އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ބްރޫނޯ ފެނާންޑޭސް ޖެހި ގޯލާ އެކު ޔޫއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭންޖާސް 1-2 އިން ބަލިކޮށްފި އެވެ.
މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލަކީ ދެވަނަ ހާފުގައި ރޭންޖާސްގެ ގޯލްކީޕަރު ޖެކް ބުޓްލެންޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ރޭންޖާސް އިން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ސިރިއެލް ޑެސާސް އެވެ.
މެޗުން ޔުނައިޓެޑް މޮޅުވީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ފެނާންޑޭސް ޖެހި ގޯލުންނެވެ. ލިސަންޑްރޯ މާޓިނޭޒް ނަގައިދިން ބޯޅަ ފެނާންޑޭސް ގޯލަށް ވައްދާލީ އެއް ފަހަރުން ޖަހަ އެވެ.
ލީގު ބުރުގައި ޔުނައިޓެޑް މިހާރު އޮތީ ހަތަރު ވަނައިގަ އެވެ. ފަހު މެޗުގައި ޔުނައިޓެޑް ނުކުންނާނީ ރުމޭނިއާގެ އެފްސީއެސްބީއާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްފިނަމަ ގަދަ 16 ގެ ޖާގައެއް ޔުނައިޓެޑަށް ކަށަވަރުވާނެ އެވެ. ރޭންޖާސް މިވަގުތު އޮތީ 13 ވަނައިގަ އެވެ.
ޔޫރޮޕާ ލީގުގެ އެހެން ނަތީޖާތަކަށް ބަލާއިރު ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި 3-2 އިން ހޮފެންހެއިމް ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ޕޯޓޯ 1-0 އިން އޮލިމްޕިއާކޯސް އަތުން ބަލިވިއިރު އެއިންޓްރަކް ފްރެންކްފާޓް ވަނީ އަމިއްލަ ދަނޑުގައި ފެރެންވަރޯސް 0-2 އިން ބަލިކޮށްފަ އެވެ.
ޔޫރޮޕާ ލީގު ގްރޫޕް ސްޓޭޖުގެ އެއް ވަނައިގައި އޮތީ 19 ޕޮއިންޓާ އެކު ލާޒިއޯ އެވެ. ދެ ވަނައިގައި އޮތް ފްރެންކްފާޓާއި ތިން ވަނައިގައި އޮތް އެތުލެޓިކް ކްލަބުން ވަނީ 16 ޕޮއިންޓް ހޯދާފަ އެވެ. ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. 14 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ ހަ ވަނައިގަ އެވެ.