މެންޗެސްޓާ ސިޓީއަށް މި ސީޒަނުގައި ކުރިމަތިވި ބޮޑު އަޑިގަޑުން އަރައިގަތުމަށްޓަކައި އެކްލަބުން މިހާތަނަށް އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ މިސްރުގެ އޮމަރު މާމޫޝް ގެނައުމެވެ. ޖަރުމަނުގެ އެއިންޓްރަކް ފްރޭންކްފަޓަށް ކުޅެމުން އައި މި ފޯވާޑް ސިޓީން ގަނެފައިވަނީ 73.6 މިލިއަން ޑޮލަރަށެވެ.
ސިޓީއަށް މި ސީޒަނުގައި ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލައަކަށްވީ ލަނޑުޖެހުމުގައި ހަމައެކަނި ނޯވޭގެ އާލިން ހާލަންޑަށް މާ ބޮޑަށް ބަރޯސާވާންޖެހުމެވެ. އެކަމަކު މިދިޔަ ދެ ސީޒަނާ ހިލާފަށް މިފަހަރުގެ ސީޒަނުގައި ހާލަންޑް ފެނުނީ މާބޮޑަށްވެސް ދަށްކޮށެވެ. މީގެ އިތުރުން ސިޓީން އުފައްދާ ހަމަލާތަކުގައި ދެން އެންމެ އިސް ރޯލެއް އަދާކުރަން ތިބި އިނގިރޭސި ދެ ކުޅުންތެރިން ކަމަށްވާ ޖެކް ގްރީލިޝް އާއި ފިލް ފޯޑެންއަށް ވެސް ލިބޭ ފުރުސަތުތަކުގައި ބޯޅަ ދާގަނޑުގައި ތަތްކޮށްލުން މި ސީޒަންގައި ވަނީ އުނދަގޫ ކަމަކަށްވެފަ އެވެ. މި ސަބަބުތަކާ ހުރެ ސިޓީގެ އެޓޭކްތަކުގައި ބައިވެރިވާނެ ހުނަރުވެރި އާ ކުޅުންތެރިއަކު ހޯދަން އެ ކްލަބަށް މަޖުބޫރުވީ އެވެ.
ރަގަޅު ފޯވާޑެއް ހޯދަން ސިޓީން ކުރި މަސައްކަތުގެ މިސްރާބު އެންމެ ފަހުން އަމާޒު މިވީ ޖަރުމަނުގެ ބުންޑަސް ލީގާގައި ވަރަށް ފަހުން ވިދަން ފެށި މާމޫޝްއަށެވެ. ސިޓިން މާމޫޝްގެ ސޮއި ހޯދިއިރު ސިޓީއާ އެންމެ ވާދަވެރި ކްލަބްތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލާއި، އާސެނަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ވެސް އައީ އޭނާއަށް ފާރަލަމުންނެވެ. އެހެންނަމަވެސް އެހާ ފަހުން ވިދާލި ކުޅުންތެރިޔަކަށް ސިޓީން ބޮޑު އަގެއް ހުށަހެޅީ މާމޫޝްއާ މެދު އެ ކްލަބަށް އޮތް އިތުބާރެއްގެ ބޮޑު ކަމުން ކަން ޔަގީނެވެ.
އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު 26 އަހަރު ފުރޭ މާމޫޝްއަކީ މިވަގުތު ބުންޑަސް ލީގާގެ ތިންވަނައިގައި އޮތް ފްރެންކްފަޓްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މިސީޒަންގައި މިހާތަނަށް ފްރޭންކްފަޓުން ޖެހި 42 ގޯލުގެ ތެރެއިން 24 ގޯލުގައި މާމޫޝްގެ ސީދާ ބައިވެރިވުން އެބައޮތެވެ. މި ސަބަބާހުރެ ސީޒަންގެ މެދުތެރެއިން މާމޫޝް ދޫކޮށްލުން ވާނީ ޔަގީނުންވެސް އެ ކްލަބަށް ލިބޭނެ ބޮޑު ގެއްލުމަކަށެވެ. ފަހަރުގައި އޭގެ ނަތީޖާއެއްގެ ގޮތުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އެ ކްލަބުން ކުރަމުން އަންނަ މަސައްކަތް ފަނުފުލުން ދިއުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ މައްޗަށް މިފަހަރު ގަދަވެގަތީ ސިޓީން މާމޫޝްއަށް ހުށަހެޅި ބޮޑު އަގެވެ. މީގެ 18 މަސްކުރިން ހިލޭ ޓްރާންސްފާއެއްގައި ފްރޭންކްފަޓާ ގުޅުނު ކުޅުންތެރިޔަކަށް އެވަރުގެ އަގެއްގައި ވިއްކާލަން ލިބުނު ފުރުސަތު އެ ކްލަބަށް ދޫކޮށްލެވެން ނެތީ އެވެ.

ފްރެންކްފާޓްގައި ވިދާލި މިސްރުގެ މާމޫޝް. އޭނާ ވަނީ ބޮޑު އަގުގައި ސިޓީ އަށް ބަދަލުވެފަ
އަނެއްކޮޅުން ސިޓީއަށް މިވަގުތު ކުރިމަތިވެފައި އޮތް ލަނޑުނުޖެހުމުގެ މައްސަލައަށް މިވަގުތަށް ލިބެން އޮތް އެންމެ ރަގަޅު ހައްލަކީ މާމޫޝް ކަމުގައި ބެލެވެ އެވެ. މިގޮތުން މާމޫޝްއަކީ ފޯވާޑް ލައިން ލީޑްކުރެވޭ ވަރުގެ ގާބިލުކަން ހުރި ކުޅުންތެރިޔަކަށް ވުމުގެ އިތުރުން އަރިމަތިންވެސް މޮޅަށް ކުޅޭ ކުޅުންތެރިޔަކަށްވުމުން ސިޓީއާ އޭނާ ގުޅުމާއެކު ހާލަންޑަށް އޮތް ޕްރެޝަރު ކުޑަވެ ސިޓީގެ ފޯވާޑްލައިނަށް އިތުރު ދިރުމެއް އަންނާނެ ކަމަށް ގިނަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. ސިޓީގެ ފޯވާޑްލައިންގައި މުހިންމު ދައުރެއް އަދާކުރި އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް މިދިޔަ ހޫނު މޫސުމުގައި އެތުލެޓިކޯ މެޑްރިޑަށް ވިއްކާލުމަށްފަހު އޭގެ ބަދަލުގައި އިތުރު ފޯވާޑަކު ސިޓީން ނުހޯދުމުގެ ނަތީޖާއެއްގެ ގޮތުން ސީޒަންގެ ފުރަތަމަ ހާފު ނިމުނުއިރު އެކްލަބަށް އޮތީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ. މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި މެޗު ނިމުމުގެ ކުރިން ހާލަންޑް ބަދަލުކޮށްފައިވަނީ އެންމެ ދެފަހަރު އެވެ. ހާލަންޑްގެ އަސްލު ފެންވަރު މި ސީޒަނުގައި ނުފެނުމުގެ އެއް ސަބަބަކީ އެއީ ކަމުގައި ވުން ގާތެވެ.
މާމޫޝް އައުމާއެކު ހާލަންޑަށް ލުއި ލިބުމުގެ އިތުރުން އޭނާއާ އެކު ފޯވާޑް ލައިންގައި ދެވަނަ މީހެއްގެ ގޮތުގައި މާމޫޝް ބޭނުންކުރުމަކީ ވެސް ސިޓީގެ ހަމަލާތައް އިތުރަށް ވަރުގަދަވެ، އެ ކުލަބަށް މި ސީޒަންގައި ދިމާވެފައި އޮތް ލަނޑުނުޖެހުމުގެ މައްސަލައެއް ރަގަޅު ހައްލެއް ލިބޭނެ ކަމެއް ކަމަށް ބެލެވެ އެވެ. މީގެ އިތުރުން މާމޫޝްއަކީ ކޮށްޓުމުގައި އަރާހުރި ކުޅުންތެރިޔަކަށް ނުވިޔަސް އަރިމަތިން ކުޅޭއިރު ތޫނުފިލިކަން ދައްކާ ކުޅުންތެރިޔަކަށް ވުމާއެކު އެއީވެސް މާމޫޝްގެ ފައިދާ ސިޓީއަށް ނެގެން އޮތް ގޮތެއްގެ ކަމަށް ގަބޫލުކުރެވެ އެވެ. މީގެ އިތުރުން މާމޫޝްއަކީ އޭނާގެ ކެރިއަރުގެ ޕީކާއި ގާތްވެފައި ހުރި ކުޅުންތެރިޔަކަށްވުމާއެކު ކުރިއަށް އޮތް އަހަރުތަކުގައި އެ ކުޅުންތެރިޔާގެ ބޭނުން ސިޓީއަށް ވަރަށް ބޮޑަށް ހިފޭނެކަމަށް ބެލެވެ އެވެ.
މާމޫޝްއަށް ސިޓީގެ އިތުބާރު އޮތް ނަމަވެސް ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އެއީ އެ ކްލަބުން ނެގި ވަރަށް ބޮޑު ރިސްކެކެވެ. މިދިޔަ ސީޒަންގައި ފްރޭންކްފަޓާ ގުޅުނު މާމޫޝްގެ ފަރާތުން ތަފާތު ކުޅުމެއް ފެންނަން ފެށީ މި ސީޒަންގައި ފާއިތުވެގެން މިދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގަ އެވެ. އެ ކުޅުން މާމޫޝްއަށް ސިޓީގައި ތަކުރާރު ކުރެވިދާނެތޯ އެއީ އެންމެ ބޮޑު ސުވާލެވެ. ބަލަން ތިބެމާ ހިނގާށެވެ.