ފުރަތަމަ ސަފްޙާ / ޚަބަރު / ގޯލްޑަން ފުޓްސަލް މިރޭ ހާއްސަވަނީ ޗެމްޕިއަނުންނަށް
ފަހުމިނެޓް

ގޯލްޑަން ފުޓްސަލް މިރޭ ހާއްސަވަނީ ޗެމްޕިއަނުންނަށް

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 30 ޖެނުއަރީ 2025

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ ހަތަރު ފައިނަލުގެ ތެރެއިން ތިން ފައިނަލުގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ތ. ތިމަރަފުއްޓާއި، ލ. ގަން އަދި ބ. އޭދަފުށި ވާދަކުރާނެ އެވެ.

ރާއްޖޭގެ މަޝްހޫރު ޓީމުތައް މިރޭ އަތޮޅު ފައިނަލްތަކުގައި ވާދަކުރާއިރު، މިރެއަކީ އެ ޗެމްޕިއަނުންނަށް ހާއްސަ ރެއެކެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި އަތޮޅު ފައިނަލުގައި މިރޭ ނުކުންނާނީ ތ. ހިރިލަންދޫއާ ދެކޮޅަށެވެ. ތިމަރަފުއްޓަކީ މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ރަށެވެ. އެރަށުން ގޯލްޑަން ފުޓްސަލް ޗެމްޕިއަންކަން ހޯދީ 2016، 2019 އަދި 2022 ވަނަ އަހަރު އެވެ.

ތިމަރަފުއްޓާއި ހިރިލަންދޫ ވާދަކުރާ ފައިނަލް މެޗު ފަށާނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް އެކެއްގައި މިރޭ 8 ޖަހާއިރު އެވެ.

ގޯލްޑަން ފުޓްސަލްގެ ޗެމްޕިއަންކަން 2019 ވަނަ އަހަރު ހޯދި ތިމަރަފުށި ޓީމް. މިރޭ އަތޮޅު ފައިނަލުގައި ހިރިލަންދޫއާ ދެކޮޅަށް ނުކުންނާނެ

އެގަޑީގައި ކުޅޭ އަނެއް ފައިނަލުގައި ވާދަކުރާނީ 2023 ވަނަ އަހަރު ގޯލްޑަން ފުޓްސަލްގެ ޗެމްޕިއަންކަން ހޯދި ލ. ގަމާއި، ލ. އިސްދޫ އެވެ. ގަމުން 2023 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގދ. ވާދޫ ބަލިކޮށްގެންނެވެ.

ގޯލްޑަން ފުޓްސަލްގެ ޗެމްޕިއަންކަމުގެ އިތުރުން ގަމަކީ ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑްގައި އެންމެ ކާމިޔާބު ރަށެވެ. އެޓީމުން ވަނީ ޗެރިޓީ ޝީލްޑް 2024 އަދި 2025 ގައި ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރުގެ މެޗުގައި ތ. ތިމަރަފުށި ބަލިކުރިއިރު މިއަހަރުގެ ޗެރިޓީ ޝީލްޑް ގަން ކާމިޔާބުކުރީ މަޝްހޫރު އޭދަފުށި ބަލިކޮށްގެންނެވެ.

އަތޮޅު ބުރުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިސްދޫ އިން ގަމާ ދެކޮޅަށް ކުޅޭ އަތޮޅު ފައިނަލް މެޗު ފަށާނީ މިރޭ 8 ޖަހާއިރު ގްރައުންޑް ދޭއްގަ އެވެ.

ލ. ގަމުން 2023 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ތަށި އުފުލާލަނީ. އެޓީމު ވެސް އަތޮޅު ފައިނަލުގައި މިރޭ ކުޅޭނެ

މިރޭ ކުޅޭ ފަހު ދެ ފައިނަލުގެ ތެރެއިން އެއް ފައިނަލަކީ އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުށި ކުޅޭ އަތޮޅު ފައިނަލެވެ. އޭދަފުއްޓާ ދެކޮޅަށް އެ ފައިނަލުގައި ނުކުންނާނީ ބ. ތުޅާދޫ އެވެ.

އޭދަފުއްޓަކީ މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ފުޓްސަލް އާއި ފުޓްބޯޅައިގެ ވެސް ރަސްކަން ހޯދި ރަށެވެ. ގޯލްޑަން ފުޓްސަލް ފައިނަލުގެ ޗެމްޕިއަންކަން އޭދަފުށި މިދިޔަ އަހަރު ހޯދީ ފައިނަލުގައި 2-4 އިން ގަން ބަލިކޮށްގެންނެވެ.

މިދިޔަ އަހަރު ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ނައިންޓީ ޕްލަސް އިން ބޭއްވި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ ފައިނަލުގައި ސ. ހިތަދޫ 0-2 އިން ބަލިކޮށްގެންނެވެ.

އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ ފައިނަލް މެޗު ގްރައުންޓް އެކެއްގައި ފަށާނީ މިރޭ 9:30 ގަ އެވެ.

މިރޭ ހަމަ އެގަޑީގައި ގްރައުންޑް ދޭއްގައި ކުޅޭނީ ޅ. އަތޮޅުގެ ފައިނަލެވެ. އެ ފައިނަލުގައި ވާދަކުރާނީ ޅ. ކުރެންދޫ އާއި ޅ. ނައިފަރެވެ. މިދިޔަ އަހަރުގެ އަތޮޅު ޗެމްޕިއަންކަން ހޯދައި ކުރެންދޫ ވަނީ ޒޯން ބުރުގައި ވާދަކޮށްފަ އެވެ. އެކަމަކު ޒޯން ބުރުން އެޓީމު ކެޓީ އެވެ.

އަތޮޅު ޗެމްޕިއަން ކުރެންދޫއާ ދެކޮޅަށް ނައިފަރު ކުޅޭ ފައިނަލްގެ ވާދަވެރިކަން ވެސް ވަކި ކުޑައެއް ނުވާނެ އެވެ.

މުބާރާތުގައި މިރޭ ކުޅޭ ފައިނަލްތައް. މިރެއަކީ ރާއްޖޭގެ ޗެމްޕިއަނުންގެ ގިނަ ފައިނަލްތަކެއް ފެންނާނެ ރެޔެއް.

މިރޭ ކުޅޭ ފައިނަލް ތަކުގެ ތެރެއިން ބ. އަދި ޅ. އަތޮޅުން ޒޯން ބުރުގެ ޖާގަ ލިބޭނީ ހަމައެކަނި ޗެމްޕިއަން ޓީމަށެވެ. އެހެންވެ އެ ދެ އަތޮޅުގެ ފައިނަލް އިތުރަށް ހާއްސަވެ ފޯރިގަދަވާނެ އެވެ.

ތ. އަތޮޅުގެ ފައިނަލުގައި ވާދަކުރާ ތިމަރަފުއްޓާއި ހިރިލަންދޫ އަދި ލ. އަތޮޅު ފައިނަލުގައި ވާދަކުރާ ގަމާއި އިސްދޫ އަށް ވަނީ ޒޯން ބުރުން ފުރުސަތު ލިބިފަ އެވެ. އެކަމަކު މުބާރާތުގެ ހައިބަތާއި، ކާމިޔާބީ މިނެކިރާއެކު އަތޮޅު ތައްޓަކީ އެއްވެސް ރަށަކުން ދޫދޭނެ ތައްޓެއް ނޫނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!