ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ސިޓީ މިރޭ ސަލާމަތްވާނެތަ؟

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ސިޓީ މިރޭ ސަލާމަތްވާނެތަ؟

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 29 ޖެނުއަރީ 2025

ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓުބޯޅަ މުބާރާތްކަމުގައިވާ، ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރެއަކީ އަނެއްކާވެސް ވަރަށް ފޯރި ގަދަ މެޗުތަކެއް ކުޅެވޭނެ ރެއެކެވެ. އެގޮތުން މިރޭ ރާއްޖޭ ގަޑިން ދަންވަރު 1 ޖަހާއިރު، މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނެ އެވެ. އެއްގަޑިއެއްގައި ކުޅޭ މިރޭގެ މެޗުތަކަށްފަހު ސީދާ ގަދަ 16 އަށް ދާނެ ޓީމުތަކާއި، ނޮކްއައުޓް ޕްލޭއޮފްތަކަށް ދާނެ ޓީމުތައް އަދި މި އަހަރުގެ މުބާރާތުން ކަޓާނެ ޓީމުތައް ވެސް އެނގިގެންދާނެ އެވެ.

އާ ފޯމެޓަށް ކުޅޭ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގަދަ 16 އިން ޖާގަ ހޯދާފައިވާ ލިވަޕޫލް ނުކުންނާނީ ނެދަލޭންޑްސްގެ ޕީއެސްވީއާ ދެކޮޅަށެވެ. ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު ޕީއެސްވީ އޮތީ މިވަގުތު ތާވަލުގެ 11 ވަނާގައި ނޮކްއައުޓް ޕްލޭ އޮފް ޖާގައެއްގެ ހޯދުމުގެ އުންމީދުގަ އެވެ.

އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅޭ މެޗަކީ ގިނަބަޔަކު އެންމެ އިންތިޒާކުރާ މެޗެވެ. ސަބަބަކީ ޗެމްޕިއަންސް ލީގުގައި އިތުރަށް ކުރިޔަށް ދިޔުމަށް މިރޭ ބެލްޖިއަމްގެ ކްލަބް ބުރޫޖް އަތުން މޮޅުވާން މަޖުބޫރުވާނެތީ އެވެ. ފަހަކަށް އައިސް މެންޗެސްޓާ ސިޓީގެ ފަރާތުން ބައެއް މެޗުތަކުގައި ދައްކަމުންދާ ދަށް ކުޅުމުގެ ސަބަބުން މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް އެނބުރިދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެ އެވެ. ކްލަބް ބުރޫޖަށް މިސީޒަނުގައި މިހާތނަށް ކުރިމަތިލާންޖެހޭނެ އެންމެ މުހިންމު އަދި އެންމެ އުނދަގޫ މެޗަށް އެޓީމު ވެސް ދަނީ ތައްޔާރުވަމުންނެވެ. ސަބަބަކީ މެޗުގެ ނަތީޖާ އަންނަ ގޮތަކުން އެޓީމަށް ޗެމްޕިއަންސް ލީގުގައި އިތުރަށް ކުރިޔަށް ދިޔުމުގެ ފުރުސަތު އޮންނާނެތީ އެވެ. މެންޗެސްޓާ ސިޓީގެ ދަނޑުގައި ކުޅޭ މިމެޗަކީ އެކްލަބްގައި ކުޅޭ ތަރިން އެންމެ މޮޅު ކުޅުން ދައްކަން މަޖުބޫރު މެޗެވެ. އެހެންނޫނީ ސިޓީ ޗެމްޕިއަންސް ލީގުން ކަޓައި ބޮޑު ހައިރާންކަމެއް އައުމުގެ ފުރުސަތު އެބައޮތެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ސްޕެއިންގެ ރެއާލް މެޑްރިޑް ނުކުންނާނީ ފްރާންސްގެ ބްރެސްޓާ ދެކޮޅަށެވެ. އެހެން އަހަރުތަކާއި އަޅާބަލާއިރު ގްރޫޕް ސްޓޭޖުގައި އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވި، ރެއާލް މެޑްރިޑް އުޅެނީ ތާވަލުގެ 16 ވަނައިގަ އެވެ. އެހެންނަމަވެސް މިރޭގެ މެޗުން މޮޅުވެ ގަދަ 16 އަށް ކޮލިފައިވުމުގެ ފުރުޞަތު ރެއާލްއަށް އެބައޮތެވެ.

ޓޭބަލްގެ ދެވަނާގައި މިވަގުތު އޮތް ސްޕެއިންގެ ބާސެލޯނާ ނުކުންނާނީ އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށެވެ. ބާސެލޯނާ މިހާރުވެސް ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފައިވާއިރު، އެޓަލާންޓާ ވެސް މިވަގުތު އޮތީ ތާވަލުގެ 7 ވަނައިގައި، ގަދަ 16 އަށް ދެވޭ ހިސާބެއްގަ އެވެ. އެހެންމަވެސް މިރޭގެ މެޗުގައި ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެނަމަ، އަދި އެ މަގާމަށް ވާދަކުރާ އެހެން ޓީމުތަކުގެ މެޗުތަކުގެ ނަތީޖާ އަންނަ ގޮތަކުން އެޓަލާންޓާ ނޮކްއައުޓް ޕްލޭއޮފް އަށް ދިމުމުގެ ފުރުސަތު އެބައޮތެވެ. އެޓަލާންޓާ ވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު 7 މެޗްގެ ތެރެއިން 4 މެޗް ކާމިޔާބުކޮށް 2 މެޗުން އެއްވަރުވެ، އަދި 1 މެޗުން ބަލިވެފަ އެވެ. ބާސެލޯނާ ވެސް އެއަދަދަށް މެޗްކުޅެފައިވާއިރު އެޓީމު ވަނީ 6 މެޗުން މޮޅުވެ ފްރާންސްގެ އޭއެސް މޮނާކޯ އަތުން ބަލިވެފަ އެވެ. އެ ހުރިހާ ކަމަކަށް ބަލާއިރު މެޗުގެ ފޯރި ކުޑަނުވާނެކަން ޔަގީނެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް، އޮސްޓްރިއާގައި އެގައުމުގެ ރެޑްބުލް ސާލްޒްބާގާ ދެކޮޅަށް ކުޅޭ މެޗަކީވެސް އެތުލެޓިކޯ އަށް މުހިންމެ މެޗަކަށް ވެގެންދާނެ އެވެ. ސަބަބަކީ އެތުލެޓިކޯ އަށް މިރޭގެ މެޗުން މޮޅުވެގެން ގަދަ 16 ގެ ޖާގަ ކަށަވަރު ކުރެވޭނެތީ އެވެ. ސާލްޒްބާގަކީ ކުޅުނު 7 މެޗުން 3 ޕޮއިންޓް ލިބި މިހާރުވެސް މުބާރާތުން ކަޓާފައިވާ ޓީމެކެވެ.

ޖަރުމަނުގެ ސްޓަޓްގާޓް އަދި ޕްރާންސްގެ ޕީއެސްޖީ ބައްދަލުކުރާ މެޗްގައި ދެޓީމަށްވެސް ޕޮއިންޓެއް ލިބިއްޖެނަމަ، އެ ދެޓީމުވެސް ގަދަ 16 ގެ ޕްލޭ އޮފްއަށް ކޮލިފައިވާނެ އެވެ. ބައެއްފަރާތްތަކުން މިމެޗު އެއްވަރުކޮށް ނިންމުމަށް ދެޓީމުގެ ފަރާތުން މަސައްކަތްކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެމުން ޕީއެސްޖީގެ ކޯޗް ލުއިސް އެންރީކޭ ބުނެފައިވަނީ ޕީއެސްޖީގެ ފަރާތުން ފެއާ ޕްލޭ އަށް އިހުތިރާމު ކުރާނެކަމާއި، އެޓީމު އަމާޒަކީ މެޗުން މޮޅުވުން ކަމަށެވެ.

އިންޓަ މިލާން އަދި އޭއެސް މޮނާކޯ ބައްދަލުކުރާ މެޗަށްވެސް ގިނަ ބައެއްގެ ނަޒަރު ހުއްޓިގެން ދާނެ އެވެ. މިމެޗުން ޕޮއިންޓެއް ހޯދައިގެން އިންޓަ މިލާނަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޖާގަ ލިބޭއިރު މޮނާކޯއަށް ވެސް މި މެޗު މުހިންމު ވަނީ ޗެމްޕިއަންސް ލީގުގައި އިތުރަށް ކުރިއަށް ދިޔުމަށެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓަށް ބަލާއިރު 9 ގޯލާއިއެކު 1 ވަނައިގައި އުޅެނީ ބާސެލޯނާގެ އިތުބާރު ފޯވާޑު ރޮބާޓް ލެވެންޑޯސްކީ އެވެ. ދެވަނައިގައި 8 ގޯލު ޖަހައިގެން ބާސެލޯނާގެ ރަފީނިއާ އޮތްއިރު، ތިން ވަނައިގައި އުޅޭ ބޮރޫޝިއާ ޑޯޓްމަންޑްގެ ގުރައިސީ އާއި ރެއާލް މެޑްރިޑްގެ ވިނީޝިއަސް، ވަނީ ކޮންމެ ކުޅުންތެރިއަކު 7 ގޯލު ކާމިޔާބު ކޮށްފަ އެވެ.

މިހާތަނަށް ކުޅެވުނު 7 މެޗަށް ބަލާއިރު އެންމެ ގިނަ ގޯލު ކާމިޔާކޮށްފައިވާ ޓީމަކީ ސްޕެއިންގެ ބާސެލޯނާ އެވެ. އެޓީމު ޖުމްލަ 26 ގޯލު ކާމިޔާބުކޮށްފައިވާއިރު، 19 ގޯލާއިއެކު ގޯލު ލިސްޓުން 2 ވަނަ ހޯދަނީ ޖަރުމަނުގެ ބޮރޯޝިއާ ޑޯޓްމަންޑެވެ. އަދި އިޓަލީގެ އެޓަލާންޓާ 18 ގޯލު ކާމިޔާބުކޮށްފައި ވާއިރު، ސްޕެއިންގެ ރެއާލް މެޑްރިޑާއި، ޖަރުމަނުގެ ބަޔާން މިއުނިކް އަދި ނެދަލޭންސްގެ ފެޔެނޫޑް ވަނީ ކޮންމެ ޓީމަކުން 17 ގޯލު މިހާތަނަށް ޖަހައިފަ އެވެ.

ކޮންމެއަކަސް ފުޓްބޯޅަ ސަޕޯޓަރުންގެ އާއިލާއިން އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މިހާރު އިންތިޒާކުރާނީ މިމެޗްތަކުގެ ނަތީޖާ ތަކަށެވެ. އެފަރާތްތައް ސަޕޯޓު ކުރާ ކްލަބްތަކަށް ރަނގަޅު ނަތީޖާތަކެއް ލިބުމަށް އެދިއެދި ތިބެ އެވެ. އާ ފޯމޭޓުގައި ކުޅޭ ފުރަތަމަ ޗެމްޕިއަންސް ލީގާ އެކު ސިހުން ގެންނާނެ އެތައް ކަމެއް މިރޭ ހިނގުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!