ފުރަތަމަ ސަފްޙާ / ޚަބަރު / ސިޓީ އަށް 22 ވަނަ، ކުރިއަށް އޮތީ އުނދަގޫ އިމްތިހާނެއް

ސިޓީ އަށް 22 ވަނަ، ކުރިއަށް އޮތީ އުނދަގޫ އިމްތިހާނެއް

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 30 ޖެނުއަރީ 2025

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭ ނިމުނުއިރު، މެންޗެސްޓާ ސިޓީ މޮޅުވެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ރޭ އަމިއްލަ ދަނޑުގައި ސިޓީ ވަނީ ބެލްޖިއަމްގެ ކްލަބް ބްރޫޖް ފަހަތުން އަރައި 1-3 އިން ބަލިކޮށްފަ އެވެ. މޮޅާ އެކު ސިޓީ ޕްލޭއޮފަށް ކޮލިފައިވަނީ ގަދަ 24 ޓީމުގެ ތެރެއިން 22 ވަނަ ހޯދައިގެންނެވެ. މުބާރާތުގައި ކުޅޭ 36 ޓީމުގެ ތެރެއިން ކެޓީ 24 ވަނައިން ދަށުގައި ނިންމާލި ކްލަބްތަކެވެ.

ރޭގެ މެޗުގައި ފުރަތަމަ ހާފުގެ ފަހުމިނެޓުގައި ލީޑު ނެގީ ކްލަބް ބްރޫޖުންނެވެ. އެކަމަކު ސިޓީން ވަނީ ޕްރެޝަރުގައި ކުޅެ ދެވަނަ ހާފުގައި ތިން ގޯލު ކާމިޔާބުކޮށްފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 53 ވަނަ މިނެޓުގައި ޖެހީ މަޓެއޮ ކޮވަސިޗެވެ. ދެވަނަ ގޯލަކީ ބްރޫޖުގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސިޓީގެ ފަހު ގޯލު 77 ވަނަ މިނެޓުގައި ޖެހީ ސަވީނިއޯ އެވެ.

ލީގު ބުރުގެ ގަދަ 8 ޖާގަ ކަށަވަރުކުރީ އެއްވަނަ ހޯދި ލިވަޕޫލް، ބާސެލޯނާ، އާސެނަލް، އިންޓަ މިލާން، އެތުލެޓިކޯ މެޑްރިޑް، ބަޔާ ލެވަކޫސެން، ފްރާންސްގެ ލިލް އަދި އިނގިރޭސި ކްލަބް އެސްޓަން ވިލާ އެވެ. އެ 8 ޓީމު ދެން ވާދަކުރާނީ ގަދަ 16 ގެ ނޮކައުޓް ބުރުގަ އެވެ. އޭގެކުރިން ޕްލޭއޮފަށް ހޮވުނު 16 ޓީމުގެ ޕްލޭއޮފް މެޗުތައް ކުޅޭނެ އެވެ.

ދެ ލެގުގެ ޕްލޭއޮފްގައި ވާދަކުރާ މަޝްހޫރު ޓީމުތަކުގެ ތެރޭގައި ސިޓީގެ އިތުރުން ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، ޕީއެސްޖީ، އޭސީ މިލާން އަދި ޔުވެންޓަސް ހިމެނެ އެވެ.

ޓީމުތައް އެތުރިފައިވާ ގޮތަށް ބަލާއިރު ސިޓީ ޕްލޭއޮފް މެޗުގައި ވާދަކުރަން ޖެހޭނީ ރެއާލް މެޑްރިޑް ނުވަތަ ބަޔާން މިއުނިކާ އެވެ. ގަދަ 16 ގެ ބާކީ 8 ޖާގަ ލިބޭނީ ޕްލޭއޮފް މެޗުތަކުން ކުރި ހޯދާ ޓީމުތަކަށެވެ. އެހެންވެ، ސިޓީ ޕްލޭއޮފް ބުރަށް ކޮލިފައިވިޔަސް ގަދަ 16 ގެ ޖާގައެއް ހޯދަން އޮތީ އުނދަގޫ ދަތުރެކެވެ.

ރޭ ލިވަޕޫލް ވަނީ މުހިއްމު ކުޅުންތެރިން ނުލައި ރަށުން ބޭރުގައި ޕީއެސްވީ އަތުން 2-3 އިން ބަލިވެފަ އެވެ. ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި އެޓަލާންޓާއާ ވާދަކޮށް 2-2 އިން އެއްވަރުވެފަ އެވެ. ބަޔާން މިއުނިކް އަމިއްލަ ދަނޑުގައި 1-3 އިން ސްލޮވަން ބްރަޓިސްލާވާ ބަލިކުރިއިރު ބްރެސްޓް ދަނޑުގައި ރެއާލް ވަނީ 3-0 އިން މޮޅުވެފަ އެވެ.

އޭސީ މިލާން ޕްލޭއޮފަށް ވެއްޓުނީ ރަށުން ބޭރުގައި ޑީނަމޯ ޒަގްރެބް އަތުން 1-2 އިން ބަލިވުމުންނެވެ. އާސެނަލް ވަނީ ރަށުން ބޭރުގައި ޖިރޯނާ 2-1 އިން ބަލިކޮށްފަ އެވެ.

އިންޓަ މިލާނުން އަމިއްލަ ދަނޑުގައި މޮނާކޯ 0-3 އިން ބަލިކުރި އެވެ. ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި ބެންފީކާ އަތުން 2-0 އިން ބަލިވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!