާ ފަސް ޕޮއިންޓަށް ގާތްކޮށްފަ އެވެ.

މިހާތަނަށް އަލް ނަސްރަށް ރޮނާލްޑޯ 94 މެޗު ކުޅެފައިވާއިރެ އެ ޓީމަށް އޭނާ ވަނީ 85 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!