ފުރަތަމަ ސަފްޙާ / ޚަބަރު / ޕީއެސްޖީ އިން ދިން ރައްދު ހަމަލާތަކާ އެކު ސިޓީގެ ހާލު ސީރިއަސްވެއްޖެ

ޕީއެސްޖީ އިން ދިން ރައްދު ހަމަލާތަކާ އެކު ސިޓީގެ ހާލު ސީރިއަސްވެއްޖެ

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 23 ޖެނުއަރީ 2025

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި 2-4 އިން ޕީއެސްޖީ އަތުން ބަލިވެ މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ކެޓުމުގެ ބިރާ މަޝްހޫރު މެންޗެސްޓާ ސިޓީ ކުރިމަތިލާން ޖެހިއްޖެ އެވެ.

ލީގު ބުރުގައި ހިމެނޭ 36 ޓީމުގެ ތެރެއިން ސިޓީ މިވަގުތު އޮތީ 25 ވަނައިގަ އެވެ. އެޓީމަށް 7 މެޗުން ލިބުނީ އެންމެ 8 ޕޮއިންޓެވެ. ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ސީދާ ޖާގަ ގަދަ 8 ޓީމަށް ލިބޭއިރު ޕްލޭއޮފް ޖާގަތައް ލިބޭނީ 9 އިން 24 ވަނައާ ދެމެދު ނިންމާލާ ޓީމުތަކަށެވެ. އެގޮތަށް ބަލާއިރު ސިޓީ މިހާރު އޮތީ ކަޓާ ހާލަތުގަ އެވެ.

ރޭގެ މެޗުގެ ހުރިހާ ގޯލެއްވެސް ފެނުނީ ދެވަނަ ހާފުގަ އެވެ. ސިޓީ އިން އެންމެ ފުރަތަމަ ދެ ގޯލުގެ ލީޑެއް ނެގި އެވެ. މެޗުގެ 50 އަދި 53 ވަނަ މިނެޓުގައި، އެގޯލުތައް ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝް އާއި އާލިން ހާލަންޑް އެވެ. އެކަމަކު ދެން ފެނުނީ ޕީއެސްޖީ މުޅި މެޗު އެޓީމު ކޮޅަށް އަނބުރާލި ތަނެވެ.

ޕީއެސްޖީގެ ރައްދު ހަމަލާތައް ކާމިޔާބުކުރަން ފެށީ 56 ވަނަ މިނެޓުން ފެށިގެންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ. އޭގެ ހަތަރު މިނެޓް ފަހުން ބްރެޑްލީ ބާކޯލާގެ ގޯލުން ނަތީޖާ ހަމަހަމަކުރި އެވެ. ޕީއެސްޖީ އަށް މެޗުގައި ލީޑު ނަގައިދިން ތިން ވަނަ ގޯލު 78 ވަނަ މިނެޓުގައި ޖެހީ ޔާއޯ ނެވޭސް އެވެ. ޕީއެސްޖީގެ މޮޅު އިތުރަށް ފުރިހަމަކޮށްދިން ހަތަރު ވަނަ ގޯލު އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޖެހީ ގޮންކާލޯ ރާމޯސް އެވެ.

ލީގު ބުރުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި އަންނަ ބުދަ ދުވަހު ސިޓީ ނުކުންނާނީ ކްލަބް ބްރޫޖާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ސިޓީ އަށް މުބާރާތުގެ ޕްލޭއޮފް ޖާގައެއް ލިބިދާނެ އެވެ.

ސިޓީ ބަލިކުރި ޕީއެސްޖީ ވަނީ 10 ޕޮއިންޓާ އެކު 21 ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. ރޭގެ މެޗަށް ނުކުތްއިރު ޕީއެސްޖީ ވެސް އޮތީ ކަރުތާފެނުގަ އެވެ. މޮޅާ އެކު މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދެއް އެޓީމަށް ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރުތަކުގައި ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ދިޔައީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު މި ސީޒަނުގައި އެޓީމު ފޯމު ގެއްލި މެޗަކުން މޮޅުވަނީ ވަރަށް ހާލުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!