ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ ކުރީކޮޅު ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ޕޯޗްގަލުން ކުޅުނު މެޗްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތް ކާޑު ދައްކާފައި އޮތް ނަމަވެސް އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗްގަލް ކުޅޭ ފުރަތަމަ މެޗުގައި ކުޅުމުގެ ފުރުސަތު ރޮނާލްޑޯއަށް ލިބިއްޖެއެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަށް ރަތް ކާޑު ދައްކާފައިވަނީ އަޔަލެންޑް އަތުން 2-0 އިން ޕޯޗުގަލް ބަލިވި މެޗްގައި އަޔަލެންޑްގެ ކުޅުންތެރިއެއްގެ ގައިގައި އުޅަބޮށިން ޖެހުމުންނެވެ.
އާންމުގޮތެއްގައި އެފަދަ ކުށްތަކާ ގުޅިގެން ފީފާއިން އެކުޅުންތެރިއަކު ތިން މެޗަށް ސަސްޕެންޑް ކުރެއެވެ. އެހެންނަމަވެސް ރޮނާލްޑޯގެ ސަސްޕެންޝަންގައި ހިމެނޭ ތިން މެޗުގެ ތެރެއިން ބާކީ އޮތް ދެމެޗުގެ ސަސްޕެންޝަން ތަންފީޒުކުރުން އެއް އަހަރުގެ މުއްދަތަށް ފީފާއިން މިހާރު ވަނީ ފަސްކޮށްދީފައެވެ.
މިގޮތަށް ފީފާއިން ނިންމި ސަބަބެއް ކަމަށް ގަބޫލުކުރެވެނީ ރޮނާލްޑޯއަށް ދެއްކި ރަތް ކާޑަކީ އޭނާ ޕޯޗުގަލަށް ކުޅެދިން 226 މެޗުގައި ދެއްކި ފުރަތަމަ ރަތް ކާޑަށް ވުމެވެ.
ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު މެޗްގައި ދެއްކި ރަތް ކާޑާ އެކު އެ ޓީމުން މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ އެންމެ ފަހު މެޗުގައި މި މަހުގެ 14 ވަނަ ދުވަހު އަރްމީނިއާ އާދެކޮޅަށް ކުޅުނު އިރު ރޮނާލްޑޯ ނުކުޅެއެވެ.
ރޮނާލްޑޯއަށް ދިން ލުޔާ ގުޅޭގޮތުން ފީފާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެފަދަ ކުށެއް ރޮނާލްޑޯ ތަކުރާރު ކޮށްފިނަމަ ސަސްޕެންޝަން ވަގުތުން އިޔާދަކުރެވޭނެކަމަށެވެ.
ޔޫރަޕްގައި ކުރިއަށް ދިޔަ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވިއިރު ރޮނާލްޑޯ ވަނީ ކޮލިފައިން މެޗުތަކުގައި ފަސް ގޯލު ކާމިޔާބުކޮށްދީފައެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.