ސައުދީ އަރަބިއާގެ އަލް ނަސްރާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން އާކުރުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށް އެގައުމުގެ ބައެއް މަސްދަރުތަކާ ހަވާލާދީ ބީބީސީއިން ރިޕޯޓްކޮށްފި އެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ އަލް ނަސްރާއެކު އުމުރުން 40 އަހަރުގެ ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާ ގޮތަށް އޮތް ނަމަވެސް އެއްބަސްވުމުގެ މުއްދަތު އިތުރު ދެ އަހަރަށް ދިގުކުރުމާ ގާތަށް އާދެވިފައިވާ ކަމަށެވެ. މި ނިމުނު ސީޒަންގެ ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުން ކުޅުނު ފަހު މެޗަށް ފަހު ޕޯޗްގަލްގެ ގައުމީ ޓީމުގެ ކެޕްޓަން ރޮނާލްޑޯ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި “މި ޗެޕްޓަރު ނިމުނީ” ކަމަށް ބުނެފައިވުމާއެކު ގިނަ ބަޔަކު ގަބޫލުކުރަމުން އައީ ސައުދީގެ ވެރި ރަށް ރިޔާދަށް ނިސްބަތްވާ ކްލަބް ދޫކޮށްލަން ރޮނާލްޑޯ ނިންމީ ކަމަށެވެ. އެއާއެކު މިހާރު އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވާ ކްލަބަކާއި ރޮނާލްޑޯ ގުޅި އެ މުބާރާތުން އޭނާ ފެނިދާނެ ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ. އޭގެ ފަހުން ރޮނާލްޑޯ ބުނެފައިވަނީ ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވާ ބައެއް ޓީމުތަކުގެ ހުށަހެޅުން އޭނާއާ ހަމައަށް އައި ކަމަށާއި، އެކަމަކު އޭނާ އެއްބަސްނުވީ ކަމަށެވެ.
މީގެ ދެ ހަފްތާކުރިން ނިމުނު ޔޫއެފާ ނޭޝަންސް ލީގުގެ ތަށި ޕޯޗްގަލްއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ރޮނާލްޑޯ ސައުދީގައި މަޑުކުރަން ނިންމި މައިގަނޑު އެއް ސަބަބެއް ކަމުގައި ބެލެވެނީ ކުޅިވަރުގެ ދާއިރާއިން އެ ގައުމުގައި އިންވެސްޓްކުރަން ގަސްދުކޮށްފައިވުން ކަމަށް ބީބީސީއިން ބުނެފައިވެ އެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްއަށް ކުޅެފައިވާ ރޮނާލްޑޯ، އަލް ނަސްރާ ގުޅުނީ 2023 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް 111 މެޗް ކުޅެ 99 ގޯލް ކާމިޔާބުކޮށްދީފަ އެވެ.